ޚަބަރު

ރައީސް ޓްރަމްޕް ވެރިކަމުގައި 100 ދުވަސް: މުޅި ދުނިޔެއަށް ހަލަބޮލިކަން


މި އަހަރުގެ ޖަނަވަރީ މަހުގެ 20ވަނަ ދުވަހު މީގެ ކުރިން ވެސް އެމެރިކާގެ ރައީސްގެ މަޤާމު ފުރުއްވި ޑޮނަލްޑް ޓްެރަމްޕް ވަނީ ވެރިކަމުގެ ދެވަނަ ދައުރަކާ ޙަވާލުވެވެޑައިގަންނަވާފައެވެ. ވެރިކަމާ ޙަވާލުވެވަޑައިގެންނެވި ގޮތަށް އޭނާ ވަނީ އޭނާގެ ޝަހުސިއްޔަތު ވަރަށް ރަނގަޅަށް ދައްކުވައިދޭ ގިނަ ކަންތައްތަކެއް ކުރައްވައިފައެވެ. އޭގެ ތެރޭގައި މުޅި ދުނިޔެއަށް އޭގެ އަސަރު ކުރާފަދަ ޓެެރިފްތައް ތަޢާރަފް ކުރެއްވުމާއި އެމެރިކާއިން ޤައުމުތަކަށް ދެމުންދިޔަ މާލީ އެހީތެރިކަން ކަނޑައިލެއްވުން ހިމެނެއެވެ. ނޭޓޯގެ ބައިވެރިންނަށް އެމެރިކާއިން ދެމުންދިޔަ މުހިންމުކަން ކުޑަކޮށް، ޔޫކްރެއިން-ރަޝިޔާ ހަނގުރާމައިގައި ރަޝިޔާގެ ކޮޅަށް ބުރަވާން ފެށުން ވެސް ހިމެނެއެވެ. އޭގެ އިތުރުން ގްރީންލޭންޑު އިސްތިޢުމާރު ކުރައްވަން ބޭނުންވެވަޑައިގަންނަވާކަމަށާއި ޕެނަމާ ކެނަލް ވެސް އަލުން އަނބުރާ އެމެރިކާގެ ބާރުގެ ދަށަށް ގެންނަވާނެ ކަމަށް އޭނާ ވަނީ ވިދާޅުވެފައެވެ. ހަމައެއާއެކު އެމެރިކާގެ އަވަށްޓެރި ކެނެޑާއަކީ ވެސް އެ ޤައުމުގެ ސްޓޭޓަކަށް ހައްދަވާނެ ކަމަށް ޓްރަމްޕް ވަނީ ވިދާޅުވެފައެވެ. އޭގެ އިތުރުން ފަލަސްޠީނުގެ ޣައްޒާއިން އެ ސަހަރުގެ ރައްޔިތުން ބާލައި އެއީ އެމެރިކާގެ ތަނަކަށް ހައްދަވާނެ ކަމުގެ އިންޒާރު ވެސް ޓްރަމްޕް ވަނީ ދެއްވައިފައެވެ.

ޔަޤީނުން ވެސް ރައީސްގެ މަޤާމާ ޓްރަމްޕް ޙަވާލުވެވަޑައިގެންނެވި ފަހުން ފާއިތުވެފައިވާ 100 ދުވަހުގެ ތެރޭގައި ޓްރަމްޕް ވަނީ ހީނުކުރާފަދަ ގިނަ ފިޔަވަޅުތަކެއް އަޅުއްވައިފައެވެ. އޭނާ ވަނީ ޒަމާނުއްސުރެ ދުނިޔޭގައި ކަން ހިނގާ އުސޫލުތަކާއި ބައިނަލްއަޤްވާމީ ޤާނޫނުތަކާއި އެއްބަސްވުންތަކަށް ގޮންޖައްސަވައިފައެވެ.

އެމެރިކާގެ ކުރީގެ ރައީސް ރޮނަލްޑް ރޭގަންއާއި ޖޯޖް ޑަބްލިޔު ބުޝްގެ ވެރިކަމުގައި އަދި ޓްރަމްޕްގެ ވެރިކަމުގެ ފުރަަތަމަ ދައުރުގައި ވެސް ސަރުކާރަށް ޚިދުމަތް ކުރައްވާފައިވާ އަދި ޓްރަމްޕްގެ ފުރަތަމަ ދަައުރުގައި އީރާނާއި ވެނެޒުއެލާއަށް ކަނޑައަޅާފައި ހުންނެވި ޚާއްސަ މަންދޫބު، އެލިއޮޓް އަބްރަމްސްްް ވިދާޅުވީ މީގެ އަށް އަހަރު ކުރިން ޓްރަމްޕް ގެންގުޅުއްވި ފިކުރު މިހާރު އަދި އިތުރަށް ހަރުކަށުވެފައިވާ ކަމަށެވެ. ޓްރަމްޕް ކުރައްވާ ބައެއް ކަންކަމުގެ ސަބަބުން އޭނާއަށް ވެސް ހައިރާންކަން ލިބިވަޑައިގަންނަވާ ކަމަށް އޭނާ ވިދާޅުވިއެވެ.

ޓްރަމްޕްގެ ވެރިކަމުގެ ދެވަނަ ދައުރުގައި ގެންގުޅުއްވާ ‘އެމެރިކާ ފަރސްޓް’ ނުވަތަ ފުރަތަމަ އެމެރިކާ ސިޔާސަތިގެ ސަބަބުން އެމެރިކާއާ ރަހުމަތްތެރި ބައެއް ޤައުމުތަކާއެކު އޮތް ގުޅުމަށް ވަނީ ހީނަރުކަން އައިސްފައެވެ. އަދި އެ ޤައުމުގެ ހަތުރުންގެ ރުޅިވެރިކަން ވަނީ އިތުރުވެފައެވެ. ޓްރަމްޕްގެ ޢަމަލުތަކުގެ ސަބަބުން ޤައުމުތަކުން އެމެރިކާއާ މެދު ދެކޭ ގޮތަށް ނޭދެވޭ ބަދަލުތައް އަންނަމުންދާއިރު ޤައުމުތަކުން ދެކޭ ނަޒަރިއްޔާތު ބަދަލު ކުރުމަށް ފަސޭހައެއް ނުވާނެއެވެ. 2028ވަނަ އަހަރު އެމެރިކާގެ ވެރިކަމާ މަޑުމައިތިރި، އައު ރައީސެއް ޙަވާލުވި ނަމަ ވެސް ޓްރަމްޕްގެ ސަަބަބުން އެމެރިކާގެ ހައިބަތަށް ލިބޭ އުނިކަމުން އަރައިގަތުމަށް ދަތިވާނެ ކަމަށް ބެލެވެއެވެ.

މި ހުރިހާ ކަމެއް ވެސް ހިނގައި މި ދަނީ އެމެރިކާގައި ޑިމޮކްރަސީގެ ހަމަތައް ގެއްލެމުންދާ ކަމުގެ ކަންބޮޑުވުން ޓްރަމްޕަށް ފާޑުވިދާޅުވާ ބޭފުޅުން ފާޅު ކުރައްވަމުންދާ ދަނޑިވަޅެއްގައެވެ. މިއީ ހަމައެކަނި އެމެރިކާގެ ރައްޔިތުންގެ މެދުގައި އޮތް ކަންބޮޑުވުމެއް ނޫން ކަމަށާއި އޭގެ އަސަރު ބޭރު ޤައުމުތަކުގެ މީހުންނަށް ވެސް ކުރާނެ ކަމަށް އެ ބޭފުޅުން ފާހަގަ ކުރައްވައެވެ. މީގެ ބައެއް މިސާލުގެ ގޮތުގައި އެ ބޭފުޅުން ފާހަގަ ކުރައްވާ ބައެއް ކަންކަމަކީ ޓްރަމްޕް ފާޅުގައި ފަނޑިޔާރުންނަށް ފާޑުވިދާޅުވުމާއި އެމެރިކާގެ ޔުނިވަސިޓީތަކަށް ނުފޫޒު ފޯރުވުމަށް އޭނާ މަސައްކަތް ކުރެއްވުމެވެ. އޭގެ އިތުރުން އެމެރިކާއަށް ހިޖުރަ ކޮށްފައިވާ މީހުން ހަރުކަށި ޖަލެއް ކަމަށްވާ އެލް ސަލްވަޑޯރއަށް ފޮނުވުމަކީ ހިޖުރަވެރިންނާ ދޭތެރޭ ޓްރަމްޕް ގެންގުޅުއްވާ ސިޔާސަތުގައި ހުރި މައްސަލަތައް ދައްކުވައިދޭ ޢަމަލެއް ކަމަށް ވެސް އެ ބޭފުޅުން ފާހަގަ ކުރައްވައެވެ. މި ޙާލަތުގައި ކަންތައްތައް ވަމުން ދަނީ ކިހިނެތް ކަމެއް އަދި ދެން ކަންތައް ވާނީ ކިހިނެތްކަން ބުނަން ދަތި ކަމަށް މަޝްރަހު ދިރާސާ ކުރައްވާ ތަޖުރިބާކާރުން ވިދާޅުވެއެވެ. ސަރުކާރުގެ އެތައް އިސްވެރިންނާއި ކުރީގެ އިސްވެރިންނާއި ޚާރިޖީ ބޭފުޅުންނާއި އެނަލިސްޓުން މި ކަމަށް އެއްބަސްވެއެވެ.

ގިނަ ބަޔަކު ޤަބޫލު ކުރާ ގޮތުގައި ޓްރަމްޕްގެ ސަބަބުން މިހާރު ލިބިފައިވާ ގެއްލުން ފޫބެއްދޭނެ ކަމުގެ ޔަޤީން ކަމެއް ނެތެވެ. ޓްރަމްޕް އޭނާގެ ހަރުކަށިކަމުގައި ހިފަހައްޓަވައިފި ނަމަ މި ޙާލަތު ރަނގަޅު ވާނެ ކަމަކަމަށް ނުބެލެވެއެވެ. ބައެއް ކަންކަމުގައި ޓްރަމްޕް މިހާރު ވެސް ވަނީ ކޮންމެވެސް މިންވަރަކަށް ދޫ ދެއްވައިފައެވެ. އެ ގޮތުން ޓެރިފް ނަގާ ތާރީޚު ފަސް ކުރެއްވުމާއި ބައެއް ޤައުމުތަކުގެ އަތުން ނަގާ ޓެކްސްގެ މިންވަރު ދަށް ކުރެއްވުން ހިމެނެއެވެ. ނަމަ ވެސް ޓްރަމްޕްގެ ކިބައިން މާ ބޮޑު ބަދަލެއް ފެނުމަކީ އެކަށީގެންވާ ކަމެއް ނޫން ކަމަށް ގިނަ ބަޔަކު ޤަބޫލު ކުރެއެވެ. އޭގެ ބަދަލުގައި އެހެން ޤައުމުތަކުން އެމެރިކާއާއެކު އޮންނަ ގުޅުމަށް ބަދަލުތައް ގެންނާނެ ކަމަށް ބެލެވެއެވެ.

މި ކަމަށް ބާރުދޭ މިސާލަކަށް ބަލައިނަމަ އެންމެ ފާހަގަ ކޮށްލެވެނީ ވިލާތުގެ ޤައުމުތަކުން އެ ޤައުމުތަކުގެ ދިފާޢީ ބާރު ވަރުގަދަ ކުރުމަށް މަސައްކަތްކޮށް އެމެރިކާއިން ފޯރު ކޮށްދޭ ހަތިޔާރުގެ މައްޗަށް ބަރޯސާވެފައި އޮންނަ އޮތުން ކުޑަ ކުރުމަށް އެ ޤައުމުތަކުން މަސައްކަތް ކުރުމެވެ. ދެކުނު ކޮރެޔާއިން ވެސް ދަނީ އެ ޤައުމުގެ އަމިއްލަ ނިޔުކްލިއަރ ހަތިޔާރު ތަރައްޤީ ކުރުމާމެދު ބަހުޘް ކުރަމުންނެވެ. މި ޙާލަތުގައި އެމެރިކާއާ ގާތް ގުޅުން އޮންނަ ޤައުމުތަކުން ވިޔަފާރީގެ ގޮތުން ޗައިނާއާއެކު ގުޅުން ބަދަހި ކޮށްފާނެ ކަމަށް ވެސް ބެލެވެއެވެ.

ނަމަ ވެސް ޓްރަމްޕްގެ ސަަބަބުން އެމެރިކާގެ ހައިބަތަށް އުނިކަމެއް އަންނަ ކަމަށް އެމެރިކާގެ ރިޔާސީ ގަނޑުވަރު، ވައިޓް ހައުސުން ޤަބޫލެއް ނުކުރެއެވެ. ވައިޓް ހައުސުން ބުނަމުން ދަނީ ޓްރަމްޕް ކުރައްވަމުންދާ މަސައްކަތަކީ ކުރީގެ ރައީސް ޖޯ ބައިޑަން ބައިނަލްއަޤްވާމީ މައިދާނުގައި “ހާއްވަވާފައިވާ ހަޑި” ސާފު ކުރުން ކަމަށެވެ. ޔޫކްރެއިނާއި ރަޝިޔާގެ މައްސަލަ ޙަައްލު ކުރެއްވުމަށް ޓްރަމްޕް ދެ ޤައުމު އެއް މޭޒެއްގެ ދޮށަށް ގެންނަވާ މަސައްކަތް ކުރައްވަމުންދާ ކަމަށް އެ އިދާރާއިން ބުނެއެވެ. އޭގެ އިތުރުން އެމެރިކާއަށް ކުރިމަތިވެފައިވާ ފެންޓަނީލް ޑްރަގްގެ މައްސަލަ ޙައްލު ކުރެއްވުމާއި އެމެރިކާގެ މަސައްކަތްތެރިން ހިމާޔަތް ކުރުމަށްޓަކައި ޗައިނާ ޒިންމާދާރު ކުރުވަމުންދާ ކަމަށާއި އީރާނާ ދެކޮޅަށް އަޅާފައިވާ ދަތިކުރުމުގެ ފިޔަވަޅުތައް ހަރުކަށިކުރައްވައި އެ ޤައުމުގެ ނިޔުކްލިއަރ މަޝްރޫޜުއާ ގުޅޭގޮތުން ވާހަކަ ދެއްކުމަށް އަލުން މަޝްވަރާގެ މޭޒުގެ ދޮށަށް އައުމަށް އެ ޤައުމަށް މަޖުބޫރު ކުރައްވާފައިވާ ކަމަށް ވެސް ވައިޓް ހައުސުން ބުނެއެވެ. ހަމަ އެއާއެކު ޔަމަނުގެ ހަތިޔާރު އެޅި ޖަމާޢަތެއް ކަމަށްވާ ޙޫޘީންނާ ދެކޮޅަށް ވެސް އަސްކަރީ އަދި އިޤްތިޞާދީ ފިޔަވަޅުތައް އަޅުއްވަމުންދާ ކަމަށް އެ އިދާރާއިން ބުނެއެވެ. އޭގެ އިތުރުން އެމެރިކާއާއި މެކްސިކޯއާ ދެމެދު އޮންނަ ދެކުނު ސަރަޙައްދީ ރޮނގު ދިފާޢު ކުރައްވަމުންދާ ކަމަށް ވެސް ވައިޓް ހައުސުން ބުނެއެވެ.