ސިވިލް ސަރވިސް ކޮމިޝަނުގެ މެންބަރުގެ މަޤާމަށް މއ. ސިގްމާ، އަލްއުސްތާޛް މުޙައްމަދު މުޖުތާޒް، ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު، ޢައްޔަންކުރައްވައިފިއެވެ. މިކަމަށްޓަކައި ބޭއްވި ރަސްމީއްޔާތު އޮތީ ރައީސުލްޖުމްހޫރިއްޔާ އޮފީހައެވެ.
ސިވިލް ސަރވިސް ކޮމިޝަންގެ މެންބަރުކަމަށް ޢައްޔަންކުރެއްވުމުގެ ކުރިން، އަލްއުސްތާޛު މުޙައްމަދު މުޖްތާޒް، ކޮމިޝަންގެ މެންބަރުކަމުގެ ހުވައި، ސުޕްރީމް ކޯޓުގެ ފަނޑިޔާރު އަލްއުސްތާޛު ޙުސައިން ޝަހީދުގެ ކުރިފުޅުމަތީގައި ކުރެއްވިއެވެ. އަލްއުސްތާޛު މުޙައްމަދު މުޖްތާޒަށް ހުވައި ލައިދެއްވީ، ފަނޑިޔާރު އަލްއުސްތާޛު ޙުސައިން ޝަހީދެވެ. އަދި، ސިވިލް ސަރވިސް ކޮމިޝަންގެ މެންބަރު ކަމަށް ޢައްޔަންކުރެއްވި ކަމުގެ ލިޔުން، ރައީސުލްޖުމްހޫރިއްޔާ މި ރަސްމިއްޔާތުގައި އަލްއުސްތާޛު މުޙައްމަދު މުޖްތާޒާ ޙަވާލުކުރެއްވިއެވެ.
އަލްއުސްތާޛު މުޙައްމަދު މުޖްތާޒަކީ މޯލްޑިވްސްކޮލެޖް އޮފް ހަޔަރ އެޑިއުކޭޝަނުން ބެޗްލަރ އޮފް ލޯ ހާސިލްކުރައްވައިގެން ހުންނެވި ބޭފުޅެކެވެ. އަދި އަލްއުސްތާޛު މުޙައްމަދު މުޖްތާޒް ވަނީ ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގެ މިނިސްޓަރ އޮފް ސްޓޭޓް ފޮރ ޕްރެޒިޑެންޝަލް އެފެއާޒްގެ މަޤާމާއި، ރައްޔިތުންގެ މަޖިލީހުގެ މެންބަރުކަމާއި އަދި އެނޫންވެސް އިސް މަޤާމުތައް ފުރުއްވާފައެވެ.
ސިވިލް ސަރވިސް ކޮމިޝަނުގެ މެންބަރުގެ މަޤާމު ހުސްވެފައިވަނީ އެ މަޤާމުގައި ހުންނެވި އިބްރާހިމް ރަޝީދު މިދިޔަ މަހުގެ 11 ވަނަ ދުވަހު އިސްތިއުފާ ދެއްވުމާ ގުޅިގެންނެވެ. އޭނާ އިސްތިއުފާ ދެއްވީ ރައްޔިތުންގެ މަޖިލީހުގެ މިނިވަން މުއައްސަސާތަކުގެ ކޮމިޓީން އޭނާ މަޤާމުން ވަކިކުރުމުގެ މަސައްކަތް ފަށާފައިވަނިކޮށެވެ.