ސްޕެނިޝް ލީގުގައި ރޭ ސެލްޓަ ވީގޯއާ ދެކޮޅަށް ކުޅުނު މެޗުގެ އިތުރު ވަގުތުގައި ރަފީނިއާ ކާމިޔާބުކޮށްދިން ޕެނަލްޓީއާއެކު، 4-3 ގެ ނަތީޖާއަކުން ބާސެލޯނާ މޮޅުވެއްޖެއެވެ.
ބާސެލޯނާގެ ދަނޑުގައި ކުޅުނު މި މެޗުގައި ދެ ޓީމުގެ ފަރާތުންވެސް ފޯރިގަދަ ކުޅުމެއް ފެނިގެންގޮސްފައިވާއިރު، މި މެޗުގެ 12 ވަނަ މިނިޓުގައި ފެރާން ޓޮރޭޒް ވަނީ ލަނޑެއް ޖަހާ ބާސެލޯނާއަށް ކުރި ހޯދަދީފަ އެވެ.
ނަމަވެސް އޭގެ ތިން މިނިޓު ފަހުން ސެލްޓަވީގޯގެ ބޯހާ އިގްލޭސިއަސް ވަނީ ލަނޑެއް ޖަހާ މެޗުގެ ނަތީޖާ އެއްވަރުކޮށްފަ އެވެ.
މިދިޔަ ހަފްތާގައި ޗެމްޕިއަންސް ލީގުގެ ސެމީ ފައިނަލުގެ ޖާގައެއް ހޯދާފައިވާ ބާސެލޯނާ އިން ރޭގެ މެޗަށް ނިކުތުމުގެ ކުރިން ބާސެލޯނާގެ ކޯޗު ހެންސީ ފްލިކް ވަނީ ކުޅުންތެރިންނަށް އަރާމު ކުރަން އެކަށީގެންވާ ވަރަށް ވަގުތު ނުލިބި މި މެޗު ކުޅެން ޖެހޭތީ އެކަމަށް ފާޑު ކިޔާފަ އެވެ.
މެޗުގެ ދެވަނަ ހާފުގެ ކުޅުން ފެށިއިރު 1-1 ގެ ނަތީޖާއަކުން ދެ ޓީމު އެއްވަރުވެފައިވާއިރު, ދެވަނަ ހާފުގެ ކުޅުން ފެށުނުތާ ހަތްވަނަ މިނިޓުގައި އިގްލޭސިއަސް ވަނީ އިތުރު ލަނޑެއް ޖަހާ މި މެޗުގައި ސެލްޓަވީގޯ އަށް ފުރަތަމަ ފަހަރަށް ކުރި ހޯދަދީފަ އެވެ.
އަދި އޭގެ 10 މިނިޓު ފަހުން އޭނާ ވަނީ އިތުރު ލަނޑެއް ޖަހާ މި މެޗުގައި ހެޓްރިކް ހެދުމަށްފަހު މެޗުގެ ނަތީޖާއަކުން 3-1 އަށް ބަދަލުކޮށްފަ އެވެ.
ހެންސީ ފްލިކް ވަނީ މެޗުގެ ދެވަނަ ހާފުގައި އެ ޓީމަށް ބަދަލުތަކެއް ގެނެސްފަ އެވެ. އެގޮތުން ފާރމިން ލޮޕޭޒް އާއި ފެރާން ޓޮރޭޒްގެ ބަދަލުގައި ޑެނީ އޮލްމޯ އާއި ލަމީން ޔަމާލް ވަނީ ކުޅެން އަރުވާފަ އެވެ.
ޑެނީ އޮލްމޯ ކުޅެން އެރުވިތާ ފަސް މިނިޓު ފަހުން މެޗުގެ 64 ވަނަ މިނިޓުގައި ރަފީނިއާ ދިން ޕާހަކުން ޑެނީ އޮލްމޯ ވަނީ ލަނޑެއް ޖަހާފަ އެވެ.
އަދި އޭގެ ހަތަރު މިނިޓު ފަހުން ލަމީން ޔަމާލް ދިން ބޯޅަ އަކުން ރަފީނިއާ ވަނީ އިތުރު ލަނޑެއް ޖަހާ މެޗުގެ ނަތީޖާ އެއްވަރުކޮށްފަ އެވެ.
މި މެޗުން ބާސެލޯނާ މޮޅުވި ލަނޑު މެޗުގެ ފުރިހަމަ ވަގުތު ހަމަވެ އިތުރު ވަގުތުގެ ގޮތުގައި ދެއްކި ކުޅުމުގެ އަށްވަނަ މިނިޓުގައި ބާސެލޯނާއަށް ލިބުނު ޕެނަލްޓީ އަކުން އެ ޓީމަށް ލަނޑު ކާމިޔާބުކޮށްދީފައިވަނީ ރަފީނިއާ އެވެ.
މި ނަތީޖާ އާއިއެކު ބާސެލޯނާއަށް ވަނީ ލީގުގައި މިހާތަނަށް ކުޅުނު 32 މެޗުން 73 ޕޮއިންޓާއެކު ތާވަލުގެ ކުރީގައި 7 ޕޮއިންޓުގެ ލީޑެއް ލިބިފަ އެވެ. ދެވަނައިގައި އޮތް ވާދަވެރި ރެއާލް މެޑްރިޑަށް އެއް މެޗު މަދުން ކުޅެގެން ލިބިފައިވަނި 66 ޕޮއިންޓެވެ.