ކުޅިވަރު

ލެސްޓާ ރެލިގޭޓުވުމުން ވާޑީގެ ނުރުހުން: "މިއީ ހިތްދަތި ސީޒަނެއް"


އިނގިރޭސި ޕްރިމިއަރ ލީގުގައި ލިވަޕޫލް އަތުން ބަލިވެ، ލީގުން ރެލިގޭޓުވުމުން އެކަމާ ވަރަށް ލަދުގަނެ ދެރަވެއްޖެ ކަމަށް ލެސްޓާ ސިޓީގެ ފޯވާޑް ޖެމީ ވާޑީ ބުނެފިއެވެ.

ލެސްޓާގެ އަމިއްލަ ދަނޑު ކަމަށްވާ ކިންގް ޕަވަރ ސްޓޭޑިއަމްގައި ކުޅުނު މެޗުގެ ކޮންޓްރޯލް ނަގާފައިވަނީ ލިވަޕޫލުންނެވެ. އެކާވީސް ހާހަށްވުރެ ގިނަ މީހުންގެ ކުރިމަތީގަ ކުޅުނު މި މެޗުގައި ލެސްޓާއިން ދެއްކީ ލަދުވެތި ކުޅުމެއް ކަމަށް ސަޕޯޓަރުންވެސް ދަނީ ބުނަމުންނެވެ.

ލިވަޕޫލުން 1-0 ގެ ނަތީޖާއަކުން މި މެޗު ކާމިޔާބުކުރިއިރު، ލެސްޓާއިން އެންމެ ފަހުން ކުޅުނު ފަސް މެޗުގެ ތެރެއިން ހަތަރު މެޗުން ބަލިވެ، އެއް މެޗު އެއްވަރުވުމުން، އެންމެ 18 ޕޮއިންޓާއެކު އެ ޓީމު އޮތީ ތާވަލުގެ ފުލުން ދެވަނަ މަގާމުގައެވެ.

މެޗަށްފަހު ނޫސްވެރިން ގާތު ވާޑީ ބުނެފައިވަނީ މެޗުގައި ދެއްކުނު ކުޅުމާ ދޭތެރޭ ޚުދު އޭނާވެސް ލަދުވެތިވާ ކަމަށެވެ. އަދި މުޅި ސީޒަނުވެސް ދިޔައީ ހިތްދަތިކޮށް ކަމަށް ބުނަމުން އޭނާ ވަނީ ޓީމުގެ ކުޅުމާ ދޭތެރޭ ހިތާމަކުރާ ކަމަށް ބުނެފައެވެ.

އިނގިރޭސި ޕްރިމިއަރ ލީގުގެ ޗެމްޕިއަންކަން 2016 ވަނަ އަހަރު ހޯދުމަށްފަހު، އެ ޓީމުގެ ފޯމު ގެއްލި އާދަޔާ ޚިލާފަށް ދަށް ނަތީޖާތަކެއް ލެސްޓާއިން ހޯދަމުން އަންނައިރު، މިއަހަރުގެ ޕްރިމިއަރ ލީގުން ރެލިގޭޓްވުމުގެ އިތުރުން ލެސްޓާއިން ވަނީ އިނގިރޭސި ލީގުގައި ލަދުވެތި ރިކޯޑެއްވެސް ގާއިމުކޮށްފައެވެ. އެއީ ޖެހިޖެހިގެން ނުވަ މެޗުން ބަލިވުމެވެ.

ލެސްޓާއިން 2016 ވަނަ އަހަރު ޗެމްޕިއަންކަން ހޯދި އިރުވެސް އެޓީމުގެ އެއް ތަނބުގެ ގޮތުގައި ހުރި ވާޑީ ވަނީ 2019-2020 ވަނަ އަހަރުގެ ޕްރިމިއަރ ލީގުގައި އެންމެ ގިނަ ގޯލް ޖަހައި، އެ ފަހަރުގެ މުބާރާތުގެ "ރަން ބޫޓު" ހާސިލުކޮށްފައެވެ. އެހެންނަމަވެސް މި ސީޒަނުގައި މިހާތަނަށް ކުޅުނު 31 މެޗުން އޭނާއަށް ކާމިޔާބުކުރެވިފައިވަނީ ހަމަ އެންމެ ހަތް ގޯލެވެ.

"މި ވަގުތު މިއިނީ ބުނާނެ އެއްޗެއްވެސް ނޭނގިފައި. މުޅި ސީޒަން މިދިޔައީ މިހެން. ދެރަވެސް ވޭ. ރުޅިވެސް އާދޭ. މިއީ ބަޔާންކޮށްދޭން ދަތި އިހުސާސެއް" ވާޑީ ބުނެފައިވެއެވެ.

ޓީމުގެ ދަށް ކުޅުމާ ގުޅޭގޮތުން އެއްވެސް ބަހަނާއެއް ދައްކަން ބޭނުންނުވާކަމަށް ބުނެފަވާއިރު، މުޅި ޓީމު، ޓީމެއްގެ ގޮތުގައި ފެއިލްވެއްޖެ ކަމަށް އޭނާ ބުންޏެވެ. އަދި ޓީމުގެ ދަށް ނަތީޖާގެ ޒިންމާ މުޅި ޓީމުން ނަގާ ކަމަށާއި، ބަހަނާ ދައްކައި، ސަޕޯޓަރުންނަށް ފިލުމުގެ ވިސްނުމެއް ނެތް ކަމަށްވެސް އޭނާވަނީ ބުނެފައެވެ.

ޓީމާއެކު ދިގު މާޒީއެއް އޮތް ވާޑީ ބުނީ ޓީމުގެ އަޑިގަނޑުތަކާއި އުސްގަނޑުތަކުގައި އޭނާގެ ހިއްސާ މިހާތަނަށް އޮންނާނެ ކަމަށެވެ. އުފާވެރި ތަޖުރިބާތަކާއި ހިތި ތަޖުރިބާތައްވެސް ޓީމުގައި ކޮށްފައިވާނެ ކަމަށެވެ. އަދި މި ސީޒަނަކީ ވަރަށް ހިތްދަތި ދުވަސްތަކެއް ކަމަށް ސިފަކުރަމުން އޭނާ ބުނީ ޓީމުގެ ދަށް ނަތީޖާތަކާމެދު ޚުދު އޭނާވެސް މިހުރީ ދެރަވެ ލަދުވެތިވެފައި ކަމަށެވެ. ނޫސްވެރިންގެ ބައްދަލުވުމުގެ ތެރެއިން އޭނާވަނީ ސަޕޯޓަރުންގެ ކިބައިން މައާފަށްވެސް އެދިފައެވެ.

"މިއީ ހިތްދަތި ދުވަސްތަކެއްކަން އެނގޭ. މި ހިތްދަތިކަމުގައި އަހަރެންވެސް ބައިވެރިވަން. ސަޕޯޓަރުންގެ ކިބައިން ނިހާޔަތަށް މައާފަށް އެދެން" ސަޕޯޓަރުންގެ ކިބައިން މައާފަށް އެދުމުގެ ގޮތުން ވާޑީ ބުންޏެވެ.