ޚަބަރު

ނިރުބަވެރި ހަމަލާތައް ޤައުމުގެ އިސްވެރިންނަށް ދެވިފައިވަނީ އަސްކަރިއްޔާއަށް ވެފައިވާ އިހުމާލުގެ ސަބަބުން: ދިފާޢީ ވަޒީރު


  • ކުރީ ސަރުކާރުތަކުން ވަނީ އަސްކަރިއްޔާއަށް އިހުމާލުވެފައި

  • ރާއްޖޭގެ ސިޔާދަތާާއި އިސްތުގުލާލަށް ސީދާ އަސަރު ކުރާފަދަ ހަމަލާތަކެއް ދީފައިވޭ

  • ރައީސް ޑރ. މުޢިއްޒު އަސްކަރިއްޔާ ތަރައްގީ ކުރެއްވުމަށް ހާއްސަ އިސްކަމެއް ދެއްވާ

ނުރައްކާތެރި، ނިރުބަވެރި ހަމަލާތައް ޤައުމުގެ އިސްވެރިންނަށް އަމާޒުކޮށްގެން ފަސޭހަކަމާއެކު ދެވިފައިވަނީ އަސްކަރިއްޔާއަށް މީގެ ކުރިންވެފައިވާ އިހުމާލުގެ ސަބަބުންކަމަށް ދިފާޢީ ވަޒީރު މުޙައްމަދު ޣައްސާން މައުމޫން ވިދާޅުވެއްޖެއެވެ. ވަޒީރު މިހެން ވިދާޅުވީ 133 ވަނަ ދިވެހި ސިފައިންގެ ދުވަހުގެ ރަސްމީ ޖަލްސާގައި ވާހަކަފުޅު ދައްކަވަމުންނެވެ.

ދިފާޢީ ވަޒީރު މުޙައްމަދު ޣައްސާން މައުމޫން ވިދާޅުވީ ދިވެހިރާއްޖޭގެ މިނިވަންކަމާއި ސިޔާދަތާއި، އިސްތިގުލާލުގެ ހިމާޔަތުގައި ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ފަށްޓަވާފައިވާ މަސައްކަތްޕުޅަކީ ބަވަނަވެފައި އޮތް ދުނިޔޭގެ ބަދަލުވަމުން އަންނަ މަޞްރަހުގެ އަދި ރާއްޖޭގެ މަޞްރަހުގެ ހާލުގެ ދުލުން އެތަކެއް އަހަރެއް ވަންދެން އެދި ގޮވަމުން އައި މަސައްކަތްތައް ކަމަށެވެ. ނަމަވެސް އެ ގޮވުންތަކަށް ފައިތުވެދިޔަ 15 ވަރަކަށް އަހަރު އިޖާބަ ނުދެވި އަސްކަރިއްޔާއަށް އިހުމާލުވެފައިވާކަމަށް ވަޒީރު ވިދާޅުވިއެވެ.

ވަޒީރު ވިދާޅުވީ ފާއިތުވި އަހަރުތަކުގައި އަސްކަރިއްޔާއަށް އެކި ސަރުކާރުތަކުން ވެފައިވާ އިހުމާލުގެ ސަބަބުން ރާއްޖޭގެ ސިޔާދަތާާއި އިސްތުގުލާލަށް ސީދާ އަސަރު ކުރާފަދަ ނުރައްކާތެރި ނިރުބަވެރި ހަމަލާތައް ފަސޭހަކަމާއެކު ދީފައިވާ ކަމަށެވެ.

"މި އިހުމާލުގެ ސަބަބުން މި ފަސްގަނޑުން ސީދާ ހަރަކާތްތަކެއް ފެނިފައިވޭ. ވޭތުވެދިޔަ 10 ވަރަކަށް އަހަރުގެ ތެރޭގައި ރާއްޖޭގެ ސިޔާދަތާއި އިސްތިގުލާލަށް ސީދާ އަސަރު ކުރާފަދަ ނުރައްކާތެރި ނިރުބަވެރި ހަމަލާތައް ޤައުމުގެ އިސްވެރިންނަށް ފަސޭހަކަމާއެކު ދެވިފައިވަނީ، ދިނުމުގެ ޖާގަ ލިބިފައިވަނީ އިހުމާލުވެ ޤައުމަށްވުރެ އެހެން ކަންކަން އިސްކުރުމުން،" ދިފާޢީ ވަޒީރު ވިދާޅުވިއެވެ.

ދިފާޢީ ވަޒީރު މިފަދައިން ވިދާޅުވެފައިވާއިރު 2021ވަނަ އަހަރުގެ މެއި މަހުގެ 6 ވަނަ ދުވަހުގެ ރޭ ކުރީގެ ރައީސް އަދި އޭރު ރައްޔިތުންގެ މަޖިލީހުގެ ރައީސްގެ މަގާމުގައި ހުންނެވި ރައީސް މުޙައްމަދު ނަޝީދަށް އަމާޒުކޮށް ވަނީ ނިރުބަވެރި ހަމަލާއެއް ދީފައެވެ. ރައީސް ނަޝީދަށް ހަމަލާދިނީ އެމަނިކުފާނުގެ ގެކޮޅުން ނުކުމެވަޑައިގެން ކާރުކޮޅަށް އަރާވަޑައިގަންނަވަން އުޅުއްވަނިކޮށެވެ. އެ ހަމަލާ ދީފައިވަނީ ރޭޒަރު ފުށް އަޅާފައިވާ ބޮމެއް ގޮއްވާލައިގެންނެވެ.

މިހަމަލާ ދީފައިވަނީ އޭރު އެމަނިކުފާނުގެ ރައްކާތެރިކަން ކަށަވަރު ކުރުމުގެ ޒިންމާ ހަވާލުވެގެން ތިބި ފަރާތްތަކުގެ އިހުމާލުން ކަމަށް ގިނަ ބަޔަކު ވަނީ ތުހުމަތުކޮށްފައެވެ.

މިފަދަ މައްސަލަތައް ދިމާވަނީ ސަރުކާރުތަކުން އަސްކަރިއްޔާއަށް ދޭންޖެހޭ އިސްކަން ނުދިނުމުންކަން ފާހަގަކުރައްވައި ވަޒީރު ޣައްސާން ވިދާޅުވީ ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު އަސްކަރިއްޔާ ތަރައްގީ ކުރެއްވުމަށް ވަރަށް ޚާއްސަ އިސްކަމެއް ދެއްވާ ކަމަށެވެ. އަދި 2023ވަނަ އަހަރުގެ ނޮވެމްބަރު މަހު ރައްޔިތުން އެމަނިކުފާނު އިންތިޚާބުކުރީ ފޫނުބެދި ހުރި މިފަދަ ކަންކަން ފޫބައްދައި ޤައުމު ހިމާޔަތްކުރައްވާނެކަމުގެ ފުރިހަމަަ އިތުބާރާއެކުގައި ކަމަށާއި އެ އިތުބާރު އެމަނިކުފާނު ދަމަހައްޓަވަމުންދާ ކަމަށްވެސް ވިދާޅުވިއެވެ.

މީގެ އިތުރުން ކުރު މުއްދަތެއްގެ ތެރޭގައި ދިވެހި އަސްކަރިއްޔާގެ ގާބިލިއްޔަތު އެތައް ގޮތަކުން އެތައް ގުނައަކަށް އިތުރުކޮށްދެއްވާފައިވާ ކަމަށްވެސް ދިފާޢީ ވަޒީރު މުޙައްމަދު ޣައްސާން މައުމޫން ވިދާޅުވިއެވެ.