ޔުއެފާ ޔޫރޮޕާ ލީގުގެ ސެމީ ފައިނަލް ފުރަތަމަ ލެގުގައި ރޭ އެތުލެޓިކް ބިލްބާއޯއާ ދެކޮޅަށް ކުޅުނު މެޗުން 3-0 ގެ ނަތީޖާއަކުން މެންޗެސްޓާ ޔުނައިޓެޑް މޮޅުވެއްޖެއެވެ.
ރަށުން ބޭރުގައި މެންޗެސްޓަރ ޔުނައިޓެޑް ކުޅުނު މި މެޗު ކާމިޔާބު ކުރުމާއިއެކު އެ ޓީމަށް ވަނީ ޔޫރޮޕާ ލީގުގެ ފައިނަލުގެ ޖާގައެއް ހޯދުމުގެ ފުރުސަތު ވަރަށް ބޮޑުވެފަ އެވެ. އެގޮތުން އަންނަ ހަފްތާގައި އަމިއްލަ ދަނޑުގައި ކުޅޭ ދެވަނަ ލެގުން 3 ލަނޑަށްވުރެ ބޮޑު ތަފާތަކުން ބަލިވެގެން ނޫން ގޮތަކަށް އެ ޓީމަށް ފައިނަލުގެ ޖާގަ ނުގެއްލޭނެ އެވެ.
މެންޗެސްޓަރ ޔުނައިޓެޑް އިން މެޗު ކޮންޓްރޯލް ކޮށްގެން ކުޅެފައިވާ މި މެޗުގެ 30 ވަނަ މިނިޓުގައި ކަސެމީރޯ ވަނީ ލަނޑެއް ޖަހާ އެ ޓީމަށް ކުރި ހޯދަދީފަ އެވެ.
މި ލަނޑު ޔުނައިޓެޑް އިން ޖެހިތާ ފަސް މިނިޓު ފަހުން ބިލްބާއޯ އަށް ވަނީ އިތުރު މައްސަލައަކާއި ކުރިމަތިލާން ޖެހިފަ އެވެ. އެގޮތުން ބިލްބާއޯގެ ޑެނީ ވިވިއަން ޕެނަލްޓީ އޭރިޔާ ތެރެއިން ރަސްމުސް ހޮއިލަންޑް އަށް ފައުލް ކުރުމާއި ގުޅިގެން ވީޑިއޯ ބެލުމަށްފަހު ރެފްރީ ވަނީ އޭނާއަށް ރަތް ކާޑެއް ދައްކާ ދަނޑުން ފޮނުވާލުމަށްފަހު ޔުނައިޓެޑަށް ޕެނަލްޓީ އެއް ދީފަ އެވެ.
މި މެޗުގެ ނަތީޖާ 2-0 އަށް ޔުނައިޓެޑް އިން ބަދަލުކޮށްފައިވަނީ ބްރޫނޯ ފެނާންޑޭޒް ކާމިޔާބުކޮށްދިން ޕެނަލްޓީ އިންނެވެ.
އަދި ފުރަތަމަ ހާފުގެ ކުޅުން ނިމެން މިނިޓަކަށް ވެފައިވަނިކޮށް ކެޕްޓަން ބްރޫނޯ ފެނާންޑޭޒް ވަނީ އިތުރު ލަނޑެއް ކާމިޔާބުކޮށް މެޗުގެ ނަތީޖާ 3-0 އަށް ބަދަލުކޮށްފަ އެވެ. މި ލަނޑާއެކު އޭނާ މި މުބާރާތުގައި ޖެހި ލަނޑުގެ އަދަދު ވަނީ ހަތަކަށް އަރާފަ އެވެ.
މެޗުގެ ބޮޑުބައި އެއް ކުޅުންތެރިއަކު މަދުކޮށް ކުޅެމުންދިޔަ ބިލްބާއޯ އާއި ދެކޮޅަށް މެޗުގެ ދެވަނަ ހާފުގައިވެސް ޔުނައިޓެޑް އިން ވަނީ ރަގަޅު ކުޅުމެއް ދައްކާ ގިނަ ހަމަލަތަކެއް އުފައްދާފަ އެވެ.
އިނގިރޭސި ޕްރިމިއާ ލީގުގެ 14 ވަނައިގައި މިވަގުތު ޔުނައިޓެޑް އޮތް ނަމަވެސް ޔޫރޮޕާ ލީގުގެ ފައިނަލުގެ ފުރުސަތު އެ ޓީމުން ބޮޑުކޮށްފައިވާއިރު މިއީ އެ ޓީމުގެ ސަޕޯޓަރުންނަށް ލިބިގެންދާނެ ހިތްހަމަޖެހުމެކެވެ.
މި ދެ ޓީމުގެ ދެވަނަ ކުރިމަތިލުން އޮންނާނީ އަންނަ ހަފްތާގައި މެންޗެސްޓަރ ޔުނައިޓެޑްގެ އޯލްޑް ޓްރެފަޑް ގައެވެ.