ޚަބަރު

އިންވެސްޓްމަންޓް ފުރުޞަތުތަކަށް ރާއްޖެ އޮތީ ހުޅުވިފައި، ޝައުޤުވެރިވާ ފަރާތްތަކަށް މަރުހަބާ ކިޔާނެ: ރައީސް


  • މެލޭޝިއާގެ އިންވެސްޓަރުންނާއި ވިޔަފާރިތަކަށް ހުރި ފުރުޞަތުތަކުގެ މައްޗަށް ރައީސް އަލިއަޅުއްވާލެއްވި

  • ރާއްޖޭގެ ފަތުރުވެރިކަމުގެ ދާއިރާގައި ދެފަރާތުން ގުޅިގެން މަސައްކަތްކުރެވޭނެކަން ފާޅުކުރެއްވި

އިންވެސްޓްމަންޓް ފުރުޞަތުތަކަށް ރާއްޖެ އޮތީ ހުޅުވިފައިކަމަށާއި ރާއްޖޭގައި އިންވެސްޓްކުރަން ޝައުޤުވެރިވާ ފަރާތްތަކަށް މަރުހަބާ ކިޔާނެކަމަށް ރައީސުލްޖުމްހޫރިއްޔާ ޑރ.މުހައްމަދު މުއިއްޒު ވިދާޅުވެެއްޖެއެވެ.

ރައީސުލްޖުމްހޫރިއްޔާ މިހެން ވިދާޅުވީ މެލޭޝިޔާއަށް ކުރައްވަމުން ގެންދަވާ ދަތުރުފުޅުގެ ތެރެއިން ބެރްޖާޔާ ކޯޕަރޭޝަން ބަރްހާދްގެ ފައުންޑަރ އަދި އެޑްވައިޒަރ، ވިންސެންޓް ޓަން ޗީ ޔިއޫން ރައީސުލްޖުމްހޫރިއްޔާގެ އަރިހަށް ކުރެއްވި އިޙުތިރާމުގެ ޒިޔާރަތުގައެވެ.

މި ބައްދަލުކުރެއްވުމުގައި ރައީސުލްޖުމްހޫރިއްޔާވަނީ ރާއްޖޭގައި މެލޭޝިއާގެ އިންވެސްޓަރުންނާއި ވިޔަފާރިތަކަށް ހުރި ފުރުޞަތުތަކުގެ މައްޗަށް އަލިއަޅުއްވާލައްވާފައެވެ. އަދި، އެފަދަ ފުރުޞަތުތަކަށް ރާއްޖެ އޮތީ ހުޅުވިފައިކަމަށާއި ރާއްޖޭގައި އިންވެސްޓްކުރަން ޝައުޤުވެރިވާ ފަރާތްތަކަށް މަރުހަބާ ކިޔާނެކަމަށްވެސް އެމަނިކުފާނު ވިދާޅުވިއެވެ. އަދި ރާއްޖޭގެ ފަތުރުވެރިކަމުގެ ދާއިރާގައި ދެފަރާތުން ގުޅިގެން މަސައްކަތްކުރެވޭނެކަންވެސް އެމަނިކުފާނު ހާމަކުރެއްވިއެވެ.

ބެރްޖާޔާ ކޯޕަރޭޝަން ބަރްހާދްގެ ފައުންޑަރ އަދި އެޑްވައިޒަރ ވަނީ އެކޯޕަރޭޝަނުން މިހާތަނަށް ހިންގާފައިވާ މަޝްރޫޢުތަކުގެ ތަފްޞީލް ރައީސުލްޖުމްހޫރިއްޔާއާ ހިއްސާކުރައްވާފައެވެ. އަދި، އެކޯޕަރޭޝަންގެ ޕޯޓްފޯލިއޯ ފުޅާކުރެވޭނެ ގޮތްތަކާއި މެދުވެސް މިބައްދަލުވުމުގައި މަޝްވަރާކުރެއްވިއެވެ.

މިބައްދަލުވުމުގައި ބައިވެރިވެވަޑައިގެންނެވި ވަޒީރުން ވަނީ ރާއްޖޭގައި އިންވެސްޓްކުރުމަށް ހުރި ފުރުޞަތުތަކުގެ މައްޗަށް އަލިއަޅުއްވާލައްވައި އެކަމާގުޅޭ މަޢުލޫމާތުތައް ހިއްސާކުރައްވާފައެވެ. އަދި، ރާއްޖޭގައި ވިޔަފާރިކުރުމަށް ހުރި ފަސޭހަތަކާއި ބޭރުގެ އިންވެސްޓަރުންނަށް ފޯރުކޮށްދެވޭ ލުއިތަކުގެ މައްޗަށްވެސް އަލިއަޅުއްވާލެއްވިއެވެ. މީގެއިތުރުން، ރާއްޖޭގައި އިންވެސްޓްކުރެވޭނެ ދާއިރާތަކާއި، ވަޔާއި ކަނޑުގެ މަގުން ރާއްޖެ ގުޅިފައިވާ މިންވަރުގެ މައްޗަށް ވަޒީރުން ވަނީ އަލިއަޅުއްވާލައްވާފައެވެ. އަދި، ވަޔާއި ކަނޑުގެ މަގުން ރާއްޖޭގެ ކަނެކްޓިވިޓީ އިތުރަށް ފުޅާކުރުމަށް ސަރުކާރުން ފައްޓަވާފައިވާ މަޝްރޫޢުތަކާއި ބެހޭގޮތުންވެސް އެބޭފުޅުންވަނީ ވާހަކަފުޅު ދައްކަވާފައެވެ.

ބެރްޖާޔާ ކޯޕަރޭޝަން ބަރްހާދްގެ ފައުންޑަރ އަދި އެޑްވައިޒަރގެ އިތުރުން، މި ބައްދަލުވުމުގައި، އެ ކޯޕަރޭޝަންގެ ގްރޫޕް ޗީފް އެގްޒެކެޓިވް އޮފިސަރ، ސަޔެދް ޢަލީ ޝަހުލް ޙަމީދުގެ އިތުރުން، ބެރްޖާޔާ ކޯޕަރޭޝަން ބަރްހާދްގެ ފައުންޑަރ އަދި އެޑްވައިޒަރގެ އެގްޒެކެޓިވް އެސިސްޓަންޓް މޮރީސް ޑެނިއެލް ޗެން ބައިވެރިވެވަޑައިގެންނެވިއެވެ.