އާސެނަލްގެ ސަޕޯޓަރުން އެކުލަބު ވެރިޔާ ސްޓަން ކްރޮއެންކޭ އަށް އިލްތިމާސެއް ކޮށްފި އެވެ. އެއީ ކުރިއަށް އޮތް ސީޒަނަށް އެކުލަބަށް އަގުބޮޑު ފޯވަޑަކު ގެނެސްދިނުމެވެ.
ސަޕޯޓަރުން މި ގޮތަށް އެދުނީ 20 ވަނަ ވަނަ ފަހަރަށް ލިވަޕޫލުން ޕްރެމިއާ ލީގު ކާމިޔާބު ކުރުމުންނެވެ. ލިވަޕޫލް ފަސް އަހަރު ތެރޭގައި ދެ ވަނަ ފަހަރަށް މި ތަށި ހޯދިއިރު އާސެނަލް އަށް ފާއިތުވެދިޔަ ދެ ސީޒަނުގައި ވެސް ލިބުނީ ދެ ވަނަ އެވެ. އަދި މި ސީޒަނުގައި ވެސް އާސެނަލް އަށް ލިބުން ގާތީ ދެ ވަނަ އެވެ.
ކުލަބުގެ ސަޕޯޓަރުން ދެކޭ ގޮތުގައި އާސެނަލްގައި ރަނގަޅު ކުޅުންތެރިން ތިއްބަސް އެ ޓީމަށް ނަތީޖާ ނެރެވުމުގައި އެންމެ ބޮޑު މައްސަލައެއް ދިމާވެގެން އުޅެނީ މޮޅު ފޯވަޑަކު ނެތުމުންނެވެ.
އާސެނަލްގައި ރަނގަޅު ފޯވަޑުން ތިބި ނަމަވެސް ދުނިޔޭގެ ފެންވަރުގެ ފޯވަޑެއް ނެތެވެ. އަދި ކުލަބުގައި މިވަގުތު ތިބި ގިނަ ފޯވަޑުން މި ސީޒަނުގެ ބޮޑުގައި ހޭދަކޮށްފައިވަނީ އަނިޔާގަ އެވެ. މި ގޮތުން ކޯޗު މިކޭލް އާޓެޓާ މި ސީޒަނުގައި ގިނައިން ފޯވަޑަށް ކުޅުވަން ޖެހުނީ އެހެން މަގާމުތަކަށް ކުޅުވާ ކުޅުންތެރިން ލައްވަ އެވެ.
ސީޒަން ފެށިއިރު ފޯވަޑް ލައިނުގައި ކުޅެމުންދިޔަ ބްރެޒިލްގެ ފޯވަޑް ގަބްރިއަލް ޖެސޫސް އަށް މި ސީޒަނުގައި ދެ ފަހަރެއްގެ މަތީން ވަނީ އަނިޔާވެފަ އެވެ. ބްރެޒިލްގެ ޒުވާން ފޯވަޑް ގަބްރިއަލް މާޓިނެއްލީ ވެސް އަނިޔާގެ ސަބަބުން ގިނަ މެޗުތަކެއް ގެއްލުވާލި އެވެ. ޖަރުމަނުގެ ކައި ހަވާޓްޒް ވެސް ފޯވަޑަކަށް ކުޅުނަސް ގިނައިން އުޅުނީ އަނިޔާގަ އެވެ. މިހާރު ފޯވަޑަކަށް ކުޅެނީ ސްޕޭނުގެ މިޑްފީލްޑަރު މިކޭލް މެރިނޯ އެވެ.