ކުޅިވަރު

ޔޫރަޕުގެ އެންމެ ވަރުގަދަ ޑިފެންސްލައިން އޮތީ އިންޓަރ މިލާނުގައި: ފްލިކް


ޔޫރަޕުގެ އެންމެ ވަރުގަދަ ޑިފެންސް ލައިން އޮތީ އިންޓަރ މިލާނުގައި ކަމަށް ބާސެލޯނާގެ ކޯޗު ހަންސީ ފްލިކް ބުނެފިއެވެ. އޭނާ މިހެން ބުނީ ޔުއެފާ ޗެމްޕިއަންސް ލީގުގެ ސެމީ ފައިނަލް މެޗުގެ ކުރިން ވާހަކަ ދައްކަމުންނެވެ.

"ޔޫރަޕުގެ އެންމެ ވަރުގަދަ ޑިފެންސް ލައިނެއް އޮތް ޓީމަކީ ބާސެލޯނާ. އަހަރުމެން ވާނީ އިދިކޮޅު ޓީމު ވަރަށް ބޮޑަށް އެނަލައިޒް ކޮށްފައި. އެމީހުން ބަލިކުރުމަކީ ފަސޭހަ ކަމަކަށްނުވާނެ. އެއީ ވަރަށް ވަރުގަދަ ޓީމެއް،" ފްލިކް ބުންޏެވެ.

މި މެޗަށް ނުކުންނައިރު އިންޓަރ އެންމެ ފަހުން ކުޅުނު ތިން މެޗުން ވެސް ވަނީ ބަލިވެފަ އެވެ. މިއާއެކު އިޓާލިއަން ލީގު ދިފާއު ކުރުމަށް ތާވަލުގެ އެއްވަނާގައި މިހާތަނަށް އޮތް ޓީމު ވަނީ ދެވަނައަށް ވެއްޓިފަ އެވެ. މިއީ ފާއިރުވެދިޔަ 10 އަހަރު ތެރޭގައި އިންޓަ އަށް ދިމާވި ގޮތެއްނޫނެވެ.

ނަމަވެސް ބާސެލޯނާގެ ކޯޗު ބުނީ ޗެމްޕިއަންސް ލީގަކީ ތަފާތު މުބާރާތެއް ކަމަށެވެ.

"އެމީހުންގެ ލީގުގައި ނަތީޖާ ދަށްކޮށް ދިޔަ ނަމަވެސް ޗެމްޕިއަންސް ލީގަކީ މުޅިން ތަފާތު މުބާރާތެއް. އަހަރުމެން އެމީހުންނާ މެދު ފަރުވާތެރިވާންޖެހޭނެ،" ކޯޗު ބުންޏެވެ.

ފްލިކް ބުނީ މިދިޔަ ބުދަ ދުވަހުގެ ރޭ ބާސެލޯނާއާ އެންމެ ވާދަވެރި ރެއާލް މެޑްރިޑް ބަލިކޮށް ކޮޕާ ޑެލްރޭ މުބާރާތް ކާމިޔާބު ކުރެވުމަކީ މި މެޗުގެ ކުރިން ޓީމަށް ލިބިފައިވާ ވަރަށް ބޮޑު އިތުބާރެއް ކަމަށެވެ. ނަމަވެސް ކޯޗު ބުނީ އެ މެޗުގައި އަނިޔާގެ ސަބަބުން ނުކުޅެވުނު މުހިންމު ދެ ކުޅުންތެރިން ކަމަށްވާ ފޯވަޑް ރޮބަޓް ލެވޮންޑޯސްކީ އާއި ޑިފެންޑަރު އަލެހަންދްރޯ ބަލްޑޭ އަށް މި މެޗުގައި ކުޅެވޭނެކަން ނިންމާނީ އެންމެ ފަހު ވަގުތު ކަމަށެވެ.

"އަހަރުމެން ޓީމު ރޮޓޭޓް ކުރާނެ. އެކަމަކު އެކަން ކުރާނީ މި މެޗުގައިތޯ ސްޕެނިޝް ލީގުގައިތޯ ނިންމަން އަދި އަވަސް. އަހަރެން މަސައްކަތް މި ކުރަނީ އެންމެ ރަނގަޅު ޓީމު ނަގަން. ޗެމްޕިއަންސް ލީގަކީ އަހަރުމެންނަށް ވަރަށް މުހިންމު މުބާރާތެއް،" ކޯޗު ބުންޏެވެ.

މިރޭގެ މެޗު ފަށާނީ ރާއްޖެ ގަޑިން 12 ޖަހާއިރުއެވެ.