ވިޔަފާރި

ޖޫން މަހު އިމްޕޯޓް ޑިއުޓީގެ ގޮތުގައި ލިބުނު އާމްދަނީ އިތުރުވެއްޖެ


އިމްޕޯޓު ޑިއުޓީއާއި އެހެނިހެން ފީގެ ގޮތުގައި ކަސްޓަމްސްއަށް މިއަހަރުގެ ޖޫންމަހު ލިބިވަޑައިގެންނެވި އާމްދަނީ މިދިޔަ އަހަރުގެ ޖޫން މަހާ އަޅާބަލާއިރު 11 އިންސައްތަ އިތުރުވެއްޖެއެވެ.

މިއާއެކު މިއަހަރުގެ ފުރަތަމަ 6 މަސް ދުވަހުގެ ތެރޭގައި އިމްޕޯޓް ޑިއުޓީއާއި އެހެނިހެން ފީގެ ގޮތުގައި ކަސްޓަމްސްއަށް ލިބިވަޑައިގެންނެވި ޢާމްދަނީގެ އަދަދު ވަނީ 1.2 ބިލިއަން ރުފިޔާއަށް އަރާފައެވެ.

ކަސްޓަމްސްއިން ޢާއްމުކުރައްވާފައިވާ ޖޫންމަހުގެ ތަފާސްހިސާބު ދައްކާގޮތުން މިއަހަރުގެ ޖޫންމަހު އިމްޕޯޓު ޑިއުޓީއާއި އެހެނިހެން ފީގެ ގޮތުގައި ދައުލަތަށް 183.8 މިލިއަން ރުފިޔާ ލިބިފައިވެއެވެ. މިދިޔަ އަހަރުގެ ޖޫން މަހު ލިބިފައިވަނީ 165.5 މިލިއަން ރުފިޔާއެވެ. 2016 ވަނަ އަހަރު ދެބައި ވީއިރު، އިމްޕޯޓު ޑިއުޓީއާއި އެހެނިހެން ފީގެ ގޮތުގައި 1.20 ބިލިއަން ރުފިޔާ ލިބިވަޑައިގެންފައިވާއިރު، މިއީ މިދިޔަ އަހަރުގެ އެ މުއްދަތާ އަޅާބަލާއިރު 5% އިތުރު އަދަދެކެވެ.

ކަސްޓަމްސްގެ ތަފާސްހިސާބުތައް ދައްކާގޮތުން ފާއިތުވެދިޔަ ޖޫންމަހު ރާއްޖެއަށް އިމްޕޯޓްކުރެވުނު މުދަލުގެ ސީއައިއެފް އަގު މިދިޔަ އަހަރުގެ ޖޫން މަހާ އަޅާބަލާއިރު 14 އިންސައްތަ ވަނީ އިތުރުވެފައެވެ. މި ދިޔަ އަހަރުގެ ޖޫންމަހު ދިވެހިރާއްޖެއަށް އެތެރެކޮށްފައިވަނީ 2.4 ބިލިއަން ރުފިޔާގެ މުދަލެވެ. މިއަހަރުގެ ޖޫން މަހު މި ޢަދަދު ވަނީ 2.8 ބިލިއަން ރުފިޔާއަށް އިތުރުވެފައެވެ.

ފާއިތުވެދިޔަ ޖޫންމަހު ރާއްޖެއިން އެކްސްޕޯޓް ކުރެވުނު މިންވަރު ވަނީ މިދިޔަ އަހަރުގެ މި މުއްދަތާ އަޅާބަލާއިރު 24 އިންސައްތަ ދަށްވެފައެވެ. މިދިޔަ އަހަރުގެ ޖޫންމަހު 288.6 މިލިއަން ރުފިޔާގެ މުދާ ރާއްޖެއިން ބޭރުކޮށްފައިވެއެވެ. މި އަހަރުގެ ޖޫންމަހު މި ޢަދަދު  218.4 މިލިއަން ރުފިޔާއަށް ދަށްވެފައިވާ ކަމަށްވެސް ކަސްޓަމްސްގެ ތަފާސް ހިސާބުތަކުން ދައްކައެވެ.