މިއަހަރުގެ މާރޗްމަހުގެ ނިޔަލަށް މާލެ ސަރަޙައްދުން އެކަނިވެސް 1000 އަށްވުރެ ގިނަ އެކްސިޑެންޓު ހިނގާފައިވާކަމަށް ދިވެހި ފުލުހުންގެ ޚިދުމަތުން ހާމަކުރައްވައިފިއެވެ.
ދިވެހި ފުލުހުންގެ ޚިދުމަތުން ވިދާޅުވީ، މިއަހަރުގެ ޖެނުއަރީމަހުން ފެށިގެން މާރޗްމަހުގެ ނިޔަލަށް މާލެ ސަރަޙައްދުގައި ޖުމްލަ 1068 އެކްސިޑެންޓު ހިނގާފައިވާކަމަށެވެ. އޭގެތެރެއިން އެންމެ ގިނައިން އެކްސިޑެންޓައް ހިނގާފައިވަނީ މާލޭގައި ކަމަށްވެސް ފުލުހުން ވިދާޅުވެއެވެ.
ޖެނުއަރީމަހު މަހު މާލެ ސަރަހައްދުގައި 318 އެކްސިޑެންޓް ހިނގާފައިވެއެވެ. އަދި ފެބްރުއަރީމަހު 398 އެކްސިޑެންޓް ހިނގާފައިވާއިރު، މާރޗްމަހު ވަނީ 352 އެކްސިޑެންޓް ހިނގާފައެވެ.
ޖެނުއަރީމަހު މާލެއިން ޖުމްލަ 152 އެކްސިޑެންޓު ހިގާފައިވާއިރު، ހުޅުމާލޭގައި 145 އެކްސިޑެންޓު ހިނގާފައިވެއެވެ. އަދި ވިލިމާލޭގައި 2 އެކްސިޑެންޓު ހިނގާފައިވާއިރު ވެލާނާ އިންޓަރނޭޝަނަލް އެއަރޕޯޓުގައި 19 އެކްސިޑެންޓް ހިނގާފައިވެއެވެ.
ފެބްރުއަރީމަހު މާލޭގައި 216 އެކްސިޑެންޓު ހިގާފައިވާކަމަށް ފުލުހުންގެ ތަފާސް ހިސާބުތަކުން ދައްކައެވެ. ހުޅުމާލޭގައި 169 އެކްސިޑެންޓް ފެބުރުއަރީ މަހު ިނގާފައިވެއެވެ. އަދި ވިލިމާލޭގައި 1 އެކްސިޑެންޓް ހިނގާފައިވާއިރު، ވެލާނާ އިންޓަރނޭޝަނަލް އެއަރޕޯޓުގައި އެމަހު 12 އެކްސިޑެންޓު ހިނގާފައިވެއެވެ.
ނިމިދިޔަ މާރޗްމަހު މާލޭގައި 193 އެކްސިޑެންޓު ހިނގާފައިވާއިރު، ހުޅުމާލޭގައި 140 އެކްސިޑެންޓް ހިނގާފައިވާކަމަށް ތަފާސްހިސާބުތަކުން ދައްކައެވެ. އަދި ވިލިމާލޭގައި 1 އެކްސިޑެންޓް ހިނގާފައިވާއިރު، ވެލާނާ އިންޓަރނޭޝަނަލް އެއަރޕޯޓުގައި 18 އެކްސިޑެންޓު ހިނގާފައިވެއެވެ.
އެކްސިޑެންޓުތައް މަދުކުރުމަށް އެއްގަމު އުޅަނދުފަހަރު ދުއްވާއިރު މަގުމަތީގެ ޤަވާއިދުތަކަށް ބޯލަނބައި އިތުރަށް ސަމާލުވުމަށް ފުލުހުން ވަނީ އިލްތިމާސްކުރައްވާފައެވެ.