ރެއާލް މެޑްރިޑުގެ ޑިފެންޑަރު އެންޓޯނިއޯ ރުޑިގާ ބެންޗުގައި ހުރެފައި ރެފުރީ ގައިގައި ޖަހަން އައިސް ކިއުބެއް އެއްލާލި މައްސަލަ ޖަރުމަނުގެ ފުޓްބޯޅަ ފެޑަރޭޝަނުން ވަރަށް ބޮޑަށް ކުށްވެރިކޮށްފިއެވެ.
ސްޕެއިނުގެ ކޮޕާ ޑެލްރޭ ފައިނަލުގައި ރެއާލް އަތުން ބާސެލޯނާ ބަލިވި މެޗުގައި ރުޑިގާގެ މި އަމަލާ ގުޅިގެން އޭނާ އަށް ރަތްކާޑު ދައްކައިފަ އެވެ.
އުމުރުން 28 އަހަރުގެ ކުޅުންތެރިޔާ މިހާރު ވަނީ އޭނާގެ އަމަލުތަކަށް މައާފަށް އެދިފަ އެވެ. ނަމަވެސް މި މައްސަލަ ބަލައި ނިމޭއިރު އޭނާ އަށް 12 މެޗު ނުނީ ހަ މަސް ދުވަހުގެ ސަސްޕެންޝަނެއް އައުން އެކަށީގެންވެ އެވެ.
ޖަރުމަނުގެ ގައުމީ ޓީމުގެ ސްޕޯޓިން ޑައިރެކްޓަރު ރޫޑީ ވޮލާ ބުނީ ރުޑިގާގެ އަމަލުތަކަކީ ޖަރުމަނު ގައުމީ ޓީމަށް ކުޅޭ ކުޅުންތެރިއެއްގެ ފުށުން ފެނިގެންވާނެ އަމަލެއް ނޫން ކަމަށެވެ.
"އޭނާ އެކަން ކޮށްގެންނުވާނެ. ހާއްސަކޮށް ޖަރުމަނު ގައުމީ ޓީމަށް ކުޅޭ ކުޅުންތެރިއަކު މިކަން ކޮށްގެންނުވާނެ. އޭނާ މިކަން ބަދަލު ކުރަންޖެހޭ. އޭނާ އަށް އެނގެން އެބަޖެހޭ އޭނާގެ އަމަކުތަކަކީ އަހުލާގީ މިންގަނޑުން ބޭރުވާ ފަދަ އަމަލެއްކަން،" ވޮލާ ބުންޏެވެ.
ރޫޑީ ވޮލާ ބުނީ ރުޑިގާ އަކީ މޮޅު ޑިފެންޑަރެއް ކަމަށާއި ނަމަވެސް ޖަރުމަނު ގައުމީ ޓީމަށް ކުޅޭ ކުޅުންތެރިއެއްގެ ކިބާގައި ހުންނަންޖެހޭ ސިފަތައް އޭނާ ގެއްލުވާލައިފި ކަމަށެވެ.
"އޭނަ އަކީ ވަރަށް އިމޯޝަނަލް މީހެއް. ވަރަށް ވަރުގަދަ އަށް ކުޅޭ މީހެއް ދަނޑުމަތީގައި. އެކަމަކު އޭނާގެ އަމަލުތަކުން ވެސް އޭނާ އަކީ މޮޅު މީހެއްކަން ސާބިތުކޮށްދޭންޖެހޭ. އޭނާ އަކީ އިހްތިރާމް ބޭނުންވާ ކުޅުންތެރިއެއް. އެ އިހްތިރާމް ލިބިގަތުމަށް އޭނާ އެބަޖެހޭ އިހްތިރާމް ލިބޭގޮތަށް އޭނާގެ އަމަލުތައް ބަހައްޓަން. މިއީ ޝަރުތެއްނެތި އޭނާ ކުރަންޖެހޭ ކަމެއް،" ވޮލާ ބުންޏެވެ.
ރެފްރީ ގައިގަ ޖަހަން ހިންގި މި އަމަލާ ގުޅިގެން ޖަރުމަނު ގައުމީ ޓީމުން ރުޑިގާ އަށް އަދަބުދީ ގައުމީ ޓީމަށް ނުނަގައި ބަހައްޓާނެ ކަމެއް ވޮލާ ނުބުނެ އެވެ. ނަމަވެސް އޭނާ ބުނީ މި އަމަލުގެ ސަބަބުން ޖަރުމަނު ގައުމީ ޓީމުގެ ކޯޗާއި އޭނާ ވެސް ރުޑިގާއާ ވާހަކަ ދައްކާނެ ކަމަށެވެ.
ސްޕޭނުގެ ފުޓްބޯޅަ ފެޑަރޭޝަނުގެ ގަވާއިދުގައިވާ ގޮތުގެ މަތީން މި މައްސަލަ ބަލާ ނިމޭއިރު ރުޑިގާ އަށް 12 މެޗުގެ ސަސްޕެންޝަނެއް އައުން އެކަށީގެންވެ އެވެ. އެ ފެޑަރޭޝަނުގެ ހަވާއިދުގެ 101 ވަނަ މާއްދާގައިވަނީ ރެފްރީއާ ދިމާކޮށް މެދުމިނުގެ ހަމަނުޖެހުމެއް ހިންގައިފިނަމަ ހަތަރެއް ނުވަތަ 12 މެޗަށް ސަސްޕެންޑްކުރެވިދާނެ ކަމަށެވެ.
އަދި މި ގަވާއިދުގެ 104 ވަނަ މާއްދާގައިވަނީ ކުޅުންތެރިއަކު ރެފްރީއަށް ގޯނާ ކުރުމަށް ކުރާ އަމަލެއްގެ ކުޑަބޮޑު މިނަށް ބެލުމަށްފަހު ތިން މަހާއި ހަ މަސް ދުވަހުގެ މުއްދަތަކަށް ސަސްޕެންޑް ކުރެވިދާނެ ކަމަށެވެ. އަދި މި ފަދަ އަމަލެއް ހިންގުމުގެ ސަބަބުން ރެފްރީ އަށް އަނިޔާވެ، މެޗު މެދުކަނޑާލައި، ނުވަތަ ހުއްޓާލުން ފަދަ ކަމެއް ދިމާވެއްޖެނަމަ އެ ކުޅުންތެރިޔާ އަށް ހަ މަސް ދުވަހާއި އެއް އަހަރާ ދެމެދުގެ އަދަދަށް ވެސް ސަސްޕެންޑްކުރެވިދާނެ ކަމަށެވެ.