ރާއްޖޭގައި އެތުލެޓިކްސް ދަނީ އެއް ދުވަހަށްވުރެ އަނެއް ދުވަހެއް ކުރިއަރަމުން ކަމަށާއި، އެތުލީޓުން ތަމްރީނުކުރުމުގައި ގެންގުޅެނީ ދިގު ރާސްތާ ޕްލޭނެއް ކަމަށް އެތުލެޓިކްސް އެސޯސިއޭޝަން އޮފް މޯލްޑިވްސްގެ ރައީސް މުސްޠަފާ މުޙައްމަދު ވިދާޅުވެއްޖެއެވެ.
ނިމިގެންދިޔަ 12 ވަނަ އެތުލެޓިކްސް އެސޯސިއޭޝަން ޗެމްޕިއަންޝިޕްގެ ތެރެއިން ޕީއެސްއެމް ނިއުސްއާ ވާހަކަދައްކަވަމުން މުސްތަފާ ވިދާޅުވީ ބައިނަލް އަޤްވާމީ މުބާރާތްތަކުގައި ވާދަކުރުމަށް މިހާރު ގެންގުޅޭ ވިސްނުމަކީ މެޑަލް ހޯދޭނެ ފަދަ އިވެންޓުތަކަށް ބޮޑަށް ފޯކަސްކޮށް އެދިމާތަކުން ކުޅުންތެރިން ކުރިއަރުވާ، އިތުރަށް ތަމްރީނު ދިނުންކަމަށެވެ.
"ބޭރުގެ މުބާރާތްތަކަށް ދާއިރުވެސް ކުރިއާ ތަފާތުކޮށް އަޅުގަނޑުމެންގެ ވިސްނުން މިހުންނަނީ ވާދަކުރެވޭ، މެޑަލް ހޯދޭ، އެކަހަލަ އިވެންޓުތަކަށް ފޯކަސްކޮށްގެން ބޮޑަށް ޓާގެޓްތަކެއް އެޗީވްކުރަން، މެޑަލްތަކެއް ހޯދަން ދާ މުބާރާތްތަކެއް ގޮތަށް ބޭރަށް މި ފޮނުވެނީ" މުސްތަފާ ވިދާޅުވިއެވެ.
އެތުލީޓުން ތަމްރީނުކުރުމުގައި އޭއޭއެމްއިން އަމާޒު ހިފާފަވަނީ މުބާރާތްތަކަށް ވަރަށް ދުރާލާ ތައްޔާރުވުމަށްކަމަށް ފާހަގަކުރައްވަމުން މުސްތަފާ ވިދާޅުވީ ގާތްގަނޑަކަށް މުބާރާތެއް ފެށުމުގެ ދެއަހަރަ ނުވަތަ ތިން އަހަރުކުރިން އެތުލީޓުން ތަމްރީނުކޮށް، މުބާރާތުގައި ވާދަކޮށް މެޑައްޔެއް ކަށަވަރުކުރުމަކީ އަމާޒެއްކަމަށެވެ. އެހެންކަމުން ވަނައެއް ލިބޭނެ ފަދަ އިވެންޓުތަކަށް ބޮޑަށް އިސްކަންދީގެން އެދިމާތަކުން އެތުލީޓުން ތަމްރީނުކުރުމަށް ޚާއްސަ ސަމާލުކަމެއްދެއްވާ ކަމަށް އެތުލެޓިކްސް އެސޯސިއޭޝަންގެ ރައީސް ފާހަގަކުރެއްވިއެވެ.
ނިމިގެން ދިޔަ އެތުލެޓިކްސް ޗެމްޕިއަންޝިޕާ ގުޅޭގޮތުން މުސްތަފާ ވިދާޅުވީ މިއަހަރުގެ މުބާރާތަކީވެސް ކާމިޔާބު މުބާރާތެއްކަމަށާ ބޮޑު ބަދަލެއް މުބާރާތަށް ގެންނަން ޖެހުމާ ގުޅިގެން ބައިވެރިވި އެތުލީޓުންގެ އަދަދު މަދުވި ނަމަވެސް މުބާރާތް ކުރިއަށް ގެންދެވުނީ ވަރަށް ރަނގަޅަށް ކަމަށެވެ.
"ޒުވާން ގިނަ އެތުލީޓުންތަކެއް މީޓް ރިކޯޑްތަކެއް ހަދައިފި. ޖުމްލަކޮށް 26 މީޓް ރިކޯޑްއެބައޮތް ހަދާފަ. ވަރަށް ގިނަ ދުވަސްވީ ނެޝަނަލް ރިކޯޑްއެއްވެސް އައު ކުރި. ޖުމްލަކޮށް ބުނަންޏާ ރަނގަޅު މުބާރާތެކޭ ބުނެވޭނީ. އެކަމަކު މީގަ ފާހަގަކޮށްލަންޖެހޭ އެއްކަމެއް އެބައޮތް، ވަރަށް ބޮޑު ބަދަލެއް އަތުވެއްޖެ މި މުބާރާތުގަ. ކުރީ އަހަރުތަކުގަ ގާތްގަނޑަކަށް 400-500 އެތުލީޓުންނާ އެކީ މިމުބާރާތް ކުރިއަށް މިދިޔައީ. މިއަހަރު އެޑިއުކޭޝަނުން ގެނައި ބަދަލަކާ ގުޅިގެން ސްކޫލްތަކުގެ ނަމުގައި އެތުލީޓުންނަކަށް ބައިވެރިއެއް ނުވެވޭ" ޕީއެސްއެމް ނިއުސްއަށް މައުލޫމާތުދެއްވަމުން މުސްތަފާ ވިދާޅުވިއެވެ.
އެޑިއުކޭޝަން މިނިސްޓްރީއިން ގެންނެވި ބަދަލާ ގުޅިގެން މުބާރާތުގެ ބައިވެރިންގެ އަދަދު ވަރަށް ބޮޑުތަން މަދުވިކަން ފާހަގަކުރައްވަމުން މުސްތަފާ ވިދާޅުވީ ބައިވެރިންގެ އަދަދު ދަށަށްދިޔަކަމަށްވިޔަސް މުބާރާތުގައި އެތުލީޓުން ދެއްކި ހުނަރާ ޕާމޯރމަންސް ވަރަށް ބޮޑަށްވެސް ކުރިއަރައިފިކަމަށެވެ.
12 ވަނަ އެތުލެޓިކްސް އެސޯސިއޭޝަން ޗެމްޕިއަންޝިޕް ކުރިއަށް ދިޔައީ މި މަހުގެ 24އިން 26އަށް މާލޭ އެކުވެނި ސިންތެޓިކް ޓްރެކުގައެވެ. 17 އެކެޑަމީއަކުން އެތުލީޓުން ވާދަކުރި މި މުބާރާތުގެ 56 އިވެންޓުގައި 250 އެތުލީޓުން ވާދަކޮށްފަވެއެވެ.