އައްޑޫ އަތޮޅު ގަމަށް އިތުރު ފްލައިޓްތައް ގެންދިއުމަށް މަސައްކަތް ކުރެވެމުންދާކަމަށް ފަތުރުވެރިކަމާއި ތިމާވެއްޓާއި ބެހޭ ވަޒީރު ޠާރިޤް އިބްރާހީމް ވިދާޅުވެއްޖެއެވެ.
ވަޒީރު މިހެން ވިދާޅުވީ، މިހާރު ކުރިއަށްދާ އަރަބިއަން ޓްރެވެލް މާކެޓުގައި ރާއްޖެ ޕްރޮމޯޓް ކުރުމަށް ރާއްޖޭގެ ފަތުރުވެރިކަމުގެ ސިނާޢަތުގައި މަސައްކަތްކުރަމުންދާ ފަރާތްތަކުން ކުރަމުންދާ މަސައްކަތް ހިއްސާކުރައްވައި މީޑިއާތަކަށް ދެއްވި ބަސްދީގަތުމެއްގައެވެ.
މިހާރު ކުރިއަށްދާ އަރަބިއަން ޓްރެވެލް މާކެޓުގައި ރާއްޖެ ޕްރޮމޯޓް ކުރުމަށް ކުރެވެމުންދާ މަސައްކަތްތައް ހިއްސާކުރައްވަމުން، ފަތުރުވެރިކަމާއި ތިމާވެއްޓާއި ބެހޭ ވަޒީރު ޠާރިޤް އިބްރާހީމް ވިދާޅުވީ، މި ފެއަރގެ ތެރެއިން އައްޑުއަތޮޅު ގަމަށް އިތުރު ފްލައިޓްތައް ގެންދިއުމަށް ގިނަ މަސައްކަތްތަކެއް ކޮށްފައިވާކަމަށެވެ.
ވަޒީރު ވިދާޅުވީ، މިހާރު ގަމަށް ދަތުރުކުރަނީ ސްރީލަންކަން އެއަރލައިންސްއިން އެކަނި ކަމަށާއި، އިތުރު އެއަރލައިންތަކުގެ ދަތުރުތައް ގަމަށް ފެެއްޓުމަށް ގިނަ އެއަރލައިންތަކަކާއެކު މަޝްވަރާ ކުރަމުންދާކަމަށެވެ. އެގޮތުން ލޯ ކޯސްޓް އެއަރލައިންތަކާއެކު ބައްދަލުވުންތައް ބޭއްވި، ސަމަރ ސީޒަންގައި ރާއްޖެއަށް ފަތުރުވެރިން ގެނައުމަށް ކުރެވިދާނެ މަސައްކަތްތަކާ ގުޅޭގޮތުން މަޝްވަރާކުރައްވާފައިވާ ކަމަށް ވަޒީރު ވިދާޅުވިއެވެ.
"ގާތްގަޑަށް ހަތަރު ފަސް އެއަރލައިންތަކާއެކު އެގޮތަށް މަޝްވަރާކުރެވުނު. އޭގެތެރޭގައި މިހާރު ހުއްޓާލައިފައި އޮތް ވިޒް އެއަރ ރާއްޖެގެނައުން ފެށޭނީ ކިހިނެއްތޯ އަދި އޭގެ އިތުރަށް މިހާރު ރާއްޖެ ދަތުރުކުރާ ފްލައި ޑުބާއި ދެންގޮސް ގަލްފް އެއަރ، އަދި ރާއްޖެއަންނަ ބައެެއް ފްލައިޓްތަކުގެ އިސްވެރިންނާއި ބައްދަލުކޮށްފައިވާނެ." ފަތުރުވެރިކަމާއި ބެހޭ ވަޒީރު ޠާރިޤް އިބްރާހީމް ވިދާޅުވިއެވެ.
މީގެއިތުރުން، ރާއްޖެއަށް އަންނަ މަތިންދާ ބޯޓުތައް އިތުރުކުރުމަށްޓަކައި، ރާއްޖެއަށް އެންމެ ގިނައިން ފަތުރުވެރިން ގެންނަ މެދުއިރުމަތީގެ އެއަރލައިންތަކާއެކު މަޝްވަރާތައް ކުރެވިފައިވާކަމަށްވެސް ފަތުރުވެރިކަމާއި ބެހޭ ވަަޒީރު ވިދާޅުވިއެވެ. އެގޮތުން އެމިރޭޓްސް އާއި ޤަޠަރު އެއަރވޭޒްއާއެކު އެމްއޯޔޫގައި ސޮއިކުރެވިފައިވާ ކަމަށާއި، މިއެއްބަސްވުންތަކުގެ ދަށުން އެ އެއަރލައިންތަކުން ރާއްޖެއަށް އަޅާ ފްލައިޓްތައް އިތުރުކުރުމަށް މަސައްކަތްކުރެވޭނެ ކަމަށްވެސް ވަޒީރު ޠާރިޤް ވިދާޅުވިއެވެ.
"އަޅުގަނޑުމެން މި މަސައްކަތްކުރަނީ އެއަރލައިންތަކަށް ރާއްޖޭގައި ޚިދުމަތް ދިނުމުގައި ހުރި ފަސޭހަތައް އިތުރުކޮށް، ރާއްޖެ މާކެޓްކުރުމުގައި އެމް.އެމް.ޕީ.އާރު.ސީއާއެކު އެ ފަރާތްތަކުން މަސައްކަތްކުރާނެ ގޮތްތައް ބަލައި، ރާއްޖެއަށް އަންނަ ފަތުރުވެރިންގެ އަދަދު އިތުރުކުރުމަށް،" ފަތުރުވެރިކަމާއި ބެހޭ ވަޒީރު ޠާރިޤް ވިދާޅުވިއެވެ.
މިމަސައްކަތްތަކުގެ ސަބަބުން ރާއްޖޭގެ ފަތުރުވެރިކަމަށް އިތުރު ކުރިއެރުންތަކެއް ލިބި، ޚާއްޞަކޮށް އައްޑޫ ސިޓީގެ ފަތުރުވެރިކަން ކުރިއަރައިގެންދާނެ ކަމަށް ވަޒީރު ފާހަގަކުރެއްވިއެވެ.
އައްޑޫ އަތޮޅު ގަން އިންޓަރނޭޝަނަލް އެއަރޕޯޓަކީ ކޮންމެ ދުވަހަކުވެސް ގިނަ އަދަދެއްގެ ފަތުރުވެރިން ޒިޔާރަތްކުރަމުންދާ އެއަރޕޯޓެކެވެ. އެހެންނަމަވެސް އިންޓަރނޭޝަނަލް އެއަރޕޯޓުތަކުން ލިބެމުންދާ ޚިދުމަތްތައް މި އެއަރޕޯޓުން ނުލިބޭކަމީ އެއަތޮޅު ރައްޔިތުންގެ ވަރަށް ބޮޑު ޝަކުވާއެކެވެ. ވުމާއެކު، އިންޑިއާގެ ރެނާޓަސް ކުންފުންޏާ ހަވާލުކޮށް އެ އެއަރޕޯޓް ތަރައްޤީކުރުމުގެ މަސައްކަތް މިހާރު ދަނީ ކުރަމުންނެވެ.