އޭޝިއާގެ 18 އަހަރުން ދަށުގެ އެތުލެޓިކްސް މުބާރާތުގައި ވާދަކުރި ރާއްޖޭގެ ޔޫސުފް ނާއިކް ވަޖީހު ހައިޖަމްޕުގެ ރިކޯޑުތަކެއް އައުކޮށްފިއެވެ.
އެގޮތުން ނާއިކް ވަނީ 18 އަހަރުން ދަށް، އަދި 20 އަހަރުން ދަށުގެ ހައި ޖަމްޕްގެ ރިކޯޑް އައުކޮށްފައެވެ.
18 އަހަރުން ދަށާއި، 20 އަހަރުން ދަށުގެ ގައުމީ ރިކޯޑު ކުރިންވެސް އޮންނަނީ ނާއިކު އަތުގައެވެ. 20 އަހަރުން ދަށުގެ ރެކޯޑު އޭނާ ގާއިމު ކުރީ 20 ފެބުރުއަރީ 2025 ގައި ސައުދީ އަރަބިއްޔާގައި ބޭއްވި ދައްމާމް ޓްރަޔަލްސްގައި 1.80 މީޓަރުގެ ހައިޖަމްޕް ރެކޯޑަކާއެކުއެވެ.
މިހާރު ނާއިކް މިވަނީ 6 ވަނަ އޭޝިއާ 18 އަހަރުން ދަށުގެ އެތުލެޓިކްސް ޗެމްޕިއަންޝިޕްގައި 1.84 މީޓަރަށް ފުންމައިގެން ހައިޖަމްޕްގެ ރެކޯޑް އައުކޮށްފައެވެ.
މި ރެކޯޑުތައް އާ ކުރުމަށް ފަހު "ޕީއެސްއެމް ނިއުސްއަށް" އޭނާގެ ތަޖުރިބާ ހިއްސާ ކުރަމުން ނާއިކް ބުނީ އުންމީދުކޮށްގެން ހުރީވެސް އޭޝިއާ 18 އަހަރުން ދަށުގެ އެތުލެޓިކްސް ޗެމްޕިއަންޝިޕް ގައުމީ ރެކޯޑެއް ހަދަން ކަމަށެވެ.
"އަލްހަމްދުﷲ އަންޑަރ 18 އަދި އަންޑަރ 20 އަހަރުތަކަކަށްފަހު އާ ކުރެވުނީމަ ވަރަށް އުފާވެއްޖެ. ދެން އަމާޒަކީމިގޮތުގަ ކޮންމެ މުބާރާތެއްގައިވެސް ޕާސަނަލް ބެސްޓް ޕާފޯމެންސް އާ ކުރުން. އަދި ގައުމީ އާ ރެކޯޑުތަކެއް ހެދުން" ކަމަށް ނާއިކް ބުންޏެވެ.
އެއާއެކު އުންމީދަކީ ސަރަހައްދީ މުބާރާތްތަކުގެ ހައިޖަމްޕު އެތުލީޓުންނާއި އެއް ހަމައެއްގައި ވާދަކޮށް ކާމިޔާބީތަކެއް ހޯދުން ކަމަށް ނާއިކު ބުންޏެވެ.
މި މަހުގެ 15 އިން 18 ގެ ނިޔަލަށް ސައުދީ އަރަބިއްޔާގެ ދައްމާމްގައި ރާއްޖެ ތަމްސީލު ކުރާ އެތުލީޓުންގެ ތެރޭގައި ނާއިކްގެ އިތުރުން ދެން ހިމެނެނީ 100 މީޓަރާއި 200 މީޓަރު ދުވުމުގައި ބައިވެރިވާ އަހުނަފު ރައްޔާން ފަހުމީ އާއި، 200 މީޓަރު އަދި 400 މީޓަރު ދުވުމުގައި ބައިވެރިވާ އައިމިނަތު ލުހްޔާ އަހުމަދާއި، 100 މީޓަރު އަދި 200 މީޓަރު ދުވުމުގައި ބައިވެރިވާ ރައިން މުޙައްމަދު އަދި 800 މީޓަރާއި 1500 މީޓަރު ދުވުމުގައި ބައިވެރިވާ ޒީކް އަޝްރަފް ރަޝީދެވެ.
މި މުބާރާތުގައި ޖުމްލަ 24 ގައުމަކުން އެތުލީޓުން ބައިވެރިވެއެވެ. އެންމެ ފަހުން އޭޝިއާގެ 18 އަހަރުން ދަށުގެ އެތުލެޓިކްސް ޗެމްޕިއަންޝިޕް ބޭއްވީ 2023 ވަނަ އަހަރުގެ އޭޕްރީލް މަހު އުޒްބަކިސްތާނުގައެވެ.