ޚަބަރު

ވެރިކަމަކީ ކަންމަތިތަކުން ނިންމާ ނިންމުންތަކެއް ނޫން


  • ސިޔާސީވިޔަސް ދައްކަންހެޔޮ ނުވާނެ ވާހަކަތައް ހުންނާނެ

  • ވެރިކަމަކީ ކަންމަތިތަކުން ނިންމާ ނިންމުންތަކެއް ނޫން

ވެރިކަމަކީ ހެޔޮނިޔަތާއެކު ގަދައަޅާ މަސައްކަތްކުރާ ބަޔަކަށް މާތް الله ދެއްވާ އެއްޗެއް ކަމަށާއި އެއީ ކަންމަތިތަކުން ނިންމާ ނިންމުންތަކެއް ނޫންކަމަށް ވިދާޅުވެ މަސްވެރިކަމާއި ކަނޑުގެ ވަސީލަތްތަކާ ބެހޭ ވަޒީރު އަހުމަދު ޝިޔާމް، ޕީއެންއެފްގެ ޖަލްސާގައި އިދިކޮޅު ފަރާތްތަކުން ދެއްކި ވާހަކަތަކަށް ރައްދު ދެއްވައިފިއެވެ.

ސޯޝަލް މީޑިއާގައި ދައުރުވަމުން އަންނަ ވީޑިއޯއިން ފެންނަނީ ޕީއެންއެފުން ބޭއްވި ބައްދަލުވުމުގައި ކުރީގެ ނައިބު ރައީސް ޑރ. މުޙައްމަދު ޖަމީލް އަހުމަދާއި އެ ޕާޓީގެ މެންބަރަކު ރައީސުލްޖުމްހޫރިއްޔާއަށް ނިސްބަތްކޮށް ހުތުރު ބަސްތަކުން ފާޑުކިޔާ މަންޒަރެވެ. އެ ވީޑިއޯގައި އެމަނިކުފާނާ ގުޅުވައިގެން ދެއްކި ވާހަކަތައް ކުށްވެރިކޮށް ސޯޝަލް މީޑިއާގައި ގިނަ ބަޔަކު ދަނީ ޝުޢޫރު ފާޅުކުރަމުންނެވެ.

އެކަމާ ގުޅިގެން ކުރެއްވި ޕޯސްޓެއްގައި ވަޒީރު ޝިޔާމް ވިދާޅުވީ ސިޔާސީ ވިޔަސް ދައްކަން ހެޔޮ ނުވާނެ ވާހަކަތައް ހުންނާނެ ކަމަށެވެ. އަދި "ކަންމަތިން މައިކެއް އަތުޖެހުނަސް ތިމާގެ ހޭބުއްދިފިލާ ދުނިޔެ ރަންވެފައި ތިބޭ" ކަމަށާއި 2023 ގައި ރައްޔިތުން އިންތިޚާބުކުރެއްވި ވެރިޔަކީ ޑރ. މުޙައްމަދު މުޢިއްޒު ކަމަށް ހިތަށް ގެނައުމުން "ބޮޑުތަނުން ރަނގަޅުވާނެ" ކަމަށްވެސް ވަޒީރު ވިދާޅުވިއެވެ.

ވަޒީރު ވިދާޅުވީ ވެރިކަމަކީ ހެޔޮނިޔަތާއެކު ގަދައަޅާ މަސައްކަތްކުރާ ބަޔަކަށް މާތް الله ދެއްވާ އެއްޗެއް ކަމަށެވެ. އަދި ހެޔޮ ޢަމަލު ކުރުންމަތީ ދެމި ތިބޭބަޔަކަށް ސުވަރުގެ ދެއްވަނީވެސް އެކަލާނގެ ކަމަށް ވިދާޅުވިއެވެ.

މީގެ އިތުރުން ވެރިކަމަކީ ކަންމަތިތަކުން ނިންމާ ނިންމުންތަކެއް ނޫން ކަމަށާއި އެފަދަ ގޮތަށް ވިސްނާ ފަރާތްތަކަށް ތެދުމަގު ދެއްކެވުމަށް ދުޢާ ކުރައްވާ ކަމަށްވެސް ވަޒީރު ޝިޔާމް ވިދާޅުވިއެވެ.