ޚަބަރު

ރާއްޖޭގެ ފުރަތަމަ ރޭޑިއޯގްރަފީ ކޯސް 23 ދަރިވަރަކު ފުރިހަމަކޮށްފި


  • ކޯހުގައި 25 ދަރިވަރުން ބައިވެރިވި

  • މިކޯހުން ދަސްވެނިވި ދެ ދަރިވަރަކު މިހާރުވެސް ދަނީ ވަޒީފާ އަދާކުރަމުން

ރޭޑިއޯގްރާފަރުން ތަމްރީނުކުރުމަށް ރާއްޖޭގައި ހިންގި ފުރަތަމަ ކޯސް 23 ދަރިވަރަކު ފުރިހަމަކޮށްފިއެވެ. ޑިޕްލޮމާ އިން ރޭޑިއޯގްރަފީ މިކޯހަކީ އެސްޓީއޯ އާއި ޖީއީ ހެލްތު ކެއަރ ގުޅިގެން 2022 ވަނަ އަހަރު ފެށި ކޯހެކެވެ.

މިކޯހުގެ ދަސްވެނިވުމުގެ ރަސްމިއްޔާތު ބާއްވާފައިވަނީ މިރޭ ވިލާ ކޮލެޖުގައެވެ. މި ރަސްމިއްޔާތު ޝަރަފުވެރިކޮށްދެއްވީ ޞިއްޙީ ވަޒީރު ޢަބްދުﷲ ނާޡިމް އިބްރާހީމެވެ. މި ކޯހުގައި 25 ދަރިވަރަކު ބައިވެރިވެ 23 ދަރިވަރުން ވަނީ ކޯސް ފުރިހަމަ ކޮށްފައެވެ.

މިރަސްމިއްޔާތުގައި ވާހަކަފުޅު ދައްކަވަމުން، ޞިއްޙީ ވަޒީރު ޢަބްދުﷲ ނާޡިމް ދެއްކެވި ވާހަކަފުޅުގައިވަނީ މިކޯސް ނިންމި ދަރިވަރުން މަސައްކަތު މާހައުލުގައި އެކުވެރިކަމާއެކު ގުޅިގެން މަސައްކަތް ކުރެއްވުމަށް ނަސޭހަތްތެރިވެވަޑައިގެންފައެވެ. އަދި ކުރިއަށް އޮތްތަނުގައި ޤައުމީ ޔުނިވަރސިޓީއާ ގުޅިގެން މިކޯސް ކުރިއަށް ގެންދިއުމަށް ނިންމުމަކީ އެޅުނު މުހިންމު ފިޔަވަޅެއްކަމަށް ވިދާޅުވިއެވެ.

މިރަސްމިއްޔާތުގައި އެސްޓީއޯގެ މެނޭޖިން ޑިރެކްޓަރ ޝިމާދު އިބްރާހީމްވަނީ ރާއްޖޭގެ ޞިއްޙީ ދާއިރާގެ ކުރިއެރުމަށް އެކުންފުނިން ގިނަ މަސައްކަތްތަކެއް ކުރަމުންދާކަން ފާހަގަކުރައްވާފައެވެ. އަދި މިކޯހަކީވެސް ޖީއީ އާއި ގުޅިގެން ހެދި ދިރާސާއަކުން ރާއްޖެއަށް މިދާއިރާއިން މީހުން ބޭނުންވާކަން ފާހަގަވެގެން ފެށި ކޯހެއްކަން ޝިމާދު ވިދާޅުވިއެވެ.

މިކޯހުން ދަސްވެނިވި ދަރިވަރުންނަށް ސެޓްފިކެޓާއި ޓްރޮފީ ހަވާލުކޮށްދެއްވީ ޞިއްޙީ ވަޒީރު ޢަބްދުﷲ ނާޡިމެވެ. މިކޯހުން އެންމެ މަތީ މާކްސް ދެ ދަރިވަރަކު ވަނީ ހާސިލްކޮށްފައެވެ. އެއީ މަރިޔަމް ޔުމްނާ އާއި އާމިނަތު އީމާންއެވެ. މި ދެ ދަރިވަރުންނަށް، ސެޓްފިކެޓާއި ޓްރޮފީ ހަވާލުކޮށްދެއްވީ އެސްޓީއޯގެ ޗެއަރމަން އާމިރު މަންސޫރެވެ.

ޑިޕްލޮމާ އިން ރޭޑިއޯގްރަފީ ކޯހުގެ ކިޔެވުން ފަށާފައިވަނީ 2022ވަނަ އޮކްޓޯބަރު މަހުއެވެ. މިކޯހަކީ ބައިނަލްއަޤްވާމީ މިންގަނޑުތަކާ އެއްގޮތަށް ފަރުމާކުރެވިފައިވާ، 2 އަހަރުގެ ތިއަރީއާއި 6 މަސްދުވަހުގެ ޢަމަލީ ތަޖުރިބާ ހިމެނޭ ކޯހެކެވެ. ދަރިވަރުންގެ ކްލިނިކަލް ތަމްރީނާއި އިންޓަރންޝިޕް ފުރިހަމަކުރުމަށް، އެސްޓީއޯއިން މާލޭގެ އެންމެ ބޮޑު ފަސް ހޮސްޕިޓަލް ކަމުގައިވާ އައިޖީއެމްއެޗް، އޭޑީކޭ، ސެނަހިޔާ ، ޓްރީޓޮޕް އަދި ހުޅުމާލެ ހޮސްޕިޓަލާއެކު އެއްބަސްވުން ވަނީ ހަދާފައެވެ. މި ކޯހުގެ ދަރިވަރުންގެ އިންޓަރންޝިޕް ނިމި ސެޓްފިކެޓް ހަވާލުކޮށްފައިވަނީ މިއަހަރުގެ ފެބްރުއަރީ މަހުއެވެ.

އެސްޓީއޯއިން ވަނީ މި ކޯސް ކާމިޔާބު ކަމާއެކު ހިންގިފައިވާކަން ފާހަގަކޮށްފައެވެ. އެގޮތުން މިކޯހުން ދަސްވެނިވި ދެ ދަރިވަރަކު މިހާރުވެސް، މި ދާއިރާގައި މަސައްކަތް ކުރަމުންދާ ކަމަށާއި، ބާކީ ދަރިވަރުން ވަޒީފާ ހޯދުމުގެ މަރުހަލާގައި ތިބިކަން އެކުންފުނިން ވަނީ ހާމަކޮށްފައެވެ.

މިރަސްމިއްޔާތުގައި އެސްޓީއޯގެ މެނޭޖިން ޑިރެކްޓަރ އިބްރާހިމް ޝިމާދު އަދި ކުންފުނީގެ ވެރިން ވަނީ ބައިވެރިވެވަޑަގެންފައެވެ.