ލިވަޕޫލަށް އިނގިރޭސި ޕްރެމިއާ ލީގު ކާމިޔާބުކޮށްދިނުމަށްފަހު ކޯޗު އާނޭ ސްލޮޓް ކުރީގެ ކޯޗު ޔާގެން ކްލޮޕަށް ވަރަށް ބޮޑަށް ޝުކުރު އަދާކޮށްފި އެވެ.
އަމިއްލަ ދަނޑުގައި ރޭ ޓޮޓެންހަމް 5-1އިން ބަލިކޮށް ލިވަޕޫލް ތަށި ހޯދުމަކީ މި ތަށި އެ މީހުން ހޯދި 20 ވަނަ ފަހަރަށެވެ. މި އަދަދަށް މީގެ ކުރިން ތަށި ހޯދާފައިވަނީ މެންޗެސްޓާ ޔުނައިޓެޑެވެ.
އުމުރުން 46 އަހަރުގެ ނެދަލޭންޑްސްގެ ކޯޗު ސްލޮޓަކީ އަށް ސީޒަނުގައި ލިވަޕޫލަށް 10 ތަށި ހޯދައިދިނުމަށްފަހު މިދިޔަ ސީޒަނަށް ފަހު ޖަރުމަނުގެ ކޯޗު ކްލޮޕް، 57، ލިވަޕޫލް ދޫކޮށްލުމުން ޓީމާ ހަވާލުވި ކޯޗެވެ. މެޗަށް ފަހު އޭނާ ބުނީ މި ސީޒަނުގެ ތަށި ލިވަޕޫލަށް ލިބުމުގެ އެންމެ މުހިންމު އެއް ސަބަބަކީ ކްލޮޕް ބިނާކޮށްފައިވާ ޓީމުގެ ފުރިހަމަކަން ކަމަށެވެ.
"އަހަރެން މާ ގިނަ ވާހަކަ ދައްކާކަށް ނެތިން. އަހަރެން ބުނަން އޮތް ވާހަކަ އަކީ އަހަރެންގެ ޝުކުރު ކްލޮޕަށް އޮތް ވާހަކަ. އޭނާގެ މަސައްކަތް އަހަރެން ވަރަށް ބޮޑަށް ބަލައިގަންނަ ވާހަކަ. މިދިޔަ ސީޒަނަށް ފަހު އޭނާ އަހަރެން ކޯޗެއްގެ ގޮތުގައި ކުލަބަށާއި ކުޅުންތެރިންނާއި ސަޕޯޓަރުންނަށް ތައާރަފްކޮށްދިން ގޮތަކީ ވަރަށް ރީތި މިސާލެއް،" ސްލޮޓް ބުންޏެވެ.
އޭނާ އަދި ބުނީ މި ސީޒަން ކުރިއަށްދިޔަ އިރު ދެ ކޯޗުން ވަރަށް ގިނައިން ފޯނުން ޓީމާ ބެހޭ ގޮތުން މަޝްވަރާކުރި ކަމަށެވެ.
"އަހަރެންނަށް ޔަގީން އަހަރެންގެ ފޯނު ނަގައި ބަލާއިރު 99.9 ޕަސެޓް ޔަގީން ޔާގެން (ކްލޮޕް)ގެ މެސެޖެއް އޮންނާނެކަން. ދެން އެކަމަކު އެންމެ މުހިންމު ކަމަކީ ޓީމު ކުރިއަށް ދިއުން. ކްލޮޕް ވަނީ ލިވަޕޫލްގައި ވަރަށް ވަރުގަދަ ރޫހަކާއި ކާމިޔާބު ހޯދަން ގަދަ އަޅައި މަސައްކަތް ކުރުމުގެ ރޫހަކާއި ފެންވަރު ހުރި ޓީމެއްގެ ސިފަތައް ދައްކުވައިދީފައި،" ސްލޮޓް ބުންޏެވެ.
ތަށި ލިބުމުން ލިވަޕޫލް ސަޕޯޓަރުންނާއެކު ސްކޮޓް ވަނީ ވަނީ ކްލޮޕަށް ހާއްސަކޮށް ސަޕޯޓަރުން ކިޔާ ލަވާގައި ރޭ ބައިވެރިވެފަ އެވެ. ކްލޮޕް ވަނީ މި ލަވާގައި ކިޔާ އޭނާގެ ނަން ސްލޮޓްގެ ނަމަށް ބަދަލުކޮށްދޭން މިދިޔަ ސީޒަނަށް ފަހު އެދިފަ އެވެ.
ލިވަޕޫލަށް މި ސީޒަނުގެ ޗެމްޕިއަންކަން ތަފާތު ބޮޑުކޮށް މި ސީޒަނުގައި ހޯދުނީ ފާއިތުވެދިޔަ ހަތަރު އަހަރުގެ ޗެމްޕިއަންސް މެންޗެސްޓާ ސިޓީ ފަދަ ކުލަބުތައް އަޑިއަޅާލުމުން ކަމަށް ވެސް ސްލޮޓް ބުންޏެވެ.
މިއާއެކު ވަރަށް ގިނަ ބަޔަކު ބުނަމުންދަނީ ސްލޮޓްގެ ހަގީގީ ކާމިޔާބީ ފެނިގެންދާނީ އަންނަ ސީޒަނުގައި ކަމަށެވެ. މިހާރު އޮތް ޓީމަކީ ކްލޮޕް ބިނާކޮށް އޭނާ ހޯދި ކުޅުންތެރިންގެ މައްޗަށް ބިނާވެފައި އަދި މީގެ ކުރިން ވެސް ކާމިޔާބު ހޯދާފައިވާ ޓީމެއް ކަމަށެވެ.
ކްލޮޕް ވަނީ ލިވަޕޫލަށް 30 އަހަރަށް ފަހު ފުރަތަމަ ފަހަރަށް 2020 ވަނަ އަހަރު ޕްރެމިއާ ލީގު ކާމިޔާބުކޮށްދީފަ އެވެ. އަދި ޗެމްޕިއަންސް ލީގުގެ ތިން ފައިނަލް ކުޅެ 2019 ވަނަ އަހަރު އެ ތަށި ހޯދައިދީފަ އެވެ. މީގެ އިތުރުން އެފްއޭކަޕާއި ލީގު ކަޕް އަދި ކުލަބު ވޯލްޑްކަޕާއި ޔޫރަޕިއަން ސުޕަކަޕާއި ޗެރިޓީ ޝީލްޑާއެކު ޖުމުލަ 10 ތަށި ހޯދައިދިނެވެ. އޭނާ ވަކިވެ ދިޔައީ އެކުލަބުގެ ކާމިޔާބު ކޯޗުންގެ ތެރޭގައި ހިމެނިގެންނެވެ.