އަންހެން މީހާ ފުރާޅެއްގެ މައްޗަށް ވެއްޓިފައި އޮތް ހާދިސާގެ ތަހުގީގަށް، ރައުދު އަހްމަދު އެއްބާރުލުން ނުދޭތީ، އޭނާ ހައްޔަރުކުރުމަށް ކޯޓު ޢަމުރަކަށް އެދިފައިވާކަމަށް ފުލުހުން ވިދާޅުވެއްޖެއެވެ.
ރައުދު އަހުމަދަކީ، އަންހެން މީހާ ޢިމާރާތުން ވެއްޓުމުގެ ކުރިން، އޭނާއާއެކު ހ.ފެންޓެނޯއީ ގޭގައި އުޅުނު ޒުވާނާއެވެ.
ނޫސްވެރިންނަށް މަޢުލޫމާތު ދެއްވަމުން ޑެޕިއުޓީ ކޮމިޝަނަރ އޮފް ޕޮލިސް އިސްމާޢީލް ނަވީން ވިދާޅުވީ ކުއްޖާ ވެއްޓުނު ކަމަށް ބެލެވޭ ފެންޓޯނިއާގޭގެ ފެންލައިޓްގެ އެލުމިނިއަމް ފްރޭމުން ފޮރެންސިކް ސާމްޕަލްތައް ނަގާފައިވާކަމަށެވެ. އަދި އެހެން މީހެއްގެ ބައިވެރިވުމެއް އޮތްތޯ ބައްލަވާނެކަމަށްވެސް ޑީސީޕީ ވިދާޅުވިއެވެ. ނަވީން ވިދަޅުވީ، އާންމުން އެކަމުގައި އުފައްދާ ސުވާލުތަކާއެކު އެކަން އިތުރަށް ކަށަވަރުކުރުމަށް ސީން ރިކޮންސްޓްރަކްޓްކޮށްގެން ބެލުމުގެ މަސައްކަތްވެސް ކުރިއަށްދާކަމަށެވެ.
މި ޕްރެސްކޮންފަރެންސްގައި ވަނީ، ފުރާޅު މައްޗަށް ވެއްޓުނު އަންހެން މީހާއާއި، ރައުދު ފެންޓޯނިއާގޭގެ ސިޑިމަތީގައި އުޅުނު ވީޑިއޯ ފުޓޭޖްތައްވެސް ދައްކާފައެވެ. އެ ވީޑިއޯތަކުން ފެންނަގޮތުގައި އެހާދިސާ ހިނގި ވަގުތު އެ ދެ ޒުވާނުން ނޫން އިތުރު މީހަކު އެގޭތެރެއިން ނުފެނެއެވެ. އަދި އެދެމެމީހުން ގައިގޯޅިވަމުން އުޅުނު މަންޒަރުވެސް ފެނެއެވެ.
ނަވީން ވިދާޅުވީ ރައުދު މަސްތުވާތަކެއްޗަށް ޕޮޒިޓިވްވެފައިވާކަމަށެވެ. ނަމަވެސް އޭނާ ތަހުގީގަށް އެއްބާރުލުން ނުދޭތީ އޭނާ ހައްޔރުކުރުމަށް ކޯޓު އަމުރަކަށް އެދިފައިވާކަމަށްވެސް ނަވީން ވިދާޅުވިއެވެ. އޭނާ މިހާތަނަށް ހުރީ ޕާސްޕޯޓު ހިފަހައްޓައި ފުރުން މަނާކޮށްފައެވެ.
ފުލުހުން ވަނީ އެ ދެމީހުންގެ އިތުރުން އިތުރު ބައެއްގެ ޕާސްޕޯޓުވެސް ހިފަހައްޓާފައިވާކަމަށް ވިދާޅުވެފައެވެ.