ބެޑްމިންޓަން އެސޯސިއޭޝަން އޮފް މޯލްޑިވްސްގެ ހިންގާ ޤަވާޢިދަށް ކޮންމެހެން ގެންނަންޖެހޭ ބަދަލުތައް ގެނެސް އެ އެސޯސިއޭޝަންގެ ހިންގާ ކޮމިޓީ އިންތިޚާބު ކުރެވެންދެން އެ އެސޯސިއޭޝަނަށް ދީފައިވާ ޤައުމީ ޙައިސިއްޔަތު ވަގުތީ ގޮތުން އުވާލައިފިއެވެ.
މިއަދު ކުޅިވަރާއި ބެހޭ ވުޒާރާއިން ނެރެެފައިވާ އިއުލާނެއްގައި ބުނެފައިވަނީ މި ފިޔަވަޅު އެޅީ ބެޑްމިންޓަން އެސޯސިއޭޝަން އޮފް މޯލްޑިވްސްގެ ހިންގާ ކޮމިޓީގެ ދައުރު 2024 މާރިޗް 11 ވަނަ ދުވަހަށް ހަމަވެ، އެ އެސޯސިއޭޝަންގެ އިންތިޚާބު ނުބޭއްވި އެއް އަހަރަށް ވުރެ ދިގު މުއްދަތެއް ފާއިތުވެފައިވާތީ ކަމަށެވެ.
ބެޑްމިންޓަން އެސޯސިއޭޝަނުގެ ޤައުމީ ޙައިސިއްޔަތު ވަގުތީ ގޮތުން ނެގީ އެ އެސޯސިއޭޝަންގެ ހިންގާ ޤަވާއިދަށް ގެންނަންޖެހޭ ބަދަލުތައްވެސް ގެނެވިފައިނުވާތީ، ކުޅިވަރާބެހޭ ޤައުމީ މަޖިލީހުގެ މަޝްވަރާއާއެކުގައި ކަމަށާއި، މި ފިޔަވަޅު އެޅީ އެ އެސޯސިއޭޝަނުގެ ހިންގާ ޤަވާޢިދަށް ކޮންމެހެން ގެންނަންޖެހޭ ބަދަލުތައް ގެނެސް އެ އެސޯސިއޭޝަންގެ ހިންގާ ކޮމިޓީ އިންތިޚާބު ކުރެވެންދެން ކަމަށް ކުޅިވަރު ވުޒާރާއިން ބުނެއެވެ.
އަދި، ދައުރު ހަމަވެފައިވާ ހިންގާ ކޮމިޓީގެ އެއްވެސް މެންބަރަކަށް މިއަދުން ފެށިގެން ބެޑްމިންޓަން އެސޯސިއޭޝަން އޮފް މޯލްޑިވްސްގެ ނަމުގައި އެއްވެސް މުޢާމަލާތެއް ކުރުން މަނާވާނެކަމާއި އެފަދަ އެއްވެސް މުޢާމަލާތެއް އެ ކޮމިޓީގެ އެއްވެސް މެންބަރަކު ކުރިނަމަވެސް އެއީ ޞައްޙަ މުޢާމަލާތެއްގެ ގޮތުގައި ބަލައިނުގަނެވޭނެކަމަށް ކުޅީވަރު ވުޒާރާއިން ވަނީ ނިންމާފައެވެ.
އެހެންނަމަވެސް، ރާއްޖޭގެ ބެޑްމިންޓަން ކުޅުންތެރިންނާއި އޮފިޝަލުންނަށް ރާއްޖެއާއި ރާއްޖެއިން ބޭރުގައި ޤައުމު އަދި އެސޯސިއޭޝަން ތަމްސީލު ކުރުމަށް ހުރަހެއް ނޯންނާނެ ކަމަށް ކުޅިވަރު ވުޒާރާއިން ބުނެއެވެ.
ކުޅިވަރު ވުޒާރާއިން ބުނީ ބެޑްމިންޓަން އެސޯސިއޭޝަނުގެ ޤައުމީ ޙައިއްސިޔަތު އުވާލީ، އެ އެސޯސިއޭޝަންގެ އެތެރޭގައި ހުރި މައްސަލަތައް ޙައްލުކޮށް އެސޯސިއޭޝަންގެ ހިންގާ ކޮމިޓީ އިންތިޚާބު ކުރުމަށް އެކި ގޮތްގޮތުން ކުރެވުނު ގިނަ މަސައްކަތްތަކުގައި އެ އެސޯސިއޭޝަންގެ އެއްބާރުލުން ނުލިބި ދިގުލައިގެން ދިއުމުން ކަމަށެވެ.
އަދި އެސޯސިއޭޝަންގެ ޢަމަލުތައް ހުރި ގޮތުން، އެތަނުގެ މެންބަރުންނާއި، އޮފިޝަލުން އަދި ޚާއްޞަކޮށް ކުޅުންތެރިންނަށް ފޫބައްދަން ދަތި ގެއްލުންތައް ލިބެމުން ދާތީ ކަމަށެވެ.
އެސޯސިއޭޝަންގައި ހުރި މައްސަލަތައް ޙައްލުކޮށް އެސޯސިއޭޝަންގެ އިންތިޚާބު ބޭއްވުމަށް މޯލްޑިވްސް އޮލިމްޕިކް ކޮމިޓީންވެސް ވަނީ ގިނަގުނަ މަސައްކަތްތަކެއް ކޮށްފައެވެ.
އެ އެސޯސިއޭޝަނުގެ މެންބަރުންގެ ބައިވެރިވުމާއެކު، ހިންގާ ޤަވާއިދަށް ކޮންމެހެން ގެންނަންޖެހޭ ބަދަލުތައް ގެނައުމާއި، ހިންގާ ކޮމިޓީ އިންތިޚާބު ކުރުމަށްޓަކައި، ކުރަންޖެހޭ މަސައްކަތްތައް ކުރުމަށް މޯލްޑިވްސް އޮލިމްޕިކްސް ކޮމިޓީގެ ބެލުމުގެ ދަށުން 3 މެންބަރުންގެ މައްޗަށް އެކުލެވޭ އެޑް-ހޮކް ކޮމިޓީއެއް އެކުލަވާލުމަށް ވަނީ ނިންމާފައެވެ.
އެ ކޮމިޓީގެ މަސައްކަތު ކޮމިޓީ އެކުލަވާލާ ތާރީޚުން ފެށިގެން 45 ދުވަސް ތެރޭގައި، އަލަށް އިންތިޚާބު ކުރެވޭ ބެޑްމިންޓަން އެސޯސިއޭޝަން އޮފް މޯލްޑިވްސްގެ ހިންގާ ކޮމިޓީއާއި އެ އެސޯސިއޭޝަން ހަވާލު ކުރެވޭނެ ކަމަށްވެސް ކުޅިވަރު ވުޒާރާއިން ބުނެއެވެ.
ކުޅިވަރު ވުޒާރާއިން މި ފިޔަވަޅު އެޅީ އެއްވެސް އެއްބާރުލުމެއް ބެޑްމިންތަން އެސޯސިއޭޝަނުގެ ހިންގާ ކޮމިޓީން ކޮމިޝަނަރ އޮފް ސްޕޯޓްސްގެ އޮފީހާއި ކުޅިވަރު ވުޒާރާއަށްވެސް ދީފައިނުވާތީއެވެ.
އެ އެސޯސިއޭޝަނުގެ މައްސަލަތައް ހައްލުކުރުމަށް ކުޅިވަރު ވުޒާރާއާއި ކޮމިޝަނަރ އޮފް ސްޕޯޓްސްގެ އޮފީހާއި ގައުމީ ކުޅިވަރު ކައުންސިލުން އެތައް މަޝްވަރާއެއްކުރި ނަމަވެސް އެސޯސިއޭޝަނުން އެއްބާރުލުމެއް ނުދެއެވެ.
އެހެންކަމުން އެ އެސޯސިއޭޝަންގެ ގާނޫނީ ހައިސިއްޔަތު އުވާލީ ކުޅުންތެރިންގެ ފަރާތުން އެތަށް ބައިވަރު ޝަކުވާތަކެއް ލިބެމުންދާތީ ކުޅިވަރު ވުޒާރާއަށް ކޮންމެހެން މި ފިޔަވަޅު އަޅަން ޖެހިގެންނެވެ.