ސުޕްރީމް ކޯޓުގެ ފަނޑިޔާރު ޑރ. އަޒްމިރަލްދާ ޒާހިރާއި ފަނޑިޔާރު މަޙާޒު ޢަލީ ޒާހިރު ފަނޑިޔާރުކަމުން ވަކިކުރުމުގެ މައްސަލަ މާދަމާ ބާއްވާ ރައްޔިތުންގެ މަޖިލީހުގެ ޖަލްސާއަށް އެޖެންޑާކޮށްފިއެވެ.
މާދަމާ ބާއްވާ މަޖިލީހުގެ މިއަހަރުގެ ފުރަތަމަ ދައުރުގެ 26 ވަނަ ޖަލްސާގައި މަޖިލީހުގެ ރައީސްގެ މޭޒުން ހުށަހަޅާ މައްސަލައެއްގެ ގޮތުގައި މި މައްސަލަ އެޖެންޑާކޮށްފައިވާއިރު، ސުޕްރީމް ކޯޓުގެ ފަނޑިޔާރު ޑޮކްޓަރ އަޒްމިރާލްދާ ޒާހިރު އަދި ފަނޑިޔާރު މަޙާޒު ޢަލީ ޒާހިރު ފަނޑިޔާރުކަމުން ވަކިކުރުމަށް ރައްޔިތުންގެ މަޖިލިހަށް ހުށަހެޅުމަށް ޖޭއެސްސީން ނިންމާފައިވަނީ މިއަދު ބޭއްވި އެކޮމިޝަނުގެ މި އަހަރުގެ 18ވަނަ ޖަލްސާގައެވެ.
ޖުޑީޝަލް ސަރވިސް ކޮމިޝަނުން ނެރުނު ނޫސް ބަޔާނެއްގައި ވިދާޅުވީ ދިވެހިރާއްޖޭގެ ސުޕްރީމް ކޯޓުގެ ފަނޑިޔާރު ޑރ. އަޒްމިރާލްދާ އަދި ފަނޑިޔާރު މަހާޒް ވަކި ކުރަން ނިންމާފައިވަނީ މައްސަލައެއްގައި ފުލުހުންގެ ބެލުމުގެ ދަށަށް، މިދިޔަ ޑިސެމްބަރު މަހުގެ 04ވަނަ ދުވަހު، ގެނެވުނު ފަރާތެއްގެ ބަންދާމެދު ގޮތެއް ނިންމުމަށް ކްރިމިނަލް ކޯޓަށް ހާޒިރުކުރެވުނު މައްސަލައާ ގުޅިގެން ފަނޑިޔާރު ޑރ. އަޒްމިރާލްދާ ޒާހިރު، އާއި އެކޯޓުގެ ފަނޑިޔާރު މަޙާޒު ޢަލީ ޒާހިރު ބައިވެރިވެގެން ކްރިމިނަލް ކޯޓުގެ ޤާޟީންނަށް ނުފޫޒު ފޯރުވާފައިވާކަން، ޖުޑީޝަލް ސަރވިސް ކޮމިޝަންގެ ޤާނޫނުގައި ބަޔާންކޮށްފައިވާ މިންގަނޑަށް ތަޙްޤީޤު ކޮމިޓީއަށް ސާބިތުވެފައިވާތީކަމަށެވެ.
ޖޭއެސްސީން ވިދާޅުވީ ފަނޑިޔާރު ޑރ. އަޒްމިރާލްދާ ޒާހިރު އަދި ފަނޑިޔާރު މަޙާޒު ޢަލީ ޒާހިރުގެ މި ޢަމަލަކީ، ޤާނޫނުއަސާސީގެ 142 ވަނަ މާއްދާއާއި، ދިވެހިރާއްޖޭގެ ފަނޑިޔާރުންގެ ޤާނޫނުގެ 32 ވަނަ މާއްދާގެ (ހ)ގެ (3) ވަނަ ނަންބަރާއި، (5) ވަނަ ނަންބަރާއި، އެ ޤާނޫނުގެ 33 ވަނަ މާއްދާގެ (ށ) އާއި، ފަނޑިޔާރުންގެ ސުލޫކީ މިންގަނޑުގެ 2.2، 3.1، އަދި 3.2 ވަނަ ނަންބަރުގައި ކަނޑައަޅާފައިވާ މިންގަނޑާ ޚިލާފު ޢަމަލެއްކަމަށެވެ.
އެހެންކަމުން ޖުޑީޝަލް ސަރވިސް ކޮމިޝަންގެ ޤާނޫނުގެ ދަށުން، ސުޕްރީމް ކޯޓުގެ ފަނޑިޔާރު ޑޮކްޓަރ އަޒްމިރާލްދާ ޒާހިރު އަދި ފަނޑިޔާރު މަޙާޒު ޢަލީ ޒާހިރު ފަނޑިޔާރުކަމުން ވަކިކުރުމަށް ރައްޔިތުންގެ މަޖިލިހަށް ހުށަހެޅުމަށް މިއަދު ބޭއްވި ޖޭއެސްސީގެ މި އަހަރުގެ 18 ވަނަ ޖަލްސާއިން ނިންމާފައިވާކަމަށެވެ.
ޖުޑީޝަލް ސަރވިސް ކޮމިޝަން، ޖޭއެސްސީން ބަލަމުންދާ މައްސަލައަކާއި ގުޅިގެން ސުޕްރީމް ކޯޓުގެ ތިން ފަނޑިޔާރަކު ސަސްޕެންޑުކޮށްފައިވަނީ މިދިޔަ ފެބްރުއަރީ މަހުގެ ފަހުކޮޅުގައެވެ. އެއީ ފަނޑިޔާރު ޑޮކްޓަރ އަޒްމިރާލްދާ ޒާހިރާއި، ފަނޑިޔާރު އަލްއުސްތާޛު މަޙާޒު ޢަލީ ޒާހިރުގެ އިތުރުން ފަނޑިޔާރު އަލްއުސްތާޛު ޙުސްނުއްސުޢޫދެވެ. ތިން ފަނޑިޔާރުންގެ ތެރެއިން ފަނޑިޔާރު ޙުސްނުއްސޫއޫދުވަނީ މައްސަލަ ބަލަން ފެށުމުން ފަނޑިޔާރުކަމުން އިސްތިއުފާ ދެއްވާފައެވެ.