ޚަބަރު

ބިން ވިއްކާނެކަމަށް ބުނެ ފައިސާނެގި މައްސަލައިގަ އެޗްޑީސީގެ ކުރީގެ މުވައްޒަފަކަށް ދައުވާކޮށްދިނުމަށް އެދި ޕީޖީއަށް ފޮނުވައިފި


  • އެޗްޑީސީގެ އެ މުވައްޒަފު ވަނީ 550000 ރުފިޔާ އޮޅުވާލައިގެން ނަގާފައި

ހައުސިންގ ޑިވެލޮޕްމަންޓް ކޯޕަރޭޝަން، އެޗްޑީސީ މުވައްޒަފަކު ބިމެއް ވިއްކާނެ ކަމަށް ބުނެ އޮޅުވާލައިގެން 550،000 ރުފިޔާ ނަގާފައިވާ މައްސަލަ ތަހުޤީޤުކޮށް ދަޢޫވާކޮށްދިނުމަށް އެދި އޭސީސީން ޕްރޮސެކިއުޓަރ ޖެނެރަލްގެ އޮފީހަށް ފޮނުވައިފިއެވެ.

އޭސީސީން ވިދާޅުވީ، އެޗްޑީސީގެ އެސްޓޭޓް އޮފިސަރެއްގެ މަޤާމުގައި ކުރިންހުރި މ. ސީވިންޑް، ފުތިޙަ ޝާކިރު ހުޅުމާލެ ދެވަނަ ފިޔަވަހިން ބިމެއް ވިއްކާނެކަމަށްބުނެ އޮޅުވާލައިގެން ގިނަ އަދަދެއްގެ ފައިސާ ނެގި މައްސަލައެއްގެ ތަހުޤީޤު ނިންމާފައިވާ ކަމަށެވެ.

މިމައްސަލައިގެ ތަހުޤީޤުން ހާމަވެފައިވާ ގޮތުގައި 2022ވަނަ އަހަރު އެޗްޑީސީގެ ނަމުގައި ހުޅުމާލެ ދެވަނަ ފިޔަވަހިން 2,600 އަކަފޫޓުގެ ބިމެއް ވިއްކާނެކަމަށް ބުނެ، ފުތިޙަ ޝާކިރު، އެޗްޑީސީގެ ނަމުގައި ޞައްޙަނޫން ޕޭމަންޓް ސްލިޕްތަކެއް ތައްޔާރުކޮށްފައިވާކަން ހަމަވެފައިވާކަމަށެވެ.

މިމައްސަލާގައި އޭނާގެ މައްޗަށް ދަޢުވާކޮށްދިނުމަށްއެދި ހުށަހަޅާފައިވަނީ، ރަސްމީ ހައިސިއްޔަތު ނަހަމަގޮތުގައި ބޭނުންކޮށްގެން ނާޖާއިޒު މަންފާ ހޯދުމުގެ ކުށުގެ ދަޢުވާއެވެ. އަދި ބިން ވިއްކާނެކަމަށްބުނެ ފުތިޙަ ޝާކިރު ހޯދާފައިވާ ފައިސާ އެ ދަޢުވާގެ ތެރެއިން ހޯދުމަށްވެސް އެސީސީން ވަނީ އެދިފައެވެ.

އެޗްޑީސީގެ ކުރީގެ މުވައްޒަފެއްގެ މައްޗަށް ކޮރަޕްޝަންގެ މައްސަލައެއް އޭސީސީން ތަހުޤީޤުކޮށްފައިވާއިރު، މިދިޔަ ސަރުކާރުގައި ސަރުކާރު ހިއްސާވާ ކުންފުނިތަކުގައި ހިންގާފައިވާ ކޮރަޕްޝަންގެ ގިނަ މައްސަލަތައް އޭސީސީން ދަނީ ބަލަމުންނެވެ. އޭގެ ތެރެއިން ބައެއް މައްސަލަތައް ނިންމާ ދައުވާ ކުރުމަށް އެދި ޕީޖީ އޮފީހަށްވެސް ވަނީ ފޮނުވާފައެވެ.