ޚަބަރު

ރެއާލްއިން ބޭނުންވަނީ ކުލަބު ވޯލްޑް ކަޕުގެ ކުރިން އާނޯލްޑުގެ ސޮއި ހޯދަން


ސްޕެއިންގެ ރެއާލް މެޑްރިޑުން މަސައްކަތް ކުރަމުންދަނީ ކުރިއަށް އޮތް ފީފާ ކުލަބު ވޯލްޑް ކަޕުގެ ކުރިން ލިވަޕޫލްގެ ޑިފެންޑަރު ޓްރެންޓް އެލެކްޒެންޑަރ-އާނޯލްޑުގެ ސޮއި ހޯދުމަށް ކަމަށް މީޑިއާ ރިޕޯޓުތައް ބުނެފިއެވެ.

އާނޯލްޑް އާއިއެކު ލިވަޕޫލް އިން ހަދާފައިވާ އެއްބަސްވުމުގެ މުއްދަތު މި ސީޒަނުގެ ނިޔަލަށް ހަމަވާއިރު މިދިޔަ ހޯމަ ދުވަހު އޭނާ ވަނީ މި ސީޒަނަށްފަހު ލިވަޕޫލް ދޫކޮށްލާނެކަން ރަސްމީކޮށް އިއުލާން ކޮށްފަ އެވެ.

މީޑިޔާ ރިޕޯޓްތައް ބުނާ ގޮތުގައި ހިލޭ ޓްރާންސްފަރއެއްގެ ދަށުން އާނޯލްޑް ރެއާލް މެޑްރިޑާއި ގުޅޭއިރު އެ ކްލަބުން އޭނާއަށް 1 މިލިއަން ޔޫރޯގެ ފީއެއް ދޭނެ އެވެ.

ފާއިތުވެދިޔަ ހަތަރު ވަރަކަށް މަސް ދުވަހުގެ ތެރޭގައި ކެނޑިނޭޅި ދެކެވެމުންދިޔަ ވާހަކަތަކުގެ ތެރޭގައި އާނޯލްޑް ރެއާލް މެޑްރިޑާއި ގުޅޭނެކަމުގެ ވާހަކަތައް ހިމެނެ އެވެ. ނަމަވެސް ލިވަޕޫލްއިން ފުރަތަމަ އެކަން ދޮގު ކުރުމަށްފަހު އެކަމާއި ގުޅޭ ގޮތުން ފަހުން ވާހަކަ ދައްކާފައެއް ނުވެއެވެ.

ލިވަޕޫލްގެ އެކަޑެމީއިން ފުޓްބޯޅަ ކުޅެން ފެށި އާނޯލްޑް ވަނީ ލިވަޕޫލްގައި ހޭދަކުރި ދުވަސްތަކުގައި އިނގިރޭސި ޕްރިމިއާ ލީގު ދެ ފަހަރު, ޔުއެފާ ޗެމްޕިއަންސް ލީގު އެއް ފަހަރު އަދި ފީފާ ކްލަބް ވޯލްޑްކަޕް ލިވަޕޫލް އާއިއެކު ހޯދާފަ އެވެ.

އަންނަ ޖޫން މަހުގެ 14 ވަނަ ދުވަހު އެމެރިކާގައި ފެށުމަށް ހަމަޖެހިފައިވާ ފީފާ ކްލަބް ވޯލްޑް ކަޕަށް ޓީމުތައް ވަރުގަދަ ކުރަން ފުރުސަތު ދިނުމުގެ ގޮތުން ފީފާއިން ވަނީ މި ފަހަރު ކުޅުންތެރިން ހޯދުމަށް ހާއްސަ ހުއްދައެއް ކްލަބްތަކަށް ދޭން ނިންމާފަ އެވެ. އެގޮތުން ޖޫން 1 އިން 10 އަށް ކުޅުންތެރިން ހޯދުމުގެ ފުރުސަތު ކްލަބްތަކަށް ލިބިގެންދާނެ އެވެ.