އިނގިރޭސި ޕްރިމިއާ ލީގުގައި ރޭ މެންޗެސްޓަރ ޔުނައިޓެޑް އާއި ދެކޮޅަށް ބްރެންޓްފަޑް ކުޅުނު މެޗު 4-3 ގެ ނަތީޖާއަކުން ބްރެންޓްފަޑް މޮޅުވެ އަންނަ ސީޒަނުގައި ޔޫރަޕްގެ ފުޓްބޯޅައިގެ ފުރުސަތު ބޮޑުކޮށްފި އެވެ.
މި މެޗުން ބްރެންޓްފަޑް މޮޅުވުމާއިއެކު އެ ޓީމަށް ވަނީ ލީގުގައި މިހާތަނަށް ކުޅުނު 35 މެޗުން 52 ޕޮއިންޓާއެކު ތާވަލުގެ 9 ވަނަ މަގާމް ލިބިފަ އެވެ. މެންޗެސްޓަރ ޔުނައިޓެޑަށް 35 މެޗުން ލިބިފައިވާ 39 ޕޮއިންޓާއެކު އެ ޓީމު އޮތީ ތާވަލުގެ 15 ވަނައިގަ އެވެ.
ބްރެންޓްފަޑްގެ ދަނޑުގައި ކުޅުނު މި މެޗަށް މެންޗެސްޓަރ ޔުނައިޓެޑް ނިކުތްއިރު އެ ޓީމުގެ ކޯޗު ރުބެން އަމޮރިމް ވަނީ ގިނަ ބަދަލުތަކެއް ގެނެސްފަ އެވެ. ޔޫރޮޕާ ލީގުގެ ސެމީ ފައިނަލުގެ ދެވަނަ ލެގުގައި އެތްލެޓިކް ބިލްބާއޯ އާއި ދެކޮޅަށް ނިކުންނައިރު, ފުރަތަމަ ލެގުން ޔުނައިޓެޑް ވަނީ 3-0 ގެ ނަތީޖާއަކުން މޮޅުވެފަ އެވެ.
ދެ ޓީމުގެ ފަރާތުންވެސް ފޯރިގަދަ ކުޅުމެއް ފެނިގެން ގޮސްފައިވާ މި މެޗުގެ 14 ވަނަ މިނިޓުގައި މޭސަން މައުންޓް ވަނީ ލަނޑެއް ޖަހާ އެ ޓީމަށް ކުރި ހޯދަދީފަ އެވެ.
ނަމަވެސް އޭގެ 13 މިނިޓު ފަހުން ބްރެންޓްފަޑްގެ ކެޕްޓަން މިލެލް ޑަމްސްގާޑް ނަގައިދިން ހުރަހެއް ޔުނައިޓެޑްގެ ޑިފެންޑަރ ލޫކް ޝޯ ގެ ގައިގައި ޖެހިފައި ގޯލުގެ ތެރެއަށް ވަދެގެން މެޗުގެ ނަތީޖާ ވަނީ އެއްވަރުވެފަ އެވެ.
މި މެޗުގައި ބްރެންޓްފަޑް އިން ފުރަތަމަ ފަހަރަށް ކުރި ހޯދާފައިވަނީ މެޗުގެ 33 ވަނަ މިނިޓުގައި ކެވިން ޝޭޑް ކާމިޔާބުކޮށްދިން ލަނޑުންނެވެ.
މެޗުގެ ދެވަނަ ހާފުގައި ދެ ޓީމަށްވެސް ބަދަލުތަކެއް ގެނެސް ދެ ޓީމުގެ ކުޅުންވެސް ވަނީ އިތުރަށް ރަގަޅުކޮށްފަ އެވެ.
މި މެޗުގެ 70 ވަނަ މިނިޓުގައި ކެވިން ޝޭޑް ވަނި އިތުރު ލަނޑެއް ކާމިޔާބުކޮށް މެޗުގެ ނަތީޖާ 3-1 އަށް ބަދަލުކޮށްފަ އެވެ. މިއީ މި ސީޒަނުގައި އޭނާ ޖެހި 11 ވަނަ ލަނޑެވެ. އަދި އޭގެ ހަތަރު މިނިޓު ފަހުން ބްރެންޓްފަޑްގެ ޔޯން ވިއްސާ ވަނީ އިތުރު ލަނޑެއް ކާމިޔާބުކޮށްފަ އެވެ.
މެންޗެސްޓަރ ޔުނައިޓެޑުން މެޗުގެ ނަތީޖާ ބަދަލު ކުރުމަށް ކުރަމުންދިޔަ މަސައްކަތަށް ހިތްހަމަޖެހުމެއް ލިބިގެން ގޮސްފައިވަނީ މެޗުގެ 82 ވަނަ މިނިޓުގައި އާޖެންޓީނާގެ ފޯވަޑް އަލެހަންދްރޯ ގަރްނާޗޯ ކާމިޔާބުކޮށްދިން ލަނޑުންނެވެ.
އަދި މެޗުގެ އިތުރު ވަގުތުގެ ކުޅުމުގައި އަމަދް ދިއާލޯ ކާމިޔާބުކޮށްދިން ލަނޑާއެކު މެޗުގެ ނަތީޖާ ވަނީ 4-3 އަށް ބަދަލުވެފަ އެވެ.
ބްރެންޓްފަޑް އަށް ލީގުގައި ބާކީ އޮތް ތިން މެޗަކީ އިޕްސްވިޗް އާއި ފުލަމްގެ އިތުރުން ވުލްވްސް އާއި ދެކޮޅަށް ކުޅޭ ތިން މެޗެވެ. އެހެންކަމުން މި ތިން މެޗުން މޮޅުވެއްޖެނަމަ އެ ޓީމަށް ލީގުގެ ގަދަ އަށެއްގެ ތެރޭގައި ހިމެނި އަންނަ ސީޒަނުގައި ޔޫރަޕްގެ މުބާރާތާކުން ފުރުސަތު ލިބުމުގެ ފުރުސަތު ވަނީ ބޮޑުވެފަ އެވެ.