ދިވެހި މުޖްތަމަޢުން މިއަދު ފެންނަމުންދާ ނޭދެވޭ އަމަލުތަކުގެ ޒިންމާ ނަގަންޖެހޭނީ އިސްލާމީ އުސޫލުތަކާއި ދިވެހިންގެ އާދަކާދަތަކަށް ބެލުމަށް ނެތި ބިރަކާ ނުލާ މަޖާކުރުން ޕްރޮމޯޓްކުރި މީހުންކަމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުޢިއްޒު ވިދާޅުވެއްޖެއެވެ.
ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުޢިއްޒު މިހެން ވިދާޅުވީ ފުލުހުންގެ 92 ވަނަ އަހަރީ ދުވަހުގެ މުނާސަބަތުގައި ބޭއްވި ރަސްމީ ޖަލްސާގައި ވާހަކަފުޅުދައްކަވަމުންނެވެ.
ފުލުހުންގެ އަހަރީ ދުވަހުގެ މުނާސަބަތުގައި ބޭއްވި ރަސްމީ ޖަލްސާގައި ވާހަކަފުޅުދައްކަވަމުން ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުޢިއްޒު ވަނީ ގެއެއްގެ ފުރާޅަށް އަންހެނަކު ވެއްޓުނު ހާދިސާއަށް އަލިއަޅުއްވާލައްވާފައެވެ. ރައީސުލްޖުމްހޫރިއްޔާ ވިދާޅުވީ އެއީ ވަރަށް ހިތާމަވެރި ހާދިސާއެއްކަމަށާއި، އެކަމާއި އިންތިހާއަށް ކަންބޮޑުވެވަޑައިގަންނަވާކަމަށެވެ.
ރައީސުލްޖުމްހޫރިއްޔާ ވިދާޅުވީ މިއަދު މިފެންނަ ހިތާމަވެރި އަމަލުތަކުގެ ޒިންމާ ނަގަންޖެހޭނީ އިސްލާމީ އުސޫލުތަކާއި ދިވެހިންގެ އާދަކާދަތަކާއި ޚިލާފު އަމަލުތައް ހިންގުމަށް މީގެ އަހަރުތަކެއް ކުރިން ޒުވާނުންނަށް ހިތްވަރުދިން މީހުންކަމަށެވެ.
"ވަރަށް ހިތާމަވެރި ހާދިސާއެއް މިކަމުގެ އެންމެ ބޮޑު ޒިންމާއެއް ނަގަންޖެހޭނީ އަޅުގަނޑު ގަބޫލުކުރާ ގޮތުގައި އަދި އިންސާފަށް ލޯބިކުރާ ކޮންމެ މީހަކުވެސް ޤަބޫލުކުރާނީ ބިރަކާއި ނުލައި މަޖާކުރުމަކީ ކޮންމެހެން ކުރަންޖެހޭ ކަމެއްގެ ގޮތުގައި ޕްރޮމޯޓްކުރި މީހުން މީގެ އަހަރުތަކެއް ކުރިން. އެ ހިތްވަރު ދިން މީހުން މިއަދު ސިޔާސީ ބޭނުމެއްގައި ނިކުމެ އެކުދިން މިސް ޔޫސް ކުރަމުންދާ ދިއުން ލޯ ހުޅުވާ ބަލަން އެބަޖެހޭ" ރައީސުލްޖުމްހޫރިއްޔާ ވިދާޅުވިއެވެ.
ރައީސުލްޖުމްހޫރިއްޔާ ވިދާޅުވީ ފުލުހުންގެ މުއައްސަސާއަކީ ރައްޔިތުންނާއި ގާތުން މަސައްކަތްކުރައްވާ އެންމެ މުހިއްމު އަދި އެންމެ ބޮޑު މުޢައްސަސާކަމަށެވެ. އަދި ރައްޔިތުންނާއި އޮތް ގުޅުން އިތުރަށް ވަރުގަދަކޮށް، އިތުބާރު އިތުރުކުރުމަށް ފުލުހުންގެ ފަރާތުން ރައްޔިތުންނަށް މައުލޫމާތު ފޯރުކޮށްދިނުމުގައި ގެންގުޅޭ އުސޫލުތައް ބަދަލުކުރަންޖެހޭކަމަށް ރައީސުލްޖުމްހޫރިއްޔާ ވިދާޅުވިއެވެ.
ރައީސުލްޖުމްހޫރިއްޔާ ވިދާޅުވީ މައުލޫމާތު ހިއްސާ ކުރުމާއި ނުކުރުމުގައި ތަފާތުތަކެއް އޮންނާނެކަމަށާއި، ރައްޔިތުންގެ އިތުބާރު ދެެމެހެއްޓުމުގައި އެކަން މުހިއްމު ދައުރެއް އަދާކުރާކަމަށެވެ.
"އެދެނީ ބަލަން ފަށާ މައްސަލައެއްގައި، ފުރަތަަމަވެސް ރައްޔިތުންނާއި މައުލޫމާތު ހިއްސާކުރާ ގޮތަށް އުސޫލުތައް ބަދަލުކުރުމަށް. ދެ ފުށް ފެންނަ ގޮަތަށް ކުރީމަ ރައްޔިތުންނަށްވެސް ހިތްހަމަޖެހުން ލިބޭނެ އަދި ފުލުހުންނަށްވެސް ހިތްހަމަޖެހުން ލިބޭނެ. އަދި މުއައްސަސާގެ އަގު ވައްޓާލުމަށް ދޮގު މައުލޫމާތު ފަތުރާ ފަރާތްތަކުގެ މަސައްކަތަށް ހުރަސް އެޅޭނެ" ރައީސުލްޖުމްހޫރިއްޔާ ވިދާޅުވިއެވެ.
ރައީސުލްޖުމްހޫރިއްޔާ ވިދާޅުވީ ފުލުހުންގެ ވާޖިބާއި މަސްޢޫލިއްުުޔަތު އަދާކުރުމަށް ރައްޔިތުންގެ ފުރިހަމަ އެއްބާރުލުން ބޭނުންވާކަމަށާއި، މި ސަރުކާރުގެ ވެރިކަމުގައި ފުލުުހުންގެ ފަރާތުން އިހްލާސްތެރި ހިދުމަތެއް ފެންނާނެކަމާމެދު ޝައްކު ނުކުރައްވާކަމަށްވެސް ރައީސުލްޖުމްހޫރިއްޔާ ވިދާޅުވިއެވެ. އަދި ޤައުމު ދެކެ ލޯބިނުވާ ބަޔަކު އަޑީގައި ތިބެގެން މުއައްސަސާތަކުގެ އަގު ވައްޓާލުމަށް މަސައްކަތްކުރަމުންދާކަމަށާއި، ނަމަވެސް ފިތުނަވެރި ދޮގު ވާހަކަތަކުގައި ނުޖެހި، ބުއްދީގެ ބޭނުންކޮށްގެން ކަންކަމުގެ ހަަޤީގަތް ހޯދާ ބަޔަކަށް އަޅުގަނޑުމެންވާންޖެހޭކަމަށްވެސް ރައީސުލްޖުމްހޫރިއްޔާ ވިދާޅުވިއެވެ.
ރައީސުލްޖުމްހޫރިއްޔާ ވިދާޅުވީ އެމަނިކުފާނުގެ ސަރުކާރުން ފުލުހުންގެ މުޢައްސަސާ ކުރިއަރުވައި ހަރުދަނާކުރެއްވުމަށް ގިނަ މަސައްކަތްތަކެއް ފައްޓަވާފައިވާކަމަށެވެ. އެގޮތުން ފުލުހުންގެ މަރުކަޒުތައް ގިނަ ރަށްރަށުގައި ނެތްއިރު، މިއަހަރު ނިމުމުގެ ކުރިން މީހުން ދިރިއުޅޭ ހުރިހާ ރަށެއްގައި ފުލުހުންގެ ޚިދުމަތް ޤާއިމްކުރެވިގެންދާނެކަމަށް ރައީސުލްޖުމްހޫރިއްޔާ ވިދާޅުވިއެވެ.
ރައީސުލްޖުމްހޫރިއްޔާ ވިދާޅުވީ ސަލަމާތީ ހިދުމަތްތައް ފޯރުކޮށްދޭ މުޢައްސަސާތައް ކުރިއެރުމަކީ އެކަމުގެ ސަބަބުން އަމާންކަމާއި ސުލްހަ މަސްލަސްކަން ޤާއިމްވެ، އިޤްތިޞާދީ ކުރިއެރުމަށްވެސް މަގުފަހިވެގެންދާނެކަމެއްކަމަށެވެ. އަދި އެކަންކަން ހާސިލުކުރުމަށް ރައްޔިތުންގެ ފަރާތުން ލިބެންޖެހޭ އެއްބާރުލުން ފުރިހަމައަށް ދެއްވުމަށްވެސް ރައީސުލްޖުމްހޫރިއްޔާ އެދިވަޑައިގެންނެވިއެވެ.