ޚަބަރު

"މިސްކިތު ޤާރީ ކިލާސް" ހިންގުމަށް މިހާތަނަށް 34 ފަރާތަކަށް ވަނީ ހުއްދަދީފައި


  • މިސްކިތު ޤާރީ ކިލާސްތައް ފަށާފައިވަނީ އޮކްޓޫބަރު 09ގައި

  • ކިލާސް ހިންގުމުގެ ހުއްދައަށް ގިނަ ފަރާތްތަކުންދަނީ އެދެމުން

ޤުރުއާނުގެ ޢިލްމު ފެތުރުމަށް ފެށި މިސްކިތު ޤާރީ ކިލާސްތައް ހިންގުމަށް މިހާތަނަށް 34 ފަރާތަކަށް ހުއްދަދީފައިވާކަމަށް އިސްލާމީ ކަންތައްތަކާ ބެހޭ ވުޒާރާއިން ވިދާޅުވެއްޖެވެ. މިސްކިތު ޤާރީ ކިލާސްތައް ރާއްޖޭގެ 29އަށްވުރެ ގިނަ ރަށުގެ މިސްކިތްތަކުގައި މިހާރުވެސް ވަނީ ފަށާފައެވެ.

ރަށްރަށުގައި ކީރިތި ޤުރުއާން ކިޔެވޭނެ އިންތިޒާމް އެންމެ ފުރިހަމައަށް ހަމަޖެއްސުމަކީ މިސަރުކާރުގެ ވައުދެކެވެ. އަދި އިސްލާމް ދީނަށް ލޯބިކުރާ ދިވެހިވަންތަ ޤައުމިއްޔަތެއް ބިނާކުރުމަކީ ރައީސް ޑރ. މުހައްމަދު މުއިއްޒުގެ ސަރުކާރުން ޚާއްސަ އިސްކަމެއް ދެއްވާކަމެކެވެ.

އިސްލާމީ ކަންތައްތަކާ ބެހޭ ވުޒާރާއިން ވިދާޅުވީ ޤުރުއާން ކިޔަވައިދެއްވަން ބޭނުންވާ އިމާމުން ރަށްރަށުގައި ގިނަކަމަށެވެ. އަދި އެ އިމާމުންނަށް ދިމާވާ ދައްޗަކީ ޤުރުއާން ކިޔަވައިދޭނެ ޖާގަ ނެތުންކަމަށާއި އެހެންކަމުން މި ކިލާސްތަކަކީ އެއިމާމުންނަށް ފުރުޞަތު ފަހިވެގެންދާނެ ކިލާސްތަކަކަށްވާނެކަމަށް އެވުޒާރާއިން ވިދާޅުވެ.

އިސްލާމީ ކަންތައްތަކާ ބެހޭ ވަުޒާރާއިން ވިދާޅުވީ މިހާތަނަށް އައިއިރު މިސްކިތު ޤާރީ ކިލާސް ހިންގަން 34 ފަރާތަކަށް ކިލާސް ހިންގުމަށް ހުއްދަދީފައިވާކަމަށެވެ. އަދި ކިލާސް ހިންގުމަށް ޝައުގުވެރިވެ ގިނަ ފަރާތްތަކަކުން އެކަމުގެ ހުއްދައަށް އެދެމުންދާކަމަށްވެސް އެ ވުޒާރާއިން ވިދާޅުވިއެވެ.

އިސްލާމީ ކަންތައްތަކާއި ބެހޭ ވުޒާރާއިންވަނީ މިސްކިތްތަކުގައި ޤުރުއާން ކިލާސް ހިންގުމަށް ހުއްދަ ދީފައިވާ ފަރާތްތަކުގެ ތެރޭގައި 23 ރަށަކާއި 3 ޖަމްޢިއްޔާއެއްގެ އިތުރުން މާލެ ސަރަހައްދުގެ 5 މިސްކިތް ހިމެނެއެވެ. މީގެ ތެރެއިން ގިނަ ތަންތަނުގައި ކިލާސްތައް މިހާރު ވަނީ ފަށާފައެވެ.

ކީރިތި ޤުރްއާން ކިޔެވޭނެ ކިލާސްތައް މާލޭގެ އިތުރުން ބައެއް ރަށްރަށުގައި މީގެކުރީގެ އަހަރުތަކުގައި ހިންގި ނަމަވެސް ދެމެހެއްޓެނިމި ގޮތެއްގައި އެފަދަ ކިލާސްތައް ހިލޭ ހިންގިފައިނުވެއެވެ. ހިލޭ ކީރިތި ޤުރްއާން ކިޔެވޭނެ ކިލާސްތައް އިތުރު ކުރައްވާއިރު އެޚިދުމަތް މުޅި ރާއްޖެއަށް ފުޅާކުރެވޭނެކަން ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ވަނީ ވިދާޅުވެފައެވެ.