ޚަބަރު

ފަހު ވަގުތު ނޫނޭޒް ކާމިޔާބުކޮށްދިން ލަނޑުން ސިޓީ މޮޅުވެއްޖެ


އިނގިރޭސި ޕްރިމިއަރ ލީގުގައި ރޭ އެސްޓަން ވިލާއާ ދެކޮޅަށް ކުޅުނު މެޗުގެ ފަހު ވަގުތު މެތިއުސް ނޫނޭޒް ކާމިޔާބުކޮށްދިން ލަނޑާއެކު 2-1 ގެ ނަތީޖާއަކުން މޮޅުވެ، ތާވަލުގެ ތިންވަނަ މަގާމު މެންޗެސްޓާ ސިޓީން ހޯދައިފި އެވެ.

މި ނަތީޖާ އާއެކެ މެންޗެސްޓަރ ސިޓީ އަށް ވަނީ ލީގުގައި މިހާތަނަށް ކުޅުނު 34 މެޗުން 61 ޕޮއިންޓް ލިބިފަ އެވެ. ހަތަރުވަނައިގައި އޮތް ނޮޓިންހަމް ފޮރެސްޓް އަށް 60 ޕޮއިންޓް ލިބިފައިވާއިރު ނިއުކާސަލް ޔުނައިޓެޑަށް 59 ޕޮއިންޓް ލިބިފައިވަނި ސިޓީ އަށްވުރެ އެއް މެޗު މަދުން ކުޅެގެންނެވެ. މި މެޗުން ބަލިވި އެސްޓަން ވިލާއަށް 34 މެޗުން ލިބިފައިވާ 57 ޕޮއިންޓާޢެކު އެ ޓީމު އޮތީ ތާވަލުގެ ހަތްވަނައިގަ އެވެ.

މެންޗެސްޓަރ ސިޓީގެ އިއްތިހާދު ސްޓޭޑިއަމްގައި ކުޅުނު މި މެޗުގެ ހަތްވަނަ މިނިޓުގައި ބަނާޑޯ ސިލްވާ ވަނީ ލަނޑެއް ޖަހާ މެންޗެސްޓަރ ސިޓީ އަށް ކުރި ހޯދަދީފަ އެވެ. ނަމަވެސް އޭގެ 11 މިނިޓު ފަހުން އެސްޓަން ވިލާގެ މާކަސް ރަޝްފޯޑް ވަނީ ލަނޑެއް ޖަހާ މެޗުގެ ނަތީޖާ އެއްވަރުކޮށްފަ އެވެ.

ދެ ޓީމުގެ ފަރާތުންވެސް ވާދަވެރި ކުޅުމެއް ފެނިގެން ގޮސްފައިވާ މި މެޗުގެ ކުރީކޮޅު ފެނިގެން ދިޔަ ދެ ލަނޑަށްފަހު ދެ ޓީމަށްވެސް ވަނީ ލަނޑު ޖަހަން ފުރުސަތު ލިބި ބޭކާރު ވެފަ އެވެ.

މި މެޗުން މެންޗެސްޓަރ ސިޓީ މޮޅުވި ލަނޑު މެޗުގެ އިތުރު ވަގުތުގެ ގޮތުގައި ދެއްކި ފަސް މިނިޓުގެ ތެރެއިން ހަތަރު ވަނަ މިނިޓުގައި އެ ޓީމަށް ކާމިޔާބުކޮށްދީފައިވަނީ އަރިމަތިން ޖެރެމީ ޑޯކޫ ނަގައިދިން ހުރަހަކުން މެތިއުސް ނޫނޭޒް އެވެ.

މި ލަނޑާއެކު ސިޓީގެ ކުޅުންތެރިންނާއި ކޯޗު ޕެޕް ގަޑިއޯލާ ވަނީ ވަރަށް ބޮޑަށް އުފާފާޅުކޮށްފަ އެވެ. އެއީ އެއް މެޗު އިތުރަށް ކުޅެގެން ނަމަވެސް ތާވަލުގެ ތިންވަނަ މަގާމު އެ ޓީމަށް ލިބިފައިވާއިރު ކުރިއަށް އެ ޓީމަށް ދެން އޮތީ ފަސޭހަ މެޗުތަކަކެވެ. އޭގެ ތެރޭގައި ރެލިގޭޓް ވެފައިވާ ސައުތެމްޓަން އާއި ވޮލްވްސް އާއި ދެކޮޅަށް ކުޅޭ ދެ މެޗެވެ. ގަދަ ފަހެއްގެ ޖާގައަކަށް ޗެލްސީ އާއި އެންމެ ބޮޑަށް ވާދަކުރާ ޗެލްސީއަށް އޮތް މެޗުތަކުގެ ތެރޭގައި ނިއުކާސަލް ޔުނައިޓެޑާއި ނޮޓިންހަމް ފޮރެސްޓުގެ މެޗު ހިމެނެ އެވެ.