ޚަބަރު

އިންޓަރނެޓް މެދުވެރިކޮށް ކުށްކުރާ، އޭޝިޔާގެ ގުރޫޕުތަކުގެ ނުރައްކާ މުޅި ދުނިޔެއަށް ފެތުރެނީ


ސައިބަރކްރައިމް ނުވަތަ އިންޓަރނެޓް މެދުވެރިކޮށް ކުށްކުރާ ގުރޫޕުތަކުގެ ތެރެއިން އޭޝިޔާގެ ޤައުމުތަކަށް ނިސްބަތްވާ ގުރޫޕުތަކުގެ ނުރައްކާ މުޅި ދުނިޔެއަށް ފެތުރެމުންދާ ކަން އެކުވެރި ދައުލަތްތައް (އދ)ން ހާމަކޮށްފިއެވެ. މަސްތުވާތަކެއްޗާއި ކުށްތަކާ ދެކޮޅަށް މަސައްކަތް ކުރާ އދގެ އިދާރާ (ޔޫއެންއޯޑީސީ)ން ބުނީ އޭޝިޔާއަށް ނިސްބަތްވާ އެ ފަދަ ގުރޫޕުތަކުގެ ކުށްތަކާ ގުޅިގެން އިރުމަތީ އަދި ދެކުނު އިރުމަތީ އޭޝިޔާގެ ސަރަޙައްދަށް 37 ބިލިޔަން އެމެރިކާ ޑޮލަރުގެ ގެއްލުން ލިބިފައިވާ ކަމުގައެވެ. އެއީ، 2023ވަނަ އަހަރުގެ ތަފާސްހިސާބެކެވެ.

ޔޫއެންއޯޑީސީން ބުނީ، އެ ފަދަ ގުރޫޕުތަކުގެ އޮޕަރޭޝަންތައް އެފްރިކާ، ދެކުނު އެމެރިކާ އަދި މެދުއިރުމަތީގެ ޤައުމުތަކަށް ފުޅާ ކުރަމުންދާ ކަމުގައެވެ. މި ކަމާ ގުޅޭ ގޮތުން ތައްޔާރު ކޮށްފައިވާ ރިޕޯޓެއްގައި ޔޫއެންއޯޑީސީން ބުނީ، އެ ފަދަ ގުރޫޕުތަކުން އަޑީގައި އޮވެގެން ހިންގާ ފްރޯޑް ނުވަތަ އޮޅުވައިލައިގެން ފައިސާ ހޯދުމުގެ ސްކޭމްތަކުގައި ޖެހި، ގިނަ އަދަދެއްގެ ބަޔަކަށް ބޮޑެތި ގެއްލުންތަކެއް ލިބިފައިވާ ކަމުގައެވެ. މި ގޮތުން، އިންވެސްޓްމެންޓްތަކުގެ ނަމުގައާއި ކްރިޕްޓޯކަރަންސީގެ ވިޔަފާރީގެ ނަމުގައި މި ފަދަ ސްކޭމްތައް ހިންގަމުންދާ ކަން އެ އިދާރާގެ ރިޕޯޓުގައި ފާހަގަ ކޮށްފައިވެއެވެ.

މި ފަދަ ކުށްތައް ހިންގާ އެންމެ ގިނަ ގުރޫޕުތައް މި ވަގުތު ހަރަކާތްތެރިވަމުން ދަނީ މިޔަންމާގެ ސަރަޙައްދީ ރޮނގު ކައިރީގައި އޮތް ފަގީރު ސަރަޙައްދުތަކުގައި ކަމުގައި ޔޫއެންއޯޑީސީގެ ތަޙުޤީޤަށް ވަނީ ހާމަވެފައެވެ. މީގެ އިތުރުން، ކެމްބޯޑިޔާ އަދި ލާއޯ ފަދަ ޤައުމުތަކުގައިވާ ސްޕެޝަލް އިކޮނޮމިކް ޒޯން ނުވަތަ އިޤުތިޞާދީ ޚާއްޞަ ސަރަޙައްދުތަކުގައި ވެސް މި ފަދަ ކުށްކުރާ ގުރޫޕުތައް ގިނަ ކަން އެ އިދާރާއިން ފާހަގަ ކުރިއެވެ. މި ފަދަ ގުރޫޕުތަކުގައި ހިމެނޭ ގިނަ މެންބަރުންނަކީ، އިންސާނީވަގުފާރީގެ ތެރެއިން އެ ޤައުމުތަކަށް އެތެރެ ކޮށްފައިވާ މީހުން ކަމުގައި ވެސް ޔޫއެންއޯޑީސީން ބުންޏެވެ.

2023ވަނަ އަހަރު އިންޓަރނެޓު މެދުވެރިކޮށް ކުށްކުރާ އޭޝިޔާގެ ގުރޫޕުތަކުގެ ސަބަބުން 37 ބިލިޔަން އެމެރިކާ ޑޮލަރު ގެއްލިފައިވާ ކަމުގައި އަންދާޒާ ކުރެވުނު ނަމަވެސް، ޙަޤީޤަތުގައި އެ އަދަދު އެތަކެއް ގުނައަކަށް އިތުރުވާނެ ކަމުގައި ޔޫއެންއޯޑީސީން ޤަބޫލު ކުރެއެވެ. އަދި، އެ ފަދަ ގުރޫޕުތަކުގެ އޮޕަރޭޝަންތަކާއި ކުށްކުރުން އެހެން ސަރަޙައްދުތަކަށް ހަލުވިކަމާ އެކު ފުޅާ ކުރަމުންދާ ކަމުގައި އެ އިދާރާއިން އިންޒާރު ކުރިއެވެ. އެ ސަރަޙައްދުތަކުގެ ތެރޭގައި ވިލާތުގެ ޤައުމުތަކުގެ އިތުރުން ޕެސިފިކް ކަނޑުގެ ރަށްތައް ހިމެނޭ ކަމުގައި ވެސް އެ އިދާރާއިން ހާމަކުރިއެވެ.

"އިރުމަތީ އަދި ދެކުނުއިރުމަތީ އޭޝިޔާގެ ޤައުމުތަކަށް ނިސްބަތްވާ ރާވައިގެން ކުށްކުރާ ގުރޫޕުތަކުގެ ހަރަކާތްތައް ދުނިޔޭގެ އެކި ކަންކޮޅުތަކަށް ފުޅާ ކުރަމުންދާ މަންޒަރު ދަނީ ފެންނަމުން. އެއިން ދޭހަވަނީ، އެ ސިނާއަތް އިތުރަށް ފުޅާވަމުންދާ ކަމާއި، އެ ކަން ހުއްޓުވުމަށް ހިންގަމުންދާ އޮޕަރޭޝަންތަކުން ބަރިއްޔަވުމަށް ކުރަމުންދާ މަސައްކަތްތައް ކާމިޔާބު ކަން،" ޔޫއެންއޯޑީސީގެ ދެކުނުއިރުމަތީ އޭޝިޔާ އަދި ޕެސިފިކްގެ ޤައުމުތަކުގައި ހުންނަވާ ވެރިޔާ ބެނެޑިކްޓް ހޮފްމަން ވިދާޅުވިއެވެ.

އިންޓަރނެޓް މެދުވެރިކޮށް ކުށްކުރާ އޭޝިޔާގެ ގުރޫޕުތަކުގެ ހަރަކާތްތައް އެންމެ ބޮޑަށް ފުޅާ ކޮށްފައިވާ އެފްރިކާގެ ޤައުމުތަކުގެ ތެރޭގައި ޒެމްބިޔާ، އެންގޯލާ އަދި ނެބީމިޔާ ހިމެނެއެވެ. މީގެ އިތުރުން، ޕެސިފިކްގެ ޤައުމުތައް ކަމުގައިވާ ފީޖީއާއި ވަނުވާޓޫއަށް ވެސް އެ ގުރޫޕުތަކުގެ ހަރަކާތްތައް ފުޅާ ކޮށްފައިވާ ކަމުގައި ޔޫއެންއޯޑީސީގެ ރިޕޯޓުގައި ފާހަގަ ކޮށްފައިވެއެވެ. އަދި، ދެކުނު އެމެރިކާގެ ޤައުމުތަކުގައި މަސްތުވާތަކެތީގެ ވިޔަފާރި ކުރާ ގުރޫޕުތަކުގެ އިތުރުން އިޓަލީވިލާތާއި އަަޔަލެންޑުގެ ކުށްކުރާ ގުރޫޕުތަކާ ގުޅިގެން އޭޝިޔާގެ ގުރޫޕުތަކުން މަސައްކަތް ކުރަމުންދާ ކަމުގައި ވެސް ޔޫއެންއޯޑީސީގެ ރިޕޯޓުގައި ހާމަކޮށްފައިވެއެވެ.

މީގެ އިތުރުން، އެ ފަދަ ގުރޫޕުތަކުން ކްރިޕްޓޯކަރަންސީ މައިން ކުރުމުގެ ދާއިރާގައި ފުޅާ ދާއިރާއެއްގައި ހަރަކާތްތެރިވަމުންދާ ކަން އެ ރިޕޯޓުގައި ފާހަގަ ކޮށްފައިވެއެވެ. އެ ފަދަ ބައެއް ގުރޫޕުތަކުގެ ހަރަކާތްތަކުގެ މަޢުލޫމާތު ވެސް ޔޫއެންއޯޑީސީގެ ރިޕޯޓުގައި ފާހަގަ ކޮށްފައިވެއެވެ.

މި ގޮތުން، 2023ވަނަ އަހަރުގެ ޖޫން މަހު ލީބިޔާގައި ކްރިޕްޓޯކަރަންސީ މައިން ކުރުމުގެ ވަގު ވިޔަފާރި ކުރަމުން ދިޔަ ތަނަކަށް ރޭޑުޖަހައި، އެ ތަނުން ޗައިނާގެ 50 ރައްޔިތުން ހައްޔަރު ކޮށްފައިވާ ހާދިސާއަށް އެ ރިޕޯޓުގައި އަލިއަޅުވައިލާފައިވެއެވެ. މީގެ އިތުރުން، މިޔަންމާގައި ހިންގި އޮޕަރޭޝަނެއްގައި، އިންސާނީ ވަގުފާރީގެ ޝިކާރައަކަށް ވެފައި ތިބި 7,000އަށްވުރެ ގިނަ މީހުން މިނިވަން ކޮށްފައިވާ ކަން ވެސް އެ ރިޕޯޓުގައި ފާހަގަ ކޮށްފައިވެއެވެ.

އެ ފަދަ ކުށްކުރާ ގުރޫޕުތައް ހުއްޓުވުމަށް ޤައުމުތަކުން ގުޅިގެން މަސައްކަތް ކުރަމުން ދިޔަ ނަމަވެސް، އެ ކަން ކާމިޔާބު ކުރެވިފައި ނުވާ ކަމުގައި ހޮފްމަން ވިދާޅުވިއެވެ. "ކެންސަރު ބަލި ފަދައިން [އެ ގުރޫޕުތަކާއި އެ ފަދަ ކުށްތައް] ދަނީ ހަލުވިކަމާ އެކު ފެތުރެމުން. އެއް ސަރަޙައްދެއްގައި ހަރަކާތްތެރިވާ ގުރޫޕުތައް ހުއްޓުވުމުން، އެހެން ސަރަޙައްދެއްގައި އެ މަސައްކަތް އަލުން ފަށާ،" އޭނާ ވިދާޅުވިއެވެ.