ޔަމަނުގެ ބޮޑުވަޒީރު އިސްތިޢުފާ ދެއްވުމާ ގުޅިގެން، އެ މަޤާމަށް، މާލީ ވަޒީރުކަމުގައި ހުންނެވި ސާލިމް ޞާލިޙް ބިން ބުރައިކް ޢައްޔަނުކޮށްފައިވާ ކަމަށް އެ ޤައުމުގެ ރިޔާސީ ކައުންސިލުން އިޢުލާނުކޮށްފިއެވެ.
ޔަމަނުގެ ބޮޑުވަޒީރު އަޙްމަދު އަވާދު ބިން މުބާރަކް މަޤާމުން އިސްތިޢުފާ ދެއްވާފައިވަނީ ސަރުކާރުގެ މަސައްކަތްތަކުގައި ގިނަގުނަ ދަތިތަކާ ކުރިމަތިލައްވަން ޖެހިވަޑައިގަތުމާ އެކު ސަރުކާރަށް ގެންނަންޖެހޭ ބަދަލުތައް ނުގެނެވޭތީ ކަމަށް ވިދާޅުވެއެވެ.
މުބާރަކް އިސްތިޢުފާ ދެއްވާފައި ވަނީ ޔަމަނުގެ ރިޔާސީ ކައުންސިލްގެ އިސްވެރިޔާ، ރަޝާދް އަލް-އާލިމީއާާ ދެބޭފުޅުން ދެބަސްވެވަޑައިގެންފައި ވަނިކޮށް ކަމަށެވެ. ސަރުކާރަށް ނިޞްބަތްވާ 12 ވަޒީރަކު ވަކިކުރުމަށް މުބާރަކް ހުށަހެޅުއްވުމުން އެ ކަމަށް އަަލް-އާލިމީ ދެކޮޅު ހައްދަވާފައިވާ ކަމަށްވެއެވެ.
ޔަމަނުގެ ބޮޑުވަޒީރުގެ މަޤާމަށް މުބާރަކް ޢައްޔަނު ކޮށްފައި ބަނީ 2024ވަނަ އަހަރުގެ ފެބްރުވަރީ މަހުގެ ތެރޭގައެވެ. އޭރު އޭނާ ހުންނެވީ އެ ޤައުމުގެ ޚާރިޖީ ވަޒީރުގެ މަޤާމުގައެވެ. ޢާންމުންގެ މެދުގައި ދެކެފަރިތަ ބޭފުޅަކަށް މުބާރަކް ވެވަޑައިގަތީ 2015ވަނަ އަހަރު ޔަމަނުގެ ރައީސްގެ މަޤާމުގައި އޭރު ހުންނެވި އަބްދުއްރަބް މަންޞޫރު ޙާދީގެ ޗީފް އޮފް ސްޓާފްގެ އޭނާ ފުރުއްވަމުން ދަނިކޮށް އެ ޤައުމުަގައި ޙަރަކާތްތެރިވާ ހަތިޔާރުއެޅި ޖަމާޢަތް، ޙޫޘީން އޭނާ ވަގަށް ނެގުމުންނެވެ.
ބޮޑުވަޒީރުގެ މަޤާމުން މުބާރަކް އިސްތިޢުފާ ދެއްވާފައި ވަނީ ޙޫޘީންނަށް އަމާޒުކޮށް އެމެރިކާއިން ޔަމަނަށް ދެމުންދާ ޙަމަލާތައް ވަރުގަދަ ކޮށްފައިވާ ދަނޑިވަޅެއްގައެވެ. މިދިޔަ މާރިޗު މަހުން ފެށިގެން އެމެރިކާއިން ޔަމަނަށް ދެމުންދާ ޙަމަލާތަކަކީ އެމެރިކާގެ ރައީސްގެ މަޤާމާ މިދިޔަ ޖަނަވަރީ މަހުގެ ތެރޭގައި ޑޮނަލްޑް ޓްރަމްޕް ޙަވާލުވެވަޑައިގެންނެވި ފަހުން އެމެރިކާއިން މެދުއިރުމަތީގައި ހިންގާ އެންމެ ވަރުގަދަ އަސްކަރީ އޮޕަރޭޝަނެވެ.
ޔަމަނުގައި ދާޚިލީ ހަނގުރާއެއް ކުރަމުންދާތާ މިހާރު ދިހަ އަހަރަށްވުރެ ގިނަ ދުވަސް ވަނީ ފާއިތުވެފައެވެ. 2014ވަނަ އަހަރުގެ ތެރޭގައި ޙޫޘީން ވަނީ އެ ޤައުމުގެ ވެރިރަށް ޞަންޢާ އެ ޖަމާޢަތުގެ ބާރުގެ ދަށަށް ގެންގޮސް ބައިނަލްއަޤްވާމީ މުޖުތަމަޢުން ބަލައިގަނެފައިވާ ސަރުކާރު ބޭރު ކޮށްލައިފައެވެ. ނަތީޖާއެއްގެ ގޮތުން ރަސްމީ ސަރުކާރަށް ޖެހުނީ ޔަމަނުގެ ދެކުނުގެ ސިޓީއެއް ކަމަށްވާ ޢަދަނަށް ބަދަލުވާށެެވެ. އޭގެ ފަހުން އަހަރުތަކެއް ފާއިތުވެފައިވާއިރު ޔަމަނުގެ ހުޅަނގާއި އުތުރުގެ މައި ސަރަޙައްދުތައް ހިމެނޭ ގޮތަށް އެ ޤައުމުގެ ބޮޑު ބައެއް މިހާރު އޮތީ ޙޫޘީންގެ ބާރުގެ ދަށުގައެވެ.