ޔުއެފާ ޔޫރޮޕާ ލީގުގެ ކުއާޓާ ފައިނަލް ދެވަނަ ލެގުގައި އެއިންޓްރެކްޓް ފްރެންކްފަޓާ ދެކޮޅަށް ކުޅުނު މެޗު 1-0 ގެ ނަތީޖާއަކުން ކާމިޔާބުކޮށް، މުބާރާތުގެ ސެމީ ފައިނަލުގެ ޖާގައެއް ޓޮޓްނަމް ހޮޓްސްޕަރއިން ހޯދައިފިއެވެ.
މި ދެ ޓީމުގެ ފުރަތަމަ ކުރިމަތިލުން 1-1 ގެ ނަތީޖާއަކުން އެއްވަރުވެފައިވާއިރު ރޭ ރަށުން ބޭރުގައި ޓޮޓްނަމް ކުޅުނު މެޗު ކާމިޔާބު ކުރުމާއިއެކު އެ ޓީމަށް ކުރި ލިބިފައިވަނީ 2-1 ގެ އެގްރިގޭޓް ނަތީޖާއަކުންނެވެ.
ދެ ޓީމުގެ ފަރާތުންވެސް ވާދަވެރި ކުޅުމެއް ފެނިގެން ގޮސްފައިވާ މި މެޗުގައި ފެނިގެންދިޔަ ހަމައެކަނި ލަނޑު މެޗުގެ ފުރަތަމަ ހާފުގެ ކުޅުން ނިމެން ދެ މިނިޓަށް ވެފައިވަނިކޮށް ޓޮޓްނަމް އަށް ކާމިޔާބުކޮށްދީފައިވަނީ ޑޮމިނިކް ސޮލާންކޭ އެވެ.
މި ލަނޑަކީ ފްރެންކްފަޓްގެ ގޯލުކީޕަރު ކައުއާ ސަންޓޯސް ޖޭމްސް މެޑިސަން އަށް ކުރި ފައުލަކާއި ގުޅިގެން އެ ޓީމަށް ލިބުނު ޕެނަލްޓީ އެކެވެ. ރެފްރީ ފުރަތަމަ ޕެނަލްޓީއެއް ދީފައިނުވި ނަމަވެސް ކުޅުންތެރިން ޝަކުވާ ކުރަން ފެށުމާއި ގުޅިގެން ވީޑިއޯ ބެލުމަށްފަހު ރެފްރީ ވަނީ އޭނާގެ ނިންމުން ބަދަލުކޮށް ޕެނަލްޓީއެއް ދީފަ އެވެ.
މި ލަނޑަށްފަހު ޓޮޓްނަމްގެ ކުޅުންތެރިން ބޮޑަށް ކުޅެފައިވަނީ އެ ޓީމުގެ ފަހަތަށް އިސްކަން ދީގެން ކައުންޓަރ އެޓޭކްތަކުގައި އިދިކޮޅު ޓީމުގެ ގޯލަށް ނުރައްކާ ކުރަމުންނެވެ.
މި ސީޒަނުގެ ޕްރިމިއާ ލީގުގައި އެދެވޭ ނަތީޖާތަކެއް ހޯދިފައިނުވާއިރު ޓޮޓްނަމްގެ ކޯޗު ޕޮސްޓެކޮގްލޫ އަށް ގިނަ ބައެއްގެ ފާޑުކިއުންތައް ވަނީ އަމާޒުވެފަ އެވެ. އަދި މި ނަތީޖާ އާއިއެކު މުބާރާތުގެ ސެމީ ފައިނަލުގެ ޖާގައެއް އެ ޓީމަށް ލިބުމުން އޭނާއަށް ވަނީ ކޮންމެވެސް ވަރެއްގެ ހިތްހަމަ ޖެހުމެއް ލިބިފަ އެވެ.
މި މެޗުގެ ދެވަނަ ހާފުގައިވެސް ޓޮޓްނަމް އަށް ވަނީ ލަނޑު ޖަހަން ރަގަޅު ފުރުސަތުތަކެއް ލިބިފަ އެވެ. އޭގެ ތެރެއިންވެސް ކްރިސްޓިއަން ރޮމޭރޯ އަށް ލިބުނު ފުރުސަތު ފާހަގަ ކޮށްލެވެއެވެ. ޓޮޓްނަމް އަށް ލިބުނު ކޯނަރަކުން ރޮމޭރޯ ފޮނުވާލި ބޯޅަ ދަނޑި ކައިރިން ބޭރުވެފައިވާއިރު ރޮޑްރިގޯ ބެންޓަންކޫރު ބޮލުން ފޮނުވާލި ބޯޅަ ވަނީ ގޯލުގެ ހުރަސް ދަނޑި މަތިން ބޭރުވެފަ އެވެ.