ޚަބަރު

މަސްތުވާތަކެތީގެ އޮޕަރޭޝަނެއްގައި މާލެއިން 2 މީހަކު ހައްޔަރުކޮށްފި


  • މިމައްސަލައިގައި، ހައްޔަރުކޮށްފައިވަނީ ޝައިހާން އިސްމާއީލް ސައުރުއާއި، މުޙައްމަދު އަޙްމަދު

  • މިއޮޕަރޭޝަންގައި އަތުލި މަސްތުވާތަކެތީގެ ވަގުތީ ބަރުދަނަކީ 749.36 ގުރާމް

މަސްތުވާތަކެތީގެ މައްސަލައެއްގައި މާލެއިން 2 މީހަކު ހައްޔަރުކޮށްފިއެވެ.

ދިވެހި ފުލުހުންގެ ޚިދުމަތުން ވިދާޅުވީ، ފުލުހުންނަށް ލިބުނު މަޢުލޫމާތަކާ ގުޅިގެން މާލޭގައި ހިންގި މަސްތުވާތަކެތީގެ އޮޕަރޭޝަނެއްގައި ދެ މީހަކު ހައްޔަރުކޮށްފައިވާކަމަށެވެ. މި އޮޕަރޭޝަން ހިންގާފައިވަނީ ޑްރަގް އެންފޯސްމަންޓާއި ކައުންޓަރ ނާކޮޓިކްސް އިންޓެލިޖެންސް ގުޅިގެންނެވެ.

މި އޮޕަރޭޝަނުގައި ހައްޔަރުކޮށްފައިވަނީ، ހ. ހަންޏާމީދޫގެ، އުމުރުން 20 އަހަރުގެ ޝައިހާން އިސްމާއީލް ސައުރުއާއި، ހ. ކަހަފަތި، އުމުރުން 43 އަހަރުގެ މުޙައްމަދު އަޙްމަދުއެވެ.

މިމަހުގެ 17 ވަނަ ދުވަހު ހިންގި މި އޮޕަރޭޝަނުގައި އެ މީހުން ހައްޔަރުކޮށް، ހެންވޭރު ގެއެއްގެ އެޕާޓްމަންޓެއް ބަލައި ފާސްކުރިއިރު މަސްތުވާތަކެތި ކަމަށް ބެލެވޭ ތަކެތި ފެނިފައިވެއެވެ. މިތަކެތީގެ ވަގުތީ ބަރުދަނަކީ 749.36 ގްރާމެވެ.

މި މައްސަލައާ ގުޅިގެން ހައްޔަރުކުރި މީހުންގެ ބަންދާމެދު ގޮތެއް ނިންމުމަށް ކްރިމިނަލް ކޯޓަށް ހާޒިރުކުރުމުން ދެ މީހުން ވެސް ފަސް ދުވަހަށް ބަންދުކުރުމަށް ވަނީ އަމުރުކޮށްފައެވެ.

މި މައްސަލަ ފުލުހުން ގެންދަނީ ތަހުގީގުކުރަމުންނެވެ.