ޔަހޫދީންގެ ނިރުބަވެރި ޙަމަލާތަކުގެ ސަބަބުން، ލުބްނާނުގައި މެދުނުކެނޑި ކަރަންޓު ފޯރުކޮށްދިނުމަށް ދިމާވެފައިވާ މައްސަލަ ހައްލުކުރުމަށް ވަރލްޑް ބޭންކުން 250 މިލިއަން ޑޮލަރުގެ ލޯނެއް ދީފައިވާ ކަމަށް، ލުބްނާނުގެ މާލީ ކަންތައްތަކާބެހޭ ވުޒާރާއިން ބުނެފިއެވެ.
ލުބްނާނުގައި ހަރަކާތްތެރިވާ ޙިޒްބުﷲ ޖަމާޢަތާ ދެކޮޅަށް ޔަހޫދީންގެ ނިރުބަވެރި ފައުޖުން ހަނގުރާމަ ފެށުމުގެ ކުރިން ވެސް، އެކަށީގެންވާ އުމްރާނީ ވަޞީލަތްތައް ނެތުމާއި ތެޔޮ ލިބުމުގައި ދިމާވެފައިވާ ދަތިތަކުގެ ސަބަބުން ލުބްނާނުގައި ދޭތެރެދޭތެރެއިން ކަރަންޓު ކެނޑޭ މައްސަލަ ބޮޑެވެ.
ޔަހޫދީންގެ ނިރުބަވެރި ޙަމަލާތަކުގައި، ލުބްނާނުގެ އުމްރާނީ ވަޞީލަތްތަކަށް ބޮޑެތި ގެއްލުންތައް ލިބިފައިވާއިރު، އެ ވަޞީލަތްތައް އަލުން ޤާއިމުކުރަން މަދުވެގެން 11 ބިލިއަން ޑޮލަރު ބޭނުންވާކަމަށް ވަރލްޑް ބޭންކުން މީގެކުރިން ވަނީ އަންދާޒާކޮށްފައެވެ.
ޔަހޫދީންނާއި ޙިޒްބުاللهއާ ދެމެދު ޙަމަލާ ބަދަލު ކުރަން ފަށާފައި ވަނީ، 2023ވަނަ އަހަރުގެ އޮކްޓޫބަރު މަހުގެ 7ވަނަ ދުވަހު، ފަލަސްޠީނުގެ ޣައްޒާގެ މުސްލިމުންގެ ނަސްލުހޭދު ކުރުމަށް ޔަހޫދީ ފައުޖުން ލާއިންސާނީ ޖަރީމާތަކެއް ހިންގަން ފެށުމާ ގުޅިގެންނެވެ. ޙިޒްބުاللهން ޔަހޫދީންގެ ރަށްތަކަށް އަމާޒުކޮށް ޙަމަލާ ދޭން ފަށާފައި ވަނީ، ފަލަސްޠީނުގެ ރައްޔިތުންނާއި މިނިވަން ކަމަށް ޖިހާދު ކުރާ މުޖާހިދުންނަށް ހިތްވަރު ދިނުމުގެ ގޮތުންނެވެ. އަދި، ޔަހޫދީންގެ ޤަތުލުޢާންމު ހުއްޓައިލުމަށް ބާރު އެޅުމުގެ ގޮތުންނެވެ.
މިދިޔަ އަހަރުގެ ނޮވެމްބަރު މަހުގެ ތެރޭގައި، ލުބްނާންގެ މުސްލިމުންގެ ނަސްލުހޭދު ކުރަން ޔަހޫދީ ފައުޖުން ހިންގަމުން ދިޔަ ލާއިންސާނީ ޖަރީމާތައް ހުއްޓައިލަން އެއްބަސްވެފައިވީނަމަވެސް، ޔަހޫދީންގެ ނިރުބަވެރި ފައުޖުން ދަނީ އެ އެއްބަސްވުމާ ޚިލާފަށް ލުބްނާނަށް ޙަމަލާތައް ދެމުންނެވެ.