ޚަބަރު

ޓީސީ އާއި އޮޑި ބައްދަލުރި ފުރަތަމަ މެޗު ލަނޑެއް ނުޖެހި އެއްވަރު


އެފްއޭއެމް ލީގުކަޕްގެ ނަމުގައި ފެށި ފުޓްބޯޅަ މުބާރާތުގެ ފުރަތަމަ މެޗު ޓީސީ ސްޕޯޓްސް ކުލަބާއި އޮޑި ސްޕޯޓްސް ކުލަބަށް ލަނޑެއް ނުޖެހި އެއްވަރު ވެއްޖެއެވެ.

ގަލޮޅު ރަސްމީ ބޯޅަދަނޑުގައި ރޭ ކުޅެވުނު މުބާރާތުގެ ފުރަތަމަ މެޗުގައި ވަރަށް ވާދަވެރި ކުޅުމެއް ފެނިގެން ދިޔަ އިރު މިއީ ގިނަ ދުވަސްތަކެއްގެ މެދު ކެނޑުމަކަށް ފަހު މި ދެޓީމުވެސް ގަލޮޅު ދަނޑުގައި ކުޅުނު ފުރަތަމަ މެޗެކެވެ. އެގޮތުން ޓީސީ ސްޕޯޓްސް ކުލަބުން 2023 ވަނައަހަރުގެ ޑިސެމްބަރަށްފަހު މެޗެއް ކުޅެފައެއް ނުވެއެވެ. އަދި އޮޑި އެންމެފަހުން ކުޅުނީ އެ ކުލަބު ފުރަތަމަ ޑިވިޝަނަށް ޕްރޮމޯޓްވި މެޗުކަމަށްވާ 2024 ވަނަ އަހަރުގެ ފެބުރުއަރީމަހުގައި ކުޅުނު ދެވަނަ ޑިވިޝަނުގެ ފައިނަލް މެޗެވެ.

އެފްއޭމުން މުބާރާތެއް ނުބާއްވާތާ އަހަރަކަށްވުރެ ގިނަ ދުވަސްފަހުން މި ފެށި ލީގުކަޕް މުބާރާތަކީ ރާއްޖޭގެ ފުޓްބޯޅަ ސީޒަން ނުފެށި ދިގުލައިގެންދާތީ އިންތިޒާމުކުރި މުބާރާތެކެވެ. އެހެންނަމަވެސް ފުރަތަމަ ޑިވިޝަނުގެ ގިނަ ކުލަބުތަކުން މި މުބާރާތުގައި ބައިވެރިއެއް ނުވެއެވެ. ބައެއް ކުލަބުތަކުން ބުނީ މިމުބާރާތުގައި ބައިވެރިނުވީ ފައިސާ ނެތިގެން ކަމަށެވެ.

ރާއްޖޭގެ ފުޓްބޯޅަ ސީޒަން ފެށުން ކުރިން ތާވަލުކުރިގޮތަށް ކުރިޔަށް ނުގެންދެވި ފީފާގެ ލަފާގެމަތިން މިހާރު އޮތީ އޮގަސްޓްމަހަށް ފަސްކޮށްފައެވެ. އެހެންވެ އެފްއޭއެމްގެ ކަލަންޑަރުގައި ނުހިމެނޭ މުބާރާތެއް އެ އިދާރާއިން މި ބާއްވަނީ އެހާ ދުވަސްވަންދެން މުބާރާތެއް ނެތި އޮވެ ސާފް ޗެމްޕިއަންޝިޕަށް ރާއްޖޭން ދާން ޖެހިދާނެތީ އާއި ފުޅްބޯޅަ އަލުން ރޯލް ކުރުމުގެ ބޭނުމުގައެވެ. އެހެންނަމަވެސް ކުރިން މިއަހަރު ލަންކާގައި ބާއްވަން އުޅުނު ސާޕް ޗެމްޕިއަންޝިޕް ވަނީ އަންނަ އަހަރަށް ފަސްވެފައެވެ. ރާއްޖެއަށް ދެން އޮތީ އޭޝިއަންކަޕް ކޮލިފައިންގެ މެޗުތަކެވެ. އަދި އަންނަ މަހު ސިންގަޕޫރުގައި ކުޅޭ އެކުވެރިކަމުގެ މެޗަށް ގައުމީޓީމު އެގައުމަށް ދިއުމަށް ވަނީ ހަމަޖެހިފައެވެ.

ލީގުކަޕް ފުޓްބޯޅަ މުބާރާތަކީ ގައުމީ ޓީމުގެ ކުޅުންތެރިންގެ ބައިވެރިވުމާއި އެކު ކުރިޔަށްދާ މުބާރާތެކެވެ. އެގޮތުން އެންމެ ގިނަ ކުޅުންތެރިންތިބި މާޒިޔާ އިން މި މުބާރާތުގައި ބައިވެރިވެފައިވާއިރު، ފުރަތަމަ ޑިވިޝަނުގެ ޓީސީ އާއި އޮޑީގެ އިތުން މި މުބާރާތުގައި ވާދަ ކުރަނީ ދެވަނަ ޑިވިޝަނުގެ ނިއުރޭޑިއަން ސްޕޯޓް ކުލަބާއި މަހިބަދޫއެވެ.

މިމަހުގެ 28 ގެ ނިޔަލަށް ކުރިޔަށް ގެންދާ މި މުބާރާތުގައި މިއަދު ހަވީރު ކުޅޭ މެޗުގައި ބައްދަލުކުރާނީ މާޒިޔާ ސްޕޯޓްސް އެންޑް ރެކްރިއޭޝަން ކުލަބާއި ނިއުރޭޑިއަންޓް ސްޕޯޓްސް ކުލަބެވެ.