ޚަބަރު

އީރާނުގެ ނިއުކްލިޔަރ މަޝްރޫޢާ ގުޅޭ މަޝްވަރާތަކުގައި ބައިވެރިވާންޖެހޭ ކަމަށް އައިއޭއީއޭ ބުނެފި


އީރާނުގެ ނިއުކްލިޔަރ މަޝްރޫޢުއާ ގުޅޭގޮތުން އެ ޤައުމާއި އެމެރިކާއާ ދެމެދު ކުރިއަށްދާ މަޝްވަރާތަކުގައި އީރާނުގެ ނިއުކްލިޔަރ ޕުރޮގުރާމު މޮނިޓަރު ކުރާ އެޓޮމިކް ހަކަތައާ ބެހޭ ބައިނަލްއަޤުވާމީ އިދާރާ (އައިއޭއީއޭ)އިން ބައިވެރިވާން ޖެހޭނެ ކަމަށް އެ އިދާރާއިން ބުނެފިއެވެ.

ޢުމާން މެދުވެރިވެ އެމެރިކާއާއި އީރާނާ ދެމެދު ކުރިމުންދާ މަޝްވަރާތަކުގެ ފުރަތަމަ ބުރު މިދިޔަ ހޮނިހިރު ދުވަހު ނިންމާލާފައިވާ އިރު ދެވަނަ ބުރު އަންނަ ހޮނިހިރު ދުވަހު ބޭއްވުމަށް ވަނީ ހަމަޖެހިފައެވެ. ދެ ޤައުމުގެ ދެމެދުގައި ކުރިއަށްދާ މަޝްވަރާތަކުން އެދެވޭ ނަތީޖާއެއް ނުނެރެވި ނާކާމިޔާބު ވެއްޖެ ނަމަ އީރާނަށް ބޮން އަޅާނެ ކަމުގެ އިންޒާރު އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕް ވަނީ ދެއްވައިފައެވެ.

އައިއޭއީއޭގެ އިސްވެރިޔާ ރަފައެލް ގްރޮސީ ވަނީ އީރާނުގެ އިސްވެެރިންނާއެކު މަޝްވަރާތައް ކުރެއްވުމަށް މިދިޔަ ބުދަ ދުވަހު އެ ޤައުމަށް ދަތުރު ކުރައްވައިފައެވެ. ނިއުކްލިޔަރ މަޝްރޫޢުއާ ގުޅޭގޮތުން އެމެރިކާއާއި އީރާނާ ދެމެދު ކުރިއަށްދާ މަޝްވަރާތަކުގައި އައިއޭއީއޭއަށް ޢަދާ ކުރެވިދާނެ ދައުރާ ގުޅޭގޮތުން އޭނާ ވަނީ އީރާނުގެ ޚާރިޖީ ވަޒީރާއި ނިއުކްލިޔަރ މަޝްރޫޢުގެ އިސްވެރިޔާއާއެކު މަޝްވަރާ ކުރައްވައިފައެވެ.

ގްރޮސީ ވިދާޅުވީ އެމެރިކާއާއި އީރާނާ ދެމެދު މަޝްވަރާ ކުރުމުގައި އައިއޭއީއޭއިން މެދުވެރިއެއްގެ ދައުރު ޢަދާ ކުރެވިދާނެ ގޮތްތަކާއި، މަޝްވަރާތަކުން އެދެވޭ ނަތީޖާއެއް ނެރުމަށް އެހީތެރިވެދެވިދާނެ ގޮތްތަކާމެދު އެމެރިކާއާއެކު ވެސް ވާހަކަ ދައްކަވަމުންދާ ކަމަށެވެ.

2015އަހަރުގެ ތެރޭގައި އެމެރިކާގެ ކުރީގެ ރައީސް ބަރަކް އޮބާމާގެ ސަރުކާރާއި ވިލާތުގެ ބައިވެރިން ވަނީ އީރާނުގެ ނިއުކްލިޔަރ މަޝްރޫޢު ހުއްޓުވުމަށް އެ ޤައުމާ އެކު އެއްބަސްވުމެއް ޤާއިމު ކޮށްފައެވެ. ނަމަވެސް 2018ވަނަ އަހަރު އެމެރިކާގެ ރައީސްކަމުގެ މަޤާމާ ޓްރަމްޕް ފުރަތަމަ ޙަވާލުވެވަޑައިގެންނެވި ދައުރުގައި އޭނާ ވަނީ އެ އެއްބަސްވުމުން އެމެރިކާ ވަކި ކޮށް އީރާނާ ދެކޮޅަށް ވަރުގަދަ ދަތިކުރުމުގެ ފިޔަވަޅުތައް އަޅުއްވާފައެވެ. އެ ފިޔަވަޅުތަކުގެ ސަބަބުން އީރާނުގެ އިޤްތިޞާދު ވަނީ ފުނޑުފުނޑުވެފައެވެ. އެމެރިކާއިން އެ ފިޔަވަޅު އަޅާފައި ވަނީ ޔަހޫދީންގެ ނިރުބަވެރި ބޮޑުވަޒީރު ބެންޖަމިން ނަތަންޔާހޫގެ ހިތްވަރު ދިނުމާ އެކުގައެވެ. އޭގެ ފަހުން އީރާނުން ވަނީ އެ ޤައުމުގެ ނިއުކްލިޔަރ މަޝްރޫޢު އަލުން ފަށައި ޔުރޭނިއަމް މުއްސަނދި ކުރަން ފަށާފައެވެ. އެ ގޮތުން އީރާނުން ޔޫރޭނިއަމް ސާފު ކުރާ މިންވަރު ވަނީ 60 އިންސައްތައަށް އިތުރު ކޮށްފައެވެ. ހަތިޔާރު ގުރޭޑަށް ވާޞިލްވުމަށް ޔުރޭނިއަމް ސާފު ކުރަން ޖެހެނީ 90 އިންސައްތައަށެވެ. އީރާނުން ބުނަމުުން ދަނީ އެ ޤައުމުގެ ނިއުކްލިޔަރ މަޝްރޫޢުއަކީ ސުލްޙަވެރި މަޝްރޫޢުއެއް ކަމަށެވެ.

ހުސްވި ޖަނަވަރީ މަހުގެ 20ވަނަ ދުވަހު އެމެެރިކާގެ ރައީސްގެ މަޤާމާ ދެވަނަ ދައުރަކަށް ޙަވާލުވެވަޑައިގެންފައިވާ ޓްރަމްޕް ވަނީ އީރާނާއެކު އައު ނިއުކްލިޔަރ އެއްބަސްވުމެއް އަނެއްކާ ވެސް ޤާއިމު ކުރުމުގެ މަސައްކަތް ކުރައްވަން ބޭނުންފުޅުވާ ކަމަށް ވިދާޅުވެފައެވެ. އޭނާ އެހެން ވިދާޅުވީ އީރާނާ ދެކޮޅަށް ވެރިކަމުގެ ފުރަތަމަ ދައުރުގައި އެޅުއްވި ދަތިކުރުމުގެ ފިޔަވަޅުތަކަށް އެމެރިކާގެ ނިމުނު ސަރުކާރުން ލުއި ދީފައި ވަނިކޮށް, އަލުން ވެރިކަމާ ޙަވާލުވެވަޑައިގަންނަވާ އެ ފިޔަވަޅުތައް އިޢާދަ ކުރައްވާފައި ވެސް ވަނިކޮށެވެ. އީރާނާއެކު ރަނގަޅު އެއްބަސްވުމަކަށް އަންނަން ބޭނުންފުޅުވާ ކަމަށާއި އެއީ އެ އީރާނުގެ ރައްޔިތުން ދިރިއުޅުމައިގެން ކުރިއަށް ދެވޭނެ ފަދަ އެއްބަސްވުމަކަށް ވާން އެދޭ ކަމަށް އޭނާ ވަނީ ވިދާޅުވެފައެވެ. އެމެރިކާއާއެކު އެއްބަސްވުމަކާ ހަމައަށް ނާންނަ ނަމަ އީރާނަށް އީރާނަށް ބޮން އަޅާނެ ކަމުގެ އިންޒާރު ޓްރަމްޕް ވަނީ އެކި ފަހަރުމަތިން ތަކުރާރު ކުރައްވައިފައެވެ.