ސިންގަޕޫރުގައި ވެރިކަން ކުރާ ޕީޕަލްސް އެކްޝަން ޕާޓީ (ޕީއޭޕީ)ން ވިދިވިދިގެން 14ވަނަ ޢާންމު އިންތިޚާބު ކާމިޔާބުކޮށް، ހަ ދަހަރަށް ދެމިގެން ގޮސްފައިވާ އެ ޕާޓީގެ ވެރިކަން ދަމަހައްޓައިފިއެވެ. ވިޔަފާރިއަށް ބާރޯސާވެފައިވާ ސިންގަރޫޕުގެ އިންތިޚާބު ޕީއޭޕީން ކާމިޔާބު ކޮށްފައި މި ވަނީ، ދުނިޔޭގައި އިޤުތިޞާދީ ހަނގުރާމައެއް ފެށި، ބާޒާރުތަކަށް ބޮޑެތި ލޮޅުންތަކެއް އަންނަމުންދާ ދަނޑިވަޅެއްގައެވެ.
1965ވަނަ އަހަރު ސިންގަޕޫރަށް މިނިވަން ކަން ލިބުނު އިރުވެސް އެ ޤައުމުގައި ވެރިކަން ކުރަމުން ދިޔައީ ޕީއޭޕީންނެވެ. އެ ޕާޓީން އިންތިޚާބު ކާމިޔާބު ކޮށްފައި ވަނީ ޤާނޫނު ހަދާ މަޖިލީހުގައި އިންތިޚާބަށް ހުޅުވައިލާފައިވާ 97 ގޮނޑީގެ ތެރެއިން 87 ދާއިރާއިން ކާމިޔާބީ ހޯދައިގެންނެވެ. އޭގެ ތެރެއިން 33 ދާއިރާއަކުން ޕީއޭޕީ ވަނީ ބޮޑު އަޣުލަބިއްޔަތެއް ކާމިޔާބު ކޮށްފައެވެ. އެއީ، އެންމެ ފަހުން ބޭއްވި އިންތިޚާބުގައި އިދިކޮޅު ޕާޓީން ބޮޑެތި ކުރިއެރުންތަކެއް ހޯދާފައިވާ ދާއިރާތަކެކެވެ.
ސިންގަޕޫރުގެ ހަ މިލިޔަން މީހުންގެ އާބާދީއަށް އިތުރު ޕާޓީއެއްގެ ވެރިކަމެއް ފެނިފައެއް ނެތެވެ. ޕީއޭޕީން އިންތިޚާބުގައި %90 ދާއިރާއިން ކާމިޔާބީ ހޯދާފައިވީ ނަމަވެސް، ބޮޑުވަޒީރު ލޯރެންސް ވޮންގއަށް ވެރިކަން ކުރުމުގައި ބޮޑެތި ގޮންޖެހުންތަކަކާ ކުރިމަތިލައްވަން ޖެހިވަޑައިގަންނަވާނެ ކަމުގައި މަސްރަޙު ދިރާސާ ކުރާ ފަރާތްތަކުން ޤަބޫލު ކުރެއެވެ. އެއް ސަބަަބަކީ، ނިމިދިޔަ ދައުރުގައި ޕީއޭޕީގެ ސަރުކާރަށް ބޮޑެތި ކުރިއެރުންތަކެއް ހޯދިފައި ނެތުމެވެ.
އިންތިޚާބުގައި ލިބުނު ކާމިޔާބީ ޕީއޭޕީން ރަސްމީކޮށް އިޢުލާނު ކޮށްފައި ނެތް ނަމަވެސް ސިންގަޕޫރުގެ މީޑިޔާތަކުން ބުނީ، އިންތިޚާބުގައި ވޯޓުލާފައިވާ މީހުންގެ ތެރެއިން %65.57 މީހުންގެ ތާޢީދު އެ ޕާޓީން ކަށަވަރު ކޮށްފައިވާ ކަމުގައެވެ. 2020ވަނަ އަހަރުގެ އިންތިޚާބުގައި އެ ޕާޓީއަށް ލިބިފައި ވަނީ %61.2 މީހުންގެ ތާޢީދެވެ. އެ ނަތީޖާއަށް ބަލާއިރު، ޕީއޭޕީއަށް އޮތް ތާޢީދު އިތުރުވެފައިވާ ކަމުގައި މަސްރަޙު ދިރާސާ ކުރާ ފަރާާތްތަކުން ޤަބޫލު ކުރެއެވެ.
ސިންގަޕޫރުގެ ހަތަރު ވަނަ ބޮޑުވަޒީރު ކަމުގެ މަޤާމާ 52 އަހަރުގެ ވޮންގ ޙަވާލުވެ ވަޑައިގަންނަވާފައި ވަނީ 2024ވަނަ އަހަރުއެވެ. އޭނާ ވެރިކަމާ ޙަވާލުވެ ވަޑައިގަންނަވާފައި ވަނީ ތަަރައްޤީއާއި ތަމައްދުނު ދަމަހައްޓައި، ވެރިކަން ކުރުމުގެ އައު ސްޓައިލެއް ނުވަތަ ގޮތްތަކެއް ތަޢާރުފު ކުރައްވާނެ ކަމުގެ ވަޢުދާ އެކުގައެވެ. އޭނާގެ ކުރިން ސިންގަޕޫރުގެ ބޮޑުވަޒީރު ކަމުގެ މަޤާމު ފުރުއްވާފައި ވަނީ ލީ ޝިޔެން ލޮންގެވެ. އެއީ، ޒަމާނީ ސިންގަޕޫރުގެ ބާނީގެ ގޮތުގައި ބެލެވޭ ކުރީގެ ބޮޑުވަޒީރު ލީ ކުވަން ޔައުގެ ދަރިކަލުންނެވެ.
ވިދިވިދިގެން 14ވަނަ ޢާންމު އިންތިޚާބެއް ޕީއޭޕީން ކާމިޔާބުކޮށް، އެ ޕާޓީގެ ވޮންގ ވެރިކަމާ ޙަވާލުވެ ވަޑައިގަންނަވާއިރު އޭނާއަށް ބޮޑެތި ގޮންޖެހުންތަކަކާ ކުރިމަތިލައްވަން ޖެހިވަޑައިގަންނަވާނެއެވެ. އޭގެ ތެރޭގައި، ދިރިއުޅުމުގެ ޚަރަދުތައް އިންތިހާއަށް އުފުލުމާއި ބޯހިޔާވަހިކަމުގެ ދަތިކަން ފާހަގަ ކުރެވެއެވެ. އެއީ، ދިރިއުޅުމުގެ ޚަރަދުތައް އެންމެ ބޮޑު ރަށުގެ ގޮތުގައި ވެސް ބެލެވޭ ސިންގަޕޫރުގެ ރައްޔިތުންނަށް މި ވަގުތު ކުރިމަތިވެފައިވާ އެންމެ ބޮޑެތި މައްސަލަތަކެވެ.
މީގެ އިތުރުން، ވިޔަފާރިއަށް ބަރޯސާވެފައި އޮތް ސިންގަޕޫރުގެ އިޤުތިޞާދީ ކުރިއެރުން މަޑުޖެހުމުގެ ބިރު އޮތް ކަމުގައި މަސްރަޙު ދިރާސާ ކުރާ ފަރާތްތަކުން އިންޒާރު ކުރެއެވެ. އަދި، އެމެރިކާއަށް އެތެރެ ކުރާ މުދަލުން ނަގާ އިންޕޯޓުޑިޔުޓީ ބޮޑުކޮށް، ފަށާފައިވާ އިޤުތިޞާދީ ކުރިމަތިލުންތަކުގެ ނޭދެވޭ އަސަރުތައް ސިންގަޕޫރުގެ އިޤުތިޞާދަށް ކުރިމަތިވާނެ ކަމުގައި ވެސް އެ ފަރާތްތަކުން ޤަބޫލު ކުރެއެވެ. އެއާ އެކު، ވަޒީފާ އުފެއްދުން މަޑުޖެހޭނެ ކަމުގައި ވެސް އެ ފަރާތްތަކުން ދެކެއެވެ.