ޚަބަރު

ކެނެޑާގެ ޢާންމު އިންތިޚާބު ކާމިޔާބުކޮށް ވެރިކަންކުރާ ލިބަރަލް ޕާޓީން ވެރިކަން ދަމަހައްޓައިފި


އޭޕްރިލް 28ވަނަ ދުވަހު ކެނެޑާގައި ބޭއްވި ޢާންމު އިންތިޚާބުގައި ވެރިކަން ކުރާ ލިބަރަލް ޕާޓީގެ ކެނޑިޑޭޓު އަދި މިހާރުގެ ބޮޑުވަޒީރު މާކް ކާނީ ކުރި ހޯއްދަވާފައިވާ ކަން އެންމެ ފަހުގެ ނަތީޖާތަކުން ހާމަވެއްޖެއެވެ. އިންތިޚާބުގައި ކާނީއާ އެންމެ ގާތުން ވާދަކުރެއްވި ކޮންޒަރވެޓިވް ޕާޓީގެ ކެނޑިޑޭޓު، ޕިއެޚް ޕޮއިވިޔޭވް ވަނީ ބަލި ޤަބޫލު ކުރައްވައި، ކާނީއަށް މަރުޙަބާ ދަންނަވާފައެވެ. މި ނަތީޖާއާ އެކު ލިބަރަލް ޕާޓީން މި ވަނީ ވެރިކަން ދަމަހައްޓާފައެވެ.

ލިބަރަލް ޕާޓީން ކެނެޑާގެ ވެރިކަން ދަމަހައްޓާފައި މި ވަނީ، އިޤުތިޞާދީ އަދި ވިޔަފާރީގެ ދާއިރާއިން އެ ޤައުމަށް ބޮޑެތި ގޮންޖެހުންތަކެއް ކުރިމަތިވެފައިވާ ދަނޑިވަޅެއްގައެވެ. އަދި، އެ ޤައުމުން އެމެރިކާއަށް އެތެރެ ކުރާ މުދަލުން ނަގާ އިންޕޯޓުޑިޔުޓީ ބޮޑު ކުރާނެ ކަމުގެ އިންޒާރު އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕް ދެއްވާފައިވާ ދަނޑިވަޅެއްގައެވެ. ކެނެޑާގެ މަރުކަޒީ ބޭންކުގެ ގަވަރުނަރު ކަމުގެ މަޤާމު ކުރިން ފުރުއްވާފައިވާ ކާނީ ދެކެވަޑައިގަންނަވާ ގޮތުގައި، ޓްރަމްޕްގެ ފިއްތުންތަކާ ކުރިމަތިލައި، ކެނެޑާއަށް ފައިދާ ކުރަނިވި ނިންމުންތަކެއް ނިންމޭނީ އޭނާގެ ސިޔާސަތުތައް ތަންފީޒު ކޮށްގެންނެވެ.

އެންމެ ފަހުގެ ނަތީޖާތަކަށް ބަލައިލާއިރު ކެނެޑާގެ ޤާނޫނު ހަދާ މަޖިލިސް، ހައުސް އޮފް ކޮމަންސުން ކާނީގެ ލިބަރަލް ޕާޓީ ވަނީ 164 ގޮނޑި ކާމިޔާބު ކޮށްފައެވެ. ފުރިހަމަ އަޣުލަބިއްޔަތު ހޯދުމަށް އޭނާގެ ޕާޓީއަށް 172 ދާއިރާއިން ކުރި ހޯދަން ޖެހޭނެއެވެ. ކޮންޒަރވެޓިވް ޕާޓީއަށް ތާޢީދު ލިބިފައި ވަނީ 147 ދާއިރާއިންނެވެ. އިންތިޚާބުގެ ވޯޓު ގުނުން ނިމިފައި ނުވާއިރު، ކާނީގެ ލިބަރަލް ޕާޓީއަށް އައު ސަރުކާރެއް އެކުލަވައިލެވޭނީ ކުޑަ ޕާޓީއެއްގެ އެހީތެރިކަމާ އެކު އިއްތިޙާދެއް ހަދައިގެންނެވެ.

ޓްރަމްޕްގެ ސަބަބުން ކާނީއަށް އޮތް ތާޢީދު އިތުރުވި

ކެނެޑާގެ އިންތިޚާބުގެ މަސްރަޙު ދިރާސާ ކުރާ އެންގަސް ރީޑް އިންސްޓިޓިޔުޓްގެ ރައީސް ޝާޗީ ކަރލް ވިދާޅުވީ، އިންތިޚާބުގައި ލިބަރަލް ޕާޓީއަށް ކުރިލިބިފައި ވަނީ މައިގަނޑު ތިން ސަބަބަކާ ގުޅިގެން ކަމުގައެވެ. އޭގެ ތެރެއިން ފުރަަތަމަ ސަބަބަކީ، ކޮންޒަރވެޓިވް ޕާޓީ ނޫން ގޮތެއް ހޯދުމަށް ކެނެޑާގެ ރައްޔިތުން ބޭނުންވުމެވެ. ދެވަނަ ސަބަބަކީ، ކެނެޑާއާ ދެކޮޅަށް އަޅުއްވާނެ ކަމަށް ޓްރަމްޕް އިންޒާރު ދެއްވާފައިވާ ފިޔަވަޅުތަކެވެ. ތިންވަނަ ސަބަބެއްގެ ގޮތުގައި ކަރލް ފާހަގަ ކުރައްވާފައި ވަނީ ކުރީގެ ބޮޑު ވަޒީރު ޖަސްޓިން ޓްރޫޑޯ ލިބަރަލް ޕާޓީގެ ވެރިކަމާ ފެޔަށް ޖެހިވަޑައިގަތުމެވެ.

ކެނެޑާއާ ދެކޮޅަށް އެމެރިކާއިން އިޤުތިޞާދީ ގޮތުން ދަތި ކުރުމުގެ ފިޔަވަޅުތަކެއް އެޅި ނަމަވެސް، އެ ކަމުން އަރައިގަތުމަށް ހަރުދަނާ ފިޔަވަޅުތަކެއް އަޅުއްވާނެ ކަމުގައި ކާނީ ވަނީ ވަޢުދުވެ ވަޑައިގަންނަވާފައެވެ. އޭގެ ތެރޭގައި، އިޤުތިޞާދު ކުރިއެރުވުމަށް ބޭނުންވާނެ އެތަކެއް ބިލިޔަން ޑޮލަރެއްގެ ފައިސާ ޚަރަދު ކުރުމާއި، އެމެރިކާއަށް ބަރޯސާވާ މިންވަރު ކުޑަކުރުން ހިމެނެއެވެ.

ޖަނަވަރީ 20ވަނަ ދުވަހު އެމެރިކާގެ ރައީސް ކަމުގެ މަޤާމާ ޙަވާލުވެ ވަޑައިގެންނެވި ޓްރަމްޕްގެ އަމަލުތަކާ ގުޅިގެން ކެނެޑާގައި ޤައުމިއްޔަތު ކުރިއެރުވުމުގެ ވަރުގަދަ އޮއިވަރެއް ފެތުރިގެން ގޮސްފައިވާ ކަމުގައި މަސްރަޙު ދިރާސާ ކުރާ ފަރާތްތަކުން ޤަބޫލު ކުރެއެވެ. ކާނީއަކީ ސިޔާސީ މައިދާނަށް އައު ބޭފުޅެއް ނަމަވެސް، ކެނެޑާގެ އިޤުތިޞާދު ހަމަ މަގަށް އެޅުވޭނެ ބޭފުޅަކީ އޭނާ ކަމުގައި ވޯޓުލުމުގެ ޙައްޤު ލިބިފައިވާ ގިނަ މީހުން ޤަބޫލު ކުރެއެވެ.

ކެނެޑާގެ ޢާންމު އިންތިޚާބުގެ ވޯޓުލުން ފެށުމަށް ތައްޔާރުވެފައި އޮތް ދަނޑިވަޅުގައި ވެސް ޓްރަމްޕް ވަނީ އިތުރު އިންޒާރުތަކެއް ދެއްވާފައެވެ. މި ގޮތުން، ކެނެޑާގައި އުފައްދާ އެއްގަމު އުޅަނދުން ނަގާ އިންޕޯޓުޑިޔުޓީ %25އަށް އުފުލުމަށް ވިސްނަވަމުން ގެންދަވާ ކަމުގައި އޭނާ ވަނީ ވިދާޅުވެފައެވެ. އަދި، އިޤުތިޞާދު ހަތިޔާރަކަށް ހައްދަވައި، ކެނެޑާއަކީ އެމެރިކާގެ ތަނަކަށް ނުވަތަ ސްޓޭޓަކަށް ހައްދަވާނެ ކަމުގައި ވެސް އޭނާ ވަނީ ވިދާޅުވެފައެވެ. މިއީ، ޓްރަމްޕް މި މޭރުމުން ވިދާޅުވެ، އިންޒާރު ދެއްވާފައިވާ ފުރަތަމަ ފަހަރެއް ނޫނެވެ.