ސިންގަޕޫރުގެ ބޮޑުވަޒީރު ކަމުގެ އައު ދައުރަކަށް ލޮރެންސް ވޮންގ އިންތިޚާބުވެވަޑައިގަތުމާއި ގުޅިގެން ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުއިއްޒު އެމަނިކުފާނަށް މަރުހަބާ ވިދާޅުވެއްޖެއެވެ.
ސިންގަޕޫރުގައި ވެރިކަން ކުރާ ޕީޕަލްސް އެކްޝަން ޕާޓީ (ޕީއޭޕީ)ން ވިދިވިދިގެން 14ވަނަ ޢާންމު އިންތިޚާބު ކާމިޔާބުކޮށް، ހަ ދަހަރަށް ދެމިގެން ގޮސްފައިވާ އެ ޕާޓީގެ ވެރިކަން މިވަނީ ދަމަހައްޓާފައެވެ.
ރައީސުލްޖުމްހޫރިއްޔާ ސޯޝަލް މީޑިއާގައި ކުރެއްވި ޕޯސްޓްގައި ވިދާޅުވީ، ސިންގަޕޫރުގެ އިންތިޚާބު ކާމިޔާބުކުރައްވައި ބޮޑުވަޒީރުކަމުގެ އައު ދައުރަކަށް ލޮރެންސް ވޮންގ އިންތިޚާބުވެވަޑައިގެންނުމާއި ގުޅިގެން މަރުހަބާ ދަންނަވާކަމަށެވެ.
Warm congratulations to Prime Minister @LawrenceWongST on the significant victory in Singapore’s general election.
— Dr Mohamed Muizzu (@MMuizzu) May 5, 2025
Wishing much success in your responsibilities as you lead Singapore in this new term. Looking forward to deepening the long standing partnership & friendship…
ލޮރެންސް ވޮންގްގެ ބޮޑުވަޒީރުކަމުގެ އައު ދައުރުގައި ސިންގަޕޫރަށް އިތުރު ކާމިޔާބީ ގެނެސްދެއްވާނެކަމަށް އުންމީދުކުރައްވާކަމަށް ރައީސް ވަނީ ވިދާޅުވެފައެވެ. އަދި ރާއްޖެއާއި ސިންގަޕޫރާއި ދެމެދު އޮތް ޒަމާންވީ ގާތް ގުޅުން އިތުރަށް ބަދަހިވެގެންދާނެކަމަށް އުންމީދުކުރައްވާކަމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒުގެ މެސެޖްގައި ވަނީ ވިދާޅުވެފައެވެ.
1965ވަނަ އަހަރު ސިންގަޕޫރަށް މިނިވަންކަން ލިބުނު އިރުވެސް އެ ޤައުމުގައި ވެރިކަން ކުރަމުން ދިޔައީ ޕީއޭޕީންނެވެ. އެ ޕާޓީން އިންތިޚާބު ކާމިޔާބު ކޮށްފައި ވަނީ ޤާނޫނު ހަދާ މަޖިލީހުގައި އިންތިޚާބަށް ހުޅުވައިލާފައިވާ 97 ގޮނޑީގެ ތެރެއިން 87 ދާއިރާއިން ކާމިޔާބީ ހޯދައިގެންނެވެ. އޭގެ ތެރެއިން 33 ދާއިރާއަކުން ޕީއޭޕީ ވަނީ ބޮޑު އަޣުލަބިއްޔަތެއް ކާމިޔާބު ކޮށްފައެވެ.