ކުޅިވަރު

ސިޓީގެ އައު އެއްބަސްވުމެއް ނުލިބުމުން ހައިރާންވި: ޑި ބްރޭނާ


މެންޗެސްޓާ ސިޓީން އޭނާގެ އެއްބަސްވުން އައުނުކުރަން ނިންމުމުން ވަރަށް ބޮޑަށް ހައިރާންވި ކަމަށް ކެޕްޓަން ކެވިން ޑި ބްރޭނާ ބުނެފިއެވެ. ބެލްޖިއަމްގެ ގައުމީ ޓީމުގެ ކެޕްޓަންކަންވެސް އަދާކުރަމުން އަންނަ ޑި ބްރޭނާ މިހެން ބުނީ މި ސީޒަނަށްފަހު އޭނާ ސިޓީ ދޫކޮށްލާނެކަން އިއުލާންކުރިތާ ދެ ހަފުތާ ފަހުންނެވެ.

އުމުރުން މިހާރު 33 އަހަރުގެ މިޑްފީލްޑަރު ސިޓީއާއެކު ހަދާފައިވާ އެއްބަސްވުން މި ސީޒަނަށް ފަހު ހަމަވާނެ އެވެ.

"މުޅި އަހަރު (މި ސީޒަން) މިދަނީ އަހަރެންނަށް ހުށަހެޅުމެއް ނުލިބި. އެހެން ތިބިފައި އެމީހުން އަމިއްލަ އަށް ގޮތެއް ނިންމީ. މިއީ އަހަރެން ހައިރާންވި ކަމެއް. އެކަމަކު އަހަރެންނަށް އޮތީ ކުލަބުގެ މި ނިންމުން ގަބޫލުކުރުން. އަހަރެންނަށް ހީވަނީ އަހަރެން މިހާރު ޕާފޯމް ކުރާ ލެވެލްގައި އަދި އަހަރެންނަށް ކުޅެވިދާނެހެން. އެކަމަކު ވެސް އަހަރެންނަށް އެނގޭ ކުލަބުކަން ކޮންމެ ކަމެއްގައި ވެސް ގޮތް ނިންމާނީ،" ޑި ބްރޭނާ ބުންޏެވެ.

ޑި ބްރޭނާ ސިޓީއާ ގުޅުނީ 2015 ވަނަ އަހަރު ޖަރުމަނުގެ ވުލްފުސްބާގުންނެވެ. އޭގެ ފަހުން އޭނާ ވަނީ މިހާތަނަށް 16 ތަށި ސިޓީއަށް ހޯދައިދީފައެވެ. އޭގެ ތެރޭގައި ޔުއެފާ ޗެމްޕިއަންސް ލީގަކާއި، އިނގިރޭސި ޕްރިމިއަރ ލީގުގެ ހަ ތަށި ހިމެނެއެވެ.

ޑި ބްރޭނާ ބުނީ އޭނާއަށް އައު އެއްބަސްވުމެއް ސިޓީން ނުދިން ސަބަބެއް ކަމަށް ބެލެވެނީ މި ސީޒަނުގައި އެ ކުލަބުގެ ޕާފޯމަންސް މާ ބޮޑަށް ދަށްވުން ކަމަށެވެ. ނަމަވެސް އެ ޓީމުން މިހާރު އަންނަނީ މަޑުމަޑުން ކުޅުން ރަނގަޅު ކުރަމުންނެވެ. އަދި އަންނަ ސީޒަނުގެ ޗެމްޕިއަންސް ލީގުން ސިޓީއަށް މިހާރު ފުރުސަތު ލިބުންވެސް ގާތެވެ.

ޑި ބްރޭނާއަށް މި ފަހުން ދިމާވި އެންމެ ބޮޑު މައްސަލައަކީ ގާތްގާތުގައި އަނިޔާވުމެވެ. ހުސްވި ސީޒަނުގައިވެސް އޭނާއަށް ފަސް ދުވަސް ގެއްލުނެވެ. އަދި މި ސީޒަނުގައިވެސް ގިނަ މެޗުތަކުގައި އަނިޔާގެ މައްސަލަތައް ވަނީ ކުރިމަތިވެފައެވެ.

ކުލަބުން ވަކިވާކަން އިއުލާންކުރަމުން މި މަހުގެ ކުރީކޮޅު ޑި ބްރޭނާ ބުނީ ކުލަބުގެ ނިންމުން އޭނާ ބަލައިގަންނަ ކަމަށެވެ. އަދި ކޯޗު ޕެޕް ގާޑިއޯލާވެސް ބުނީ މި ނިންމުމުގެ ވާހަކަ ކުޅުންތެރިޔާ ގާތުގައި ބުނަން އުނދަގޫވި ކަމަށެވެ.

ޑި ބްރޭނާ ސިޓީ ދޫކޮށްލާނެކަން އެންގުމާއެކު ސައުދީ އަރަބިއްޔާ އާއި އެމެރިކާގެ ކުލަބުތައް އަދި އިނގިރޭސި ޕްރިމިއާ ލީގުގެ ކުލަބުތަކުންވެސް އަންނަނީ އޭނާގެ ސޮއި ހޯދަން މަސައްކަތް ކުރަމުންނެވެ. ޑި ބްރޭނާ ބުނީ ކުޅޭނެ ކުލަބެއް އަދި ނުނިންމާ ކަމަށެވެ.

"އަހަރެންނަށް އެނގޭ އަހަރެންގެ އުމުރުން މިހާރު 25 ނޫންކަން. އެކަމަކު ވެސް އަދި އަހަރެންނަށް ވާދަކުރެވޭނެ. އަހަރެން ކޮންމެ ޓީމަކަށް ކުޅެފާނަން،" ޑި ބްރޭނާ ބުންޏެވެ.