ޚަބަރު

އިނގިރޭސިވިލާތުން ސޫރިޔާއާ ދެކޮޅަށް އަޅާފައިވާ ފިޔަވަޅުތަކަށް ލުއިދެނީ


ސޫރިޔާއާ ދެކޮޅަށް އަޅާފައިވާ ދަތި ކުރުމުގެ ހަރުކަށި ފިޔަވަޅުތައް އުވައިލުމަށް ނިންމާފައިވާ ކަން އިނގިރޭސިވިލާތުން ހާމަކޮށްފިއެވެ. ސޫރިޔާއާ ދެކޮޅަށް އިނގިރޭސިވިލާތުގެ އިތުރުން ހުޅަނގުގެ ބާރުތަކުން ދަތި ކުރުމުގެ ފިޔަވަޅުތައް އަޅާފައި ވަނީ އެ ޤައުމުގެ އަހުލީހަނގުރާމައާ ގުޅިގެންނެވެ. ސޫރިޔާގައި މި ވަގުތު ވެރިކަން ކުރަމުން ދަނީ ނިރުބަވެރި ޖަމާޢަތެއް ކަމުގައިވާ ހަޔިއަތު ތަޙްރީރް އަލް-ޝާމް (އެޗްޓީއެސު)ންނެވެ.

ބަޣާވާތެއްކޮށް، އެޗްޓީއެސުން ސޫރިޔާގެ އިންތިޚާބީ ރައީސް ބައްޝާރް އަލް-އަސަދުގެ ވެރިކަން ވައްޓައިލާފައި ވަނީ 2024ވަނަ އަހަރުގެ ޑިސެންބަރު މަހުގެ 8ވަނަ ދުވަހުއެވެ. އެޗްޓީއެސްގެ ހަނގުރާމަވެރިން ވެރިރަށް ދިމިޝްޤަށް އަރައިގަތުމާ އެކު އަސަދު ވަނީ ފިއްލަވައިގެން ރަޝިޔާއަށް ވަޑައިގަންނަވައި، މޮސްކޯގެ ޙިމާޔަތް ހޯއްދަވާފައެވެ. ސޫރިޔާގައި މި ވަގުތު ވެރިކަން ކުރަމުން ދަނީ އެޗްޓީއެސްގެ ސަރުކާރަކުންނެވެ. ރައީސް ކަމުގެ މަޤާމު ފުރަމުން ދަނީ އެ ޖަމާޢަތުގެ ވެރިޔާ އަޙްމަދު އަލް-ޝަރާޢެވެ.

ސޫރިޔާއާ ދެކޮޅަށް ހުޅަނގުގެ ބާރުތަކުން އަޅާފައިވާ ދަތި ކުރުމުގެ ހަރުކަށި ފިޔަވަޅުތަކަށް ލުއި ހޯދުމަށް ޝަރާޢުގެ ސަރުކާރުން ދަނީ މަސައްކަތް ކުރަމުންނެވެ. އިނގިރޭސިވިލާތުގެ ބޮޑުވަޒީރު ކީރް ސްޓާމަރގެ ސަރުކާރުން ބުނީ، ސޫރިޔާއާއި ދެކޮޅަށް އަޅާފައިވާ ފިޔަވަޅުތައް އުވައިލުމަކީ، އެ ޤައުމުގެ އަލުން އާރާސްތު ކުރުމަށް ކުރަމުންދާ މަސައްކަތްތަކުގެ ދަށުން އެޅޭނެ މުހިންމު ފިޔަވަޅެއް ކަމުގައެވެ. އަދި، ސޫރިޔާގެ އިޤުތިޞާދީ އަދި މާލީ ހާލަތު ރަނގަޅު ކުރުމަށް އެހީތެރިކަން ފޯރުކޮށްދިނުމަށް ތައްޔާރަށް އޮތް ކަމުގައެވެ. އިނގިރޭސިވިލާތުން ހިފަހައްޓާފައިވާ ސޫރިޔާގެ ދިފާޢީ އަދި ދާޚިލީ ވުޒާރާގެ އިތުރުން އެ ޤައުމުގެ ޖާސޫސީ އިދާރާތަކުގެ މުދަލާއި ފައިސާ ދޫކޮށްލުމަށް ވެސް އެ ޤައުމުން ވަނީ ނިންމާފައެވެ.

އަސަދު ވެރިކަމުން ދުރުކުރި ފަހުން ސޫރިޔާ އަލުން އާރާސްތު ކުރުމުގެ ނަމުގައި ފަށާފައިވާ މަސައްކަތްތަކަށް އެހީތެރިކަން ފޯރުކޮށްދެވޭނެ މަގުތައް ހޯދުމަށް ހުޅަނގުގެ ބާރުތަކުން ދަނީ މަސައްކަތް ކުރަމުންނެވެ. "ސޫރިޔާ އަދި އެ ޤައުމުގެ އިޤުތިޞާދު އަލުން އާރާސްތު ކުރުމަކީ އެ ޤައުމުގެ ރައްޔިތުންނަށް ލިބިގެންވާ ޙައްޤެއް، އަދި ސޫރިޔާގައި ސުލްޙައާއި ހަމަޖެހުން ޤާއިމުވުމަކީ އިނގިރޭސިވިލާތުގެ މަސްލަޙަތު ހިމެނޭ ކަމެއް،" އިނގިރޭސިވިލާތުގެ ފޮރިން، ކޮމަންވެލްތް އެންޑް ޑިވެލޮޕްމެންޓް އޮފީސް (އެފްސީޑީއޯ)ން މެދުއިރުމައްޗަށް ކަނޑައަޅާފައި ހުންނަވާ ވަޒީރު ހެއިމިޝް ފެލްކޮނަރ ވިދާޅުވިއެވެ.

ސޫރިޔާއާއި ދެކޮޅަށް އަޅާފައިވާ ބައެއް ފިޔަވަޅުތަކަށް ލުއިދިނުމަށް ނިންމާފައިވާ ކަން އިނގިރޭސިވިލާތުން އިޢުލާނު ކުރުމާ އެކު އެޗްޓީއެސް ސަރުކާރުގެ ޚާރިޖީ ވުޒާރާއިން ވަނީ އެ ނިންމުމަށް މަރުޙަބާ ކިޔާފައެވެ. އެއީ، ސޫރިޔާ އަލުން އާރާސްތު ކުރުމުގެ އިތުރުން ބައިނަލްއަޤުވާމީ ގުޅުންތައް ހަރުދަނާ ކުރުމަށް ކުރަމުންދާ މަސައްކަތްތަކަށް ލިބުނު ބޮޑު ކުރިއެރުމެއްގެ ގޮތުގައި އެ ވުޒާރާއިން ސިފަ ކުރިއެވެ.

މާރިޗު މަހު ވެސް އިނގިރޭސިވިލާތުން ވަނީ ސޫރިޔާއަށް ލުއިތަކެއް ދީފައެވެ. އަދި، ސޫރިޔާގެ މަރުކަޒީ ބޭންކު ހިމެނޭ ގޮތުގައި 23 މުއައްސަސާއެއްގެ މުދަލާއި ފައިސާ ދޫކޮށްލާފައެވެ. މި ފަހަރު ވެސް އިނގިރޭސިވިލާތުން މި ވަނީ 12 މުއައްސަސާއަކާ ދެކޮޅަށް އަޅާފައިވާ ފިޔަވަޅުތައް އުވައިލާފައެވެ. އޭގެ ތެރޭގައި އެ ޤައުމުގެ ދާޚިލީ ވުޒާރާ، ދިފާޢީ ވުޒާރާ އަދި ޖާސޫސީ އިދާރާ، ޖެނެރަލް އިންޓެލިޖެންސް ޑިރެކްޓަރޭޓް ހިމެނެއެވެ.

އިނގިރޭސިވިލާތުގެ ޚާރިޖީ ވުޒާރާއިން ބުނީ، ސޫރިޔާގެ ސިޔާސީ މަސްރަޙު މުރާޖާ ކުރުމަށް ކުރަމުންދާ މަސައްކަތްތަކުގައި އެހީތެރިކަން ފޯރުކޮށްދީ، އިންސާނީ ޙައްޤުތައް ޙިމާޔަތް ކުރުމާއި، ނިކަމެތީންނަށް އިންސާނީ އެހީތެރިކަން ފޯރުކޮށްދިނުމަށް ކުރަމުންދާ މަސައްކަތްތަކަށް ވާގިވެރިވުމަށް ތައްޔާރަށް އޮތް ކަމުގައެވެ. އަދި، ސޫރިޔާގައި ހުރި ނުރައްކާތެރި ކެމިކަލް ހަތިޔާރުތައް ނައްތައިލުމާއި ނިރުބަވެރިކަމާ ދެކޮޅަށް ކުރަމުންދާ މަސައްކަތްތަކަށް އެހީތެރިކަން ފޯރުކޮށްދިނުމަށް ބޭނުންވާ ކަމުގައެވެ.