ޚަބަރު

އެތުލެޓިކްސް އެސޯސިއޭޝަން ޗެމްޕިއަންޝިޕް ފަށައިފި


250 އެތުލީޓުންނާއެކު މާލޭ އެކުވެނި ސިންތެޓިކް ޓްރެކުގައި އެތުލެޓިކްސް އެސޯސިއޭޝަން ޗެމްޕިއަންޝިޕް މިއަދު ފަށައިފިއެވެ.

އެތުލެޓިކްސް އެސޯސިއޭޝަނުން އިންތިޒާމުކޮށްގެން މިއަހަރު ރާއްޖޭގައި ބާއްވާ ފުރަތަމަ މުބާރާތް މިއަދު ހެނދުނު ފަށާފަވާއިރު، މި މުބާރާތުގައި ޖުމްލަ 17 އެކަޑަމީއަކުން އެތުލީޓުން ވާދަކުރެއެވެ.

މައިލޯ އެސޯސިއޭޝަން ޗެމްޕިއަންޝިޕްގެ ނަމުގައި މިއަހަރު ކުރިޔަށް ގެންދާ މުބާރާތުގައި މިއަދު ހެނދުނު ކުރިޔަށް ގެންދިޔަ އިވެންޓްތަކުގެ ތެރޭގައި 16 އަހަރުން މަތީގެ ފިރިހެން އަދި އަންހެން ކެޓަގަރީގެ 1500 މީޓަރު ދުވުން، 16 އަހަރުން ދަށުގެން އަންހެން ކެޓަގަރީގެ ޝޮޓްޕުޓް، 16 އަހަރުން ދަށުގެ އަންހެން އަދި ފިރިހެން ކެޓަގަރީގެ 1500 ދުވުން އަދި 16 އަހަރުންދަށުގެ ފިރިހެން ކުދިންގެ ބައިގެ ލޯންގް ޖަންޕް ހިމެނެއެވެ.

މިއަދު ހަވީރު 1600 އިން ފެށިގެން ކުރިޔަށް ހުރި އިވެންޓްތައް ކުރިޔަށް ގެންދިއުމަށް ހަމަޖެހިފައިވާއިރު މި މުބާރާތް ކުރިޔަށްދާނީ އަންނަ ހޮނިހިރު ދުވަހުގެ ނިޔަލަށެވެ.

މި އަހަރުގެ މުބާރާތުގައި ހިމެނެނީ 5000 މީޓަރާއި 1500 މީޓަރާއި 800 މީޓާރާއި 400 މީޓަރު އަދި 200 މީޓަރު ދުވުމުގެ އިތުރު ހައިޖަމްޕް، ލޯންގް ޖަމްޕް، ޓްރިޕަލް ޖަމްޕް، ޝޮޓްޕުޓް އަދި ޖެވެލިންއެވެ.

އެތުލެޓިކްސް އެސޯސިއޭޝަނުން މިއަހަރަށް އެކުލަވާލި ކަލަންޑަރުގައިވާ ގޮތުން ރާއްޖޭގައި 11 މުބާރާތެއް ބާއްވާނެއެވެ. އަދި ބައިނަލްއަގްވާމީ 11 މުބާރާތެއްގައި ރާއްޖޭގެ އެތުލީޓުން ބައިވެރިކުރުމަށް ވަނީ ނިންމާފައެވެ.