ޚަބަރު

ބްރޯޑްކޮމްގެ މެންބަރުކަމަށް 10 މީހަކު ކުރިމަތިލައިފި


  • ނަންތައް ފޮނުއްވާފައިވަނީ ރައީސުލްޖުމްހޫރިއްޔާ އިސްކަންދެއްވާ ތަރުތީބުން

  • މިނިވަން މުއައްސަސާތަކުގެ ކޮމިޓީއަށް ނަންތައް ދިރާސާކުރަން ވަނީ ފޮނުވާފައި

މޯލްޑިވްސް ބްރޯޑްކާސްޓިން ކޮމިޝަން، ބްރޯޑްކޮމްގެ ހުސްވެފައިވާ މެންބަރުކަމުގެ މަގާމައަށް 10 މީހަކު ކުރިމަތިލައިފިއެވެ.

ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ވަނީ ބްރޯޑްކޮމްގެ މެންބަރުކަމަށް ކުރިމަތިލެއްވި މީހުންގެ ތެރެއިން އެމަނިކުފާނު އެ މަގާމަށް އައްޔަން ކުރައްވަން ބޭނުންފުޅުވާ ތަރުތީބުން ނަންތައް ރައްޔިތުންގެ މަޖިލީހަށް ފޮނުއްވާފައެވެ. އެގޮތުން، 10 މީހެއްގެ ނަން އެމަނިކުފާނު ވަނީ މަޖިލީހަށް ފޮނުއްވާފައެވެ.

ރައީސް މަޖިލީހަށް ފޮނުއްވި ނަންތައް

* އަލްއުސްތާޛާ އައިމިނަތު ޝިޔާނާ، މ. ފަތަހަ
* އިބްރާހީމް އަޝްރަފް، ވ. މަޝްވެލި
* މޫސާ ރިޟްވާން، މ. ހާވިލާ
* ޢަލީ ޔޫސުފް، ބާރަނާ/ ޅ. ހިންނަވަރު
* ޒީނާ ޒާހިރު، އަތިރީގެ/ ގދ. ގައްދޫ
* އަހުމަދު ޒާހިރު، ހ. ސަންދަލީގެ
* ޒަމްއަތު އަހުމަދު ވަހީދު، މަލަ/ ގދ. ތިނަދޫ
* މުޙައްމަދު ޝަމީމް، ހ. ޕްރެޓީވިލާ
* ޝިމްލާ އަހުމަދު، އާޝްޓްރަލްގެ/ ސ. ހިތަދޫ
* ފާތިމަތު ޒަޢީމާ، އޯކިޑްމާގެ/ ށ. ފީވައް

ރައީސުލްޖުމްހޫރިއްޔާ ފޮނުއްވެވި ނަންތައް ދިރާސާކުރުމަށް ރައްޔިތުންގެ މަޖިލީހުގެ މިނިވަން މުއައްސަސާތަކުގެ ކޮމިޓީއަށް ވަނީ ފޮނުއްވާފައެވެ.

މިނިވަން މުއައްސަސާތަކަށް މެންބަރުން އައްޔަން ކުރައްވާނީ އާންމުކޮށް ހުޅުވާލުމުން ކުރިމަތިލާ ފަރާތްތަކުގެ ތެރެއިން ރައީސުލްޖުމްޙޫރިއްޔާ މަޖިލީހަށް ނަންތައް ފޮނުއްވައި މަޖިލީހުން ފާސްކުރުމުންނެވެ. މަޖިލީހުން މެންބަރުން އައްޔަން ކުރުމުގެ ކުރިން ކޮމިޓީން އެ މައްސަލަ ދިރާސާކޮށް މެންބަރުންނާ އިންޓަވިއުކުރާނެއެވެ.

ބްރޯޑްކޮމްއަށް މެންބަރަކު އައްޔަން ކުރަނީ އެ ކޮމިޝަނުގެ ނައިބު ރައީސްގެ މަގާމުގައި ހުންނެވި މުޙައްމަދު ފަޒީން އިސްތިއުފާ ދެއްވުމާ ގުޅިގެންނެވެ. އޭނާ އިސްތިއުފާ ދެއްވީ އޭނާއާ ގުޅިގެން މަޖިލީހަށް ހުށަހަޅާފައިވާ މައްސަލައަކާ ގުޅިގެން ކޮމިޝަނުންގެ މެންބަރުކަމުން ވަކިކުރުމުގެ މަސައްކަތް މިނިވަން މުއައްސަސާތަކުގެ ކޮމިޓީން ފަށާފައިވަނިކޮށެވެ.

7 މެންބަރުން ތިއްބަވާ ބްރޯޑްކޮމްއަށް މެންބަރުން އައްޔަން ކުރަނީ 5 އަހަރު ދުވަހުގެ ދައުރަކަށެވެ. ބްރޯޑްކޮމްގައި މިހާރު ތިއްބެވި 6 މެންބަރުންނަކީ ކޮމިޝަނުގެ ރައީސް ޞަފާ ޝަފީޤާއި، ނައިބު ރައީސް ޝިފްލާ އިބްރާހީމާއި، މެންބަރުންކަމަށްވާ އައިމިނަތު އަމީނާއާއި، އާމިނަތު ނުޒުހާއާއި، މުޙައްމަދު އަބްދުﷲގެ އިތުރުން އާމިނަތު ޞަރާޙަތު ޢިއްޒަތެވެ.