އިޓާލިއަން ލީގުގައި ރޭ ބޮލޯނިއާއާ ދެކޮޅަށް ކުޅުނު މެޗުން 1-0 ގެ ނަތީޖާއަކުން އިންޓަރ މިލާން ބަލިވެއްޖެއެވެ. މި މެޗުން އިންޓަރ މިލާން ބަލިވުމާއެކު ތާވަލުގެ ކުރީގައި ތިން ޕޮއިންޓުގެ ފަރަގެއް ހޯދުމަށް އެ ޓީމަށް ލިބުނު ފުރުސަތު ވަނީ ގެއްލިފައެވެ.
މި ނަތީޖާ އާއެކު އިންޓަރ މިލާނަށް 33 މެޗުން ލިބިފައިވާ 71 ޕޮއިންޓާއެކު ތާވަލުގެ އެއްވަނައިގައި އެ ޓީމު އޮތް ނަމަވެސް، ދެވަނައިގައި އޮތް ނާޕޮލީއަށްވެސް 71 ޕޮއިންޓް ލިބިފައިވާއިރު، އިންޓަރ މިލާނަށް ކުރި ލިބިފައިވަނީ ފައިދާ ލަނޑުގެ ތަފާތުންނެވެ.
ބޮލޯނިއާގެ ދަނޑުގައި ކުޅުނު މި މެޗުގައި ފެނިގެންދިޔަދިޔަ ހަމައެކަނި ލަނޑު މެޗުގެ ފުރިހަމަ ވަގުތު ހަމަވެ އިތުރު ވަގުތުގެ ކުޅުމުގައި އެ ޓީމަށް ކާމިޔާބުކޮށްދީފައިވަނީ ރިކާޑޯ އޮރްސޮލީނާއެވެ.
ސިމޮން އިންޒާގީގެ އިރުޝާދުގެ ދަށުން ކުޅެމުންދާ އިންޓަރ މިލާން މި މެޗުން ބަލިވުމާއެކު، ރަށުން ބޭރުގައި އެ ޓީމު އެންމެ ފަހުން ކުޅުނު ހަ މެޗުގެ ތެރެއިން ތިން މެޗުން ވަނީ ބަލިވެފައެވެ.
ޔުއެފާ ޗެމްޕިއަންސް ލީގުގެ ސެމީ ފައިނަލުގެ ޖާގައެއް ހޯދާފައިވާ އިންޓަރ މިލާނުން މި ސީޒަނުގައި މަސައްކަތް ކުރަމުންދަނީ ތިން މުބާރާތް ކާމިޔާބުކުރުމަށެވެ. އެއީ ޗެމްޕިއަންސް ލީގުގެ އިތުރުން އިޓާލިއަން ލީގާއި، އިޓާލިއަން ކަޕެވެ. އަނެއްކޮޅުން މި މެޗުން މޮޅުވި ބޮލޯނިއާއިން މަސައްކަތް ކުރަމުންދަނީ ގަދަ ހަތަރެއްގައި ހިމެނި، އަންނަ ސީޒަނުގައި ޗެމްޕިއަންސް ލީގުގެ ޖާގައެއް ހޯދުމަށެވެ.