މަދީނާގެ މަސްޖިދުއްނަބަވީގެ އިމާމު ފަޟީލަތުއްޝައިޚް ޑރ. ޞަލާޙު ބުނު މުހަންމަދުލް ބުދައިރު ރާއްޖެވަޑައިގެންފިއެވެ.
ފަޟީލަތުއްޝައިޚް ޑރ. ޞަލާޙު ބުނު މުހަންމަދުލް ބުދައިރު ރާއްޖެވަޑައިގަތުމުން ވެލަނާ އިންޓަރނޭޝަނަލް އެއަޕޯޓުން އެމަނިކުފާނަށް މަރުޙަބާ ދެންނެވީ އިސްލާމީ ކަންތައްތަކާ ބެހޭ ވަޒީރު ޑރ. މުހައްމަދު ޝަހީމް އަލީ ސަޢީދާއި، އިސްލާމީ މަރުކަޒުގެ އިސް އިމާމް ފަޟީލަތުއްޝައިޚް މުޙައްމަދު ލަޠީފްގެ އިތުރުން އެ ވުޒާރާގެ އިސްވެރިންނެވެ. އެމަނިކުފާނަށް އެއަޕޯޓުން ވަނީ ރަތްދޫލައިގެ މަރުޙަބާއެއް ދަންނަވާފައެވެ.
ފަޟީލަތުއްޝައިޚް ޑރ. ޞަލާޙު ބުނު މުހަންމަދުލް ބުދައިރުގެ މި ދަތުރުފުޅަކީ އިސްލާމީ އުއްމަތުގެ މަތީ މުހިންމު ޝަހުސިއްޔަތުތައް ރާއްޖެ ގެންނެވުމަށް ރައީސުލްޖުމުހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒުގެ ލަފާފުޅާއެކު، އިސްލާމީކަންތައްތަކާ ބެހޭ ވުޒާރާއިން ދެއްވި ދަޢުވަތަކަށް ކުރައްވާ ދަތުރުފުޅެކެވެ.
މި ދަތުރުފުޅުގައި އެމަނިކުފާނު ރަޢީސުލްޖުމުހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒުގެ އަރިހަށް އިޙްތިރާމުގެ ޒިޔާރަތެއް ކުރައްވާ ގޮތަށް ވަނީ ހަމަޖެހިފައެވެ. އެމަނިކުފާނުގެ ދަތުރުފުޅުގައި އިސްލާމީކަންތައްތަކާ ބެހޭ ވަޒީރު ޑރ. މުޙައްމަދު ޝަހީމް ޢަލީ ސަޢީދާއި ބައްދަލުކުރެއްވުމުގެ އިތުރުން އިސްލާމީ ފަތުވާދޭ އެންމެ މަތީ މަޖީލީހާއި ބައްދަލު ކުރައްވާ ގޮތަށް ވަނީ ހަމަޖެހިފައެވެ. އަދި ޒުވާން ޚަޠީބުންނާއި ޙާފިޡުންނާއި އިމާމުންނާއި ބައްދަލުކުރެއްވުމަށްވެސް ވަނީ ހަމަޖެހިފައެވެ.
މީގެ އިތުރުން ދިވެހިރާއްޖޭގެ ދީނީ ޢިލްމުވެރިންނާއި ބައްދަލުކުރެއްވުމާއި ކީރިތި ޤުރުއާނާއި ބެހޭ ޤައުމީ މަރުކަޒާއި އަމިއްލަ މުއައްސަސާތަކުގައި ޤުރުއާން ހިތުދަސްކުރާ ދަރިވަރުންނާއި ބައްދަލު ކުރައްވާ ގޮތަށްވެސް ވަނީ ހަމަޖެހިފައެވެ. ހަމައެއާއެކު ސަޢުދީ ރަސްގެފާނުގެ ހިލޭއެހީގައި ބިނާ ކުރައްވާފައިވާ ސަލްމާން ރަސްގެފާނު މިސްކިތަށްވެސް ރަސްމީ ޒިޔާރަތެއް ކުރައްވާ ގޮތަށްވެސް ވަނީ ހަމަޖެހިފައެވެ.
ފަޟީލަތުއްޝައިޚް ޑރ. ޞަލާޙުލް ބުދައިރު، އަންނަ ބުދަ ދުވަހުގެ ރޭ ސަލްމާނު މިސްކިތުގައި އިމާމުވެ މަޣްރިބް ނަމާދާއި ޢިޝާ ނަމާދު ކުރައްވާ ގޮތަށް ވަނީ ހަމަޖެހިފައެވެ. މީގެ އިތުރުން ބުރާސްފަތި ދުވަހުގެ ރޭ އިސްލާމީ މަރުކަޒުގައި އިމާމުވެ ޢިޝާ ނަމާދު ކުރައްވާނީވެސް ފަޟީލަތުއްޝައިޚް ޑރ. ޞަލާޙުލް ބުރައިދުއެވެ. އަދި ޢިޝާ ނަމާދަށްފަހު ޚާއްސަ ދަރުހެއް ދިނުމަށް ހަމަޖެހިފައިވާއިރު ހުކުރު ދުވަހު އިސްލާމީ މަރުކަޒުގައި އިމާމުވެ ހުކުރު ކުރެއްވުމަށްވެސްވަނީ ހަމަޖެހިފައެވެ.