މަނާ ބޭހަށް ޕޮޒިޓިވްވުމާ ގުޅިގެން އިޓަލީގެ ޔަނިކް ސިނާއަށް އައި ސަސްޕެންޝަނުން ވީއްލި ކޯޓަށް އަރަން އޭނާ ތައްޔާރުވަމުން އަންނައިރު، އޭނާއާ ދޭތެރޭ ބައެއް ފަރާތްތަކުން ބާއްވަމުން އަންނަ ރުޅިވެރިކަން ހައްގު ނޫން ކަމަށް އިނގިރޭސިވިލާތުގެ ޓެނިސް ކުޅުންތެރިޔާ ޖެކް ޑްރެޕާ ބުނެފިއެވެ.
ތިން މަސްދުވަހު ކުޅުމާ ދުރުގަ ހުރުމަށްފަހު، މި މަހުގެ 13 ވަނަ ދުވަހު ސަސްޕެންޝަން ނިމުމާ ގުޅިގެން ސިނާ ވަނީ އެނބުރި ކުޅުމުގެ ތެރެއަށް އައުމަށް ތަމްރީނުތައް ފަށާފައެވެ. މަނާ ދެ ބޭހަކަށް ޕޮޓިޓިވްވުމާ ގުޅިގެން ސިނާއަށް ސަސްޕެންޝަނުގެ އަދަބު އައިސްފައިވާއިރު، ދުނިޔޭގެ އެންޓި ޑޯޕިން އެޖެންސީ (ވާޑާ) އާއި ސިނާއާ ދެމެދު ވެވުނު އެއްބަސްވުމެއްގެ ދަށުން އޭނާގެ ސަސްޕެންޝަނުގެ މުއްދަތު ތިން މަސް ދުވަހަށް ބަދަލުކުރެވުނެވެ. އެކަމާ ގުޅިގެން ޚިޔާލު ތަފާތުވުންތަކެއް އުފެދިގެންދިޔައިރު، ސިނާއާ މެދު އަމަލުކުރީ ބޭއިންސާފުން ކަމަށް އެއްބަޔަކު ދިޔައީ ބުނަމުންނެވެ. އަނެއް ބަޔަކު ދެކުނު ގޮތުގައި މީގެ ކުރިން މިފަދަ ބޭހަށް ޕޮޒިޓިވްވި ކުޅުންތެރިންނަށް އައިސްފައިވާ އަދަބު މިއަށްވުރެ ހަރުކައްޓެވެ.
ތިން ފަހަރަށް ގްލޭންޑް ސްލޭމް މުބާރާތް ކާމިޔާބުކޮށްފައިވާ އުމުރުން 23 އަހަރުގެ ސިނާ އެންމެ ފަހުން ކޯޓުން ފެނިފައިވަނީ އޮސްޓްރޭލިއަން އޯޕަން ޓެނިސް މުބާރާތުންނެވެ. އެ މުބާރާތުން ހޯދި ތައްޓާއެކު، ދުވަސްކޮޅަކަށް ކޯޓުން އޭނާ ގެއްލެން މެދުވެރިވީ މަނާ ބޭހާ ވިދިގެން އައި އަދަބެވެ.
"ސިނާއާ ގުޅޭގޮތުން މީހުން އަހަރެން ގާތު އަހާ. އަހަރެން އަބަދުވެސް ވާހަކަ ދައްކާނީ ތެދުވެރިކަމާއެކު. އަހަރެން ބުނަން ސިނާއަކީ ވަރަށް އިޚްލާސްތެރި ރަނގަޅު މީހެކޭ" ބީބީސީއަށް ދިން އިންޓަވިއުއެއްގައި ޑްރެޕާ ބުނެފައިވެއެވެ.
ސިނާއަށް ދިމާވި ހާލަތަކީ އޮޅުމަކުން ދިމާވި ކަމެއްކަން ފާހަގަކުރަމުން ޑްރެޕާ ބުނީ ދިރިއުޅުމުގައި އެންމެންނަށްވެސް ކުށްކުރެވޭ ކަމަށާއި، ދިރިއުޅުމަކީ އެފަދަ ކަމެއް ކަމަށެވެ. އަދި އޭނާ ދެކޭގޮތުގައި ސިނާއަކީ ވަރަށް ރަނގަޅު ހިތްހެޔޮ މީހެއް ކަމަށާއި، އެހެންކަމުން މީހުންގެ ފަރާތުން ލިބެމުން އަންނަ ފުރައްސާރަ އާއި ނުރުހުން އޭނާއަށް ހައްގުނުވާނެ ކަމަށް ޑްރެޕާ ވަނީ ބުނެފައެވެ.
ދުނިޔޭގެ ރޭންކިންގެ ހަވަނަ ހޯދާފައިވާ އުމުރުން 23 އަހަރުގެ ޑްރެޕާ ވަނީ ފްރާންސްގެ ކުލަބު ޑެ ބޫލިޔާގައި ސިނާއާއެކު ޕްރެކްޓިސް މެޗުތަކެއް ކުޅެފައެވެ. މިކަމާ ގުޅިގެން ޑްރެޕާ ބުނީ ސިނާއާއެކު ފަރިތަކޮށްލަން ލިބުމަކީ ލިބޭނެ ވަރަށް ބޮޑު ނަސީބެއް ކަމަށެވެ. އަދި ސިނާ ވަރުގެ މޮޅު ކުޅުންތެރިއަކު މިވަގުތު ދުނިޔޭގައި ނެތް ކަމަށާއި، ވަރަށް އަވަހަށް ކުރީގެ ފޯމަށް އެޅި އަލުން ރެކެޓާއެކު ކޯޓަށް އަރައި، އޭނާގެ ޖާދޫގައި ސަޕޯޓަރުން ޖައްސާނެ ކަމަށް ޑްރެޕާ ވަނީ ބުނެފައެވެ.
ޑްރެޕާ އިތުރަށް ބުނީ ކުރިއަށް އޮތްތަނުގައިވެސް ސިނާއާއެކު ފަރިތަކޮށްލަން ލިބުމަކީ އޭނާގެ ވަރަށް ބޮޑަށް އުއްމީދެއް ކަމަށާއި، ސިނާއާއެކު ލިބޭ ފުރުސަތުތަކަކީ އޭނާގެ ކުރިއެރުމަށް ވަރަށް މުހިންމު ފުރުސަތުތަކެއް ކަމަށް އޭނާ ގަބޫލުކުރާ ކަމަށެވެ.