ސްޕެޝަލް އޮލިމްޕިކްސް މޯލްޑިވްސް (އެސްއޯއެމް)ގެ ޗެއާރޕާރސަންގެ މަގާމަށް އިބްރާހިމް ރަމީޒް (އިބޭ) އިންތިޚާބުވެވަޑައިގެންފިއެވެ.
އެސްއޯ މޯލްޑިވްސްގެ އިންތިޚާބު ޝީ ބިލްޑިންގުގައި ބޭއްވުނުއިރު، އެ އެސޯސިއޭޝަނުގެ ބައެއް މަގާމުތަކަށް ކުރިމަތިލާފައިވަނީ އެންމެ މެމްބަރެކެވެ. އެހެންކަމުން އެ މަގާމުތަކަށް މެމްބަރުން އިންތިޚާބުކޮށްފަވަނީ ފެންނަ ނުފެންނަ ވޯޓަކުންނެވެ.
އެސްއޯ މޯލްޑިވްސް 2019 ވަނަ އަހަރު ވުޖޫދުވުމާއެކު އިބޭ ގެންދަވަނީ އެ އެސޯސިއޭޝަނުގައި އަމަލީގޮތުން ހަރަކާތްތެރިވެވަޑައިގަންނަވަމުންނެވެ. މިގޮތުން ޚާއްސަ އެހީއަށް ބޭނުންވާ ފަރާތްތައް ކުޅިވަރުގެ ތެރެއަށް ނެރެދެއްވާ، އިބޭގެ އިރުޝާދުގެ ދަށުން އެކި މުބާރާތްތަކުގައި މިފަރާތްތަކުންވަނީ ބައިވެރިވެ ގައުމަށް ރީތި ނަން ހޯދަދީފައެވެ.
"ޑިސެބިލިޓީ ސެކްޓަރގައި މަސައްކަތްކުރަން ފަށައިފިން 2010 ވަނަ އަހަރުންސުރެ. އޭރުންސުރެ މެދު ނުކެނޑި މި ދާއިރާގައި މިއުޅެނީ. މިކުދިން ތަމްރީނުކޮށް ބައިނަލް އަޤްވާމީ މައިދާނުގައިވެސް ގައުމު ތަމްސީލުކޮށްފަވާނެ. 2019 ވަނަ އަހަރުވެސް 3 މެޑައްޔެއް ގެނެވުނު. އޭގެ އިތުރުން 2023 ވަނަ އަހަރުވެސް 2 ރަން މެޑައްޔާއި ބްރޯންޒު މެޑަލެއް ހޯދުނު" ޕީއެސްއެމް ނިއުސްއާ ވާހަކަދައްކަވަމުން އިބޭ ވިދާޅުވިއެވެ.
ޕީއެސްއެމް ނިއުސްއާ ވާހަކަދައްކަވަމުން އިބޭ އިތުރަށް ވިދާޅުވީ އޭނާގެ ވިސްނުން އަބަދުވެސް ބެހެއްޓެވީ މިފަދަ ފަރާތްތަކަށް ބޭނުންވާ ކަންކަން ރާވާ ބައްޓަންކުރުމުގައި އެފަރާތްތަކަށް އެންމެ މަންފާކުރާނެ ގޮތަކަށް ކަންކަން ހަމަޖެއްސެވުމަށެވެ. މިގޮތުން ހާއްސަ އެހީއަށް ބޭނުންވާ ފަރާތްތައް ގޭގައި އެކަހެރިވެ ތިބެން ޖެހުމުގެ ބަދަލުގައި މުޖުތަމައުގެ ތެރެއަށް ނެރެ، ކަންކަމުގައި އެފަރާތްތައްވެސް މަޝްޣޫލުކުރުވާ، ކުޅިވަރާއި ތެރަޕީގެ ތެރެއިން ލައިފް ސްކިލް ފަދަ ހުނަރުތައް ދަސްކޮށްދެއްވުމަކީ އޭނާގެ އެންމެ ބޮޑު އެއް މަގުސަދުކަމަށް ހާމަކުރެއްވިއެވެ.
މީގެ އިތުރުން އިބޭ ފާހަގަކުރެއްވިގޮތުގައި އެސްއޯ މޯލްޑިވްސް ގެ ޗެއަރގެ ހައިސިއްޔަތުން ކުރިއަށް ދިއުމަށް އޭނާވަނީ ތަސައްވުރެއް ކަނޑައަޅުއްވާފައެވެ. މީގެ ތެރޭގައި ސްޕެޝަލް އޮލިމްޕިކްސްގެ ހަރަކާތްތައް އަތޮޅު ތެރޭގައި ފުޅާކުރުމާއި، މިކަމަށް އާންމުން ހޭލުންތެރިކުރުވުމަށް ސެޝަންތައް ކުރިއަށް ގެންދިއުން ހިމެނެއެވެ. މީގެ އިތުރުން ޚާއްސަ އެހީއަށް ބޭނުންވާ ފަރާތްތަކަށް ބޭނުންވާ ޕީ.ޓީ އަދި ތެރަޕީ ފަދަ ހަރަކާތްތަކަކީ ޖީބުން ބޮޑު ޚަރަދެއްދާ ކަމެއްކަމަށްވުމުން، ސްޕޮންސަރުންގެ އެހީތެރިކަމާއެކު މިކަން ލުއިފަސޭހަކޮށްދިނުމަށް ވަނީ ރާވާފައެވެ.
"އަޅުގަނޑުގެ ވިސްނުން އެބަހުރި މިފަދަކުދިންގެ ބެލެނިވެރިންނަށްވެސް ހަރަކާތްތަކެއް ހިންގުމަށް. އެބޭފުޅުން އެކުދިންނާއެކު އެ އުފުއްލަވާ ބުރައަކީ ވަޒަން ނުކުރެވޭނެ ބުރައެއް. ބެލެނިވެރިންނަށްވެސް ބޭނުންވޭ ސްޓްރެސް ރިލީޒްކުރުމަށް އެހީތެރިކަން. އެބޭފުޅުންގެ ނަފްސާނީ ދުޅަހެޔޮކަމަށްވެސް ސެޝަންތަކެއް ރާވާފަވަނީ" އިބޭ ފާހަގަކުރެއްވިއެވެ.
ސްޕެޝަލް އޮލިމްޕިކްސް މޯލްޑިވްސްއަކީ 2019 ވަނަ އުފެދުނު ޖަމިއްޔާއެކެވެ. މިޖަމިއްޔާއިން ދެވަނަ ދައުރު ގުނަމުންދާއިރު، އިބޭ ވަނީ އެސްއޯއެމްގެ ޓެކްނިކަލް ޑިރެކްޓަރެއްގެ ގޮތުންވެސް މީގެ ކުރިން މަސައްކަތްކުރައްވާފައެވެ.