ޚަބަރު

ފާއިތުވި 48 ގަޑިއިރުގެ ތެރޭގައި ޣައްޒާގެ 92 ރައްޔިތުން ޝަހީދު ކޮށްލައިފި


ފާއިތުވި 48 ގަޑިއިރުގެ ތެރޭގައި ފަލަސްޠީނުގެ ޣައްޒާއަށް ޔަހޫދީން ދީފައިވާ ޢުދުވާނީ ޙަމަލާތަކުގައި 92 މީހުން ޝަހީދު ކޮށްލައިފިއެވެ.

ޣައްޒާގެ ޞިއްޙީ ވުޒާރާއިން ބުނީ އެ ސަހަރުގެ އެކި ސަރަޙައްދުތަކަށް ދިން ޙަމަލާތަކުގައި ގިނަ ބަޔަކު ޝަހީދުވުމުގެ އިތުރުން 219 މީހުންނަށް ޒަޚަމުްވެފައިވާ ކަމަށެވެ. ވެއްޓިފައިވާ އިމާރާތްތަކުގެ އަޑީގައި ގިނަ ޢަދަދެެއްގެ މީހުން ތާށިވެފައިވާ ކަމަށް ވެސް އެ ވުޒާރާއިން ބުނެއެވެ.

ޝަހީދުވި މީހުންގެ ތެރޭގައި ކުށެއް ނެތް 15 ކުޑަކުދިން ވެސް ހިމެނެއެވެ. އެ ކުދިން ޝަހީދުވީ ޚާން ޔޫނިސްގައި ހުރި ފޭލިގެތަކަކަށް އަމާޒު ކޮށް ދިން ޙަމަލާއެއްގައެވެ. އޭގެ އިތުރުން ރަފަޙަށް ދިން ޙަމަލާއެއްގައި މަންމައަކާއި ދަރިއެއް ހިމެނޭ ގޮތަށް ހަތަރު މީހުން ޝަހީދުވެފައިވެއެވެ.

ޣައްޒާގެ މުސްލިމުން ނަސްލުހޭދު ކުރުމަށް 2023ވަނަ އަހަރުގެ އޮކްޓޯބަރު މަހުގެ 7ވަނަ ދުވަހު ޔަހޫދީން ދޭން ފެށި ޙަމަލާތައް 15 މަސްދުވަހަށް ފަހު މެދުކަނޑާލާފައި ވަނީ މި އަހަރުގެ ޖަނަވަރީ މަހުގެ 19ވަނަ ދުވަހު ޔަހޫދީންނާއި ޣައްޒާގައި ވެރިކަންކުރާ ޙަމާސް ޖަމާޢަތާ ދެމެދު ވި ޢުދުވާން ހުއްޓާލުމުގެ އެއްބަސްވުމެއްގެ ދަށުންނެވެ. ނަމަވެސް ޔަހޫދީން ވަނީ އެއްބަސްވުމާ ޚިލާފުވެ މާރިޗު މަހުގެ 18ވަނަ ދުވަހު އަނެއްކާ ވެސް ޣައްޒާއަށް ޙަމަލާ ދޭން ފަށައިފައެވެ. އޮކްޓޯބަރު 7ން ފެށިގެން މިހާތަނަށް ފަލަސްޠީނުގެ 51،065 ރައްޔިތުން ވަނީ ޝަހީދު ކޮށްލާފައެވެ.

ޣައްޒާއަށް އެއްވެސް ސާމާނެއް ވެއްދުމަށް ޔަހޫދީން ހުރަސްއަޅާފައިވާތާ ހަ ހަފުތާއަށްވުރެ ގިނަ ދުވަސް ފާއިތުވެފައިވާއިރު ގެދޮރު ގެއްލިފައިވާ ޣައްޒާގެ އެތައް ހާސް ރައްޔިތުންނެެއް ދަނީ އިންތިހާ ދަރަޖައަށް ބަނޑުހައިހޫނުކަމާ ކުރިމަތިލަމުންނެވެ. ޔަހޫދީން އެ ގޮތަށް ޢަމަލު ކުރަމުން ދަނީ ޣައްޒާއަށް އެހީގެ ސާމާނު ވެއްވުމަށް ފުރުޞަތު ދިނުމަށް ބައިނަލްއަޤްވާމީ ޢަދުލްއިންސާފާބެހޭ ކޯޓު، އައިސީޖޭއިން ނެރެފައިވާ ޢަމުރަކާ ޚިލާފަށެވެ. ޣައްޒާއިން މިހާރު ވަނީ ކާބޯތަކެއްޗާއި އެހެނިހެން އަސާސީ ސާމާނު އެއްކޮށްހެން ހުސްވެފައެވެ.

އޮކްސްފެމްގެ އިސްވެރިއެއް ކަމަށްވާ ބުޝްރާ ޚާލިދު ވިދާޅުވީ ޣައްޒާގެ ކުޑަކުދިން ތިބެނީ ބަނޑަށް ކަމަށާއި ކާބޯތަކެތި ހޯދުމުގައި އެ ކުދިން ބޮޑެތި ދަތިތަކާ ކުރިމަތިލަމުންދާ ކަމަށެވެ. ހަށިގަނޑަށް މުހިންމު ކާނާގެ ބާވަތްތައް ނުލިބުމުގެ ސަބަބުން ކުދިންގެ ޙާލަތު ގޯސްވަމުންދާ ކަމަށާއި ޣައްޒާގެ ރައްޔިތުން ބަނޑަށް ޖެހެމުންދާ ކަމަށް އޭނާ ފާހަގަ ކުރެއްވިއެވެ.

މި ހަފުތާގެ ކުރީކޮޅު ޔަހޫދީން ވަނީ ޙަމާސްގެ ބެލުމުގެ ދަށުގައި ތިބި ޔަހޫދީންގެ 10 އަސީރުން މިނިވަން ކޮށް، ހަތިޔާރު ތިރިކުރުމަށް ޙަމާސުން އެއްބަސްވާ ނަމަ 45 ދުވަހުގެ މުއްދަތައް ޙަމަލާ ދިނުން ހުއްޓައިލުމަށް ހުށަހަޅައިފައެވެ. ނަމަވެސް ޙަމާސުން ވަނީ މި ހުށަހެޅުމާ ދެކޮޅު ހަދާފައެވެ. ޙަމާސްގެ އިސްވެރިއެއް ކަމަށްވާ ސާމީ އަބޫ ޒުހުރީ ވިދާޅުވީ ޙަމާސުން ހަތިޔާރު ތިރިކުރުމަށް ހުށަހެޅުމަކީ އެއްވެސް ވަރަކަށް ބަލައިގަނެވޭނެ ކަމެއް ނޫން ކަމަށެވެ.

ޙަމާސުން ބޭނުން ވަނީ ދާއިމީކޮށް ހަނގުރާމަ ހުއްޓާލެވޭނެ ފަދަ އެއްބަސްވުމެއް ކަމަށް އެ ޖަމާޢަތުން ދަނީ ބުނަމުންނެވެ. ދާއިމީކޮށް ޙަމަލާ ހުއްޓާލުމަށް ޔަހޫދީން އެއްބަސްވެ ޔަހޫދީ ފައުޖު އަނބުރާ ގެންދިޔުމަށް ޔަހޫދީން އެއްބަސްވާ ނަމަ ޙަމާސުން ވަނީ އެ މީހުންގެ ބެލުމުގެ ދަށުގައި ތިބި ހުރިހާ ޔަހޫދީން އަސީރުން މިނިވަން ކުރާނެ ކަމަށް ބުނެފައެވެ.