ޚަބަރު

ސަޢުދީ ސަރުކާރުން ރާއްޖެއަށް 25000 މުސްހަފް ހަދިޔާކޮށްފި


  • މުސްހަފްތަކާއި ޙަވާލުވެވަޑައިގަތީ ވަޒީރު ޑރ.މުޙައްމަދު ޝަހީމް

ޤުރްއާން ކުލާސްތަކާއި ޤުރްއާން ހިތުދަސްކުރުމުގެ މަޝްރޫޢުތަކަށް ބޭނުންވާ މުސްހަފް، ސަޢޫދީ ޢަރަބިއްޔާގެ ސަރުކާރުން އިސްލާމީކަންތައްތަކާ ބެހޭ ވުޒާރާއަށް ހަދިޔާކޮށްފިއެވެ. މިބެޗުގައި 25000 މުސްހަފް ސަޢުދީން ވަނީ ރާއްޖެއަށް ހަވާލުކޮށްފައެވެ.

މުސްހަފް ހަދިޔާކުރުމަށް އިސްލާމީ ކަންތައްތަކާ ބެހޭ ވުޒާރާގައި މިއަދު ބޭއްވި ރަސްމިއްޔާތެއްގައި މުސްހަފްތައް ވުޒާރާއާއި ހަވާލުކޮށްދެއްވީ ސަޢުދީ އެމްބަސީގެ ފަރާތުން ޗާޖް ޑި އެފެއަރޒް ފަހުދު އަލްދޯސްރީއެވެ. އިސްލާމީ ކަންތައްތަކާ ބެހޭ ވުޒާރާގެ ފަރާތުން މުސްހަފްތަކާއި ހަވާލުވެވަޑައިގަތީ ވަޒީރު ޑރ.މުޙައްމަދު ޝަހީމް ޢަލީ ސަޢީދެވެ.

މިރަސްމިއްޔާތުގައި ވާހަކަފުޅުދައްކަވަމުން ވަޒީރު ޝަހީމް ވިދާޅުވީ ސަޢުދީ ސަރުކާރުން ހަދިޔާކުރި މުސްޙަފްތަކަކީ ކީރިތި ޤުރުއާނުގެ ޢިލްމު ފުޅާ ކުރުމަށް ސަރުކާރުން ކުރަމުންދާ މަސައްކަތަށް ލިބުނު އިތުރު ކުރިއެރުމެއްކަމަށެވެ. އަދި މިއީ ސަޢުދީ ޢަރަބިއްޔާއާއި ދިވެހިރާއްޖެއާ ދެމެދު އޮތް ގުޅުން އިތުރަށް ހަރުދަނާވެގެންދާނެކަމެއްކަމަށެވެ. ސަޢުދީ ސަރުކާރުން ރާއްޖެއަށް މުސްހަފް ހަދިޔާކުރެއްވީތީ ސަޢޫދީ ޢަރަބިއްޔާގެ ރަސްގެފާނު ސަލްމާން ބުން ޢަބްދުލް ޢަޒީޒާއި އެ މަނިކުފާނުގެ ވަލިއްޔުލް ޢަހުދު އަލްއަމީރު މުޙައްމަދު ބުން ސަލްމާންއަށް ވަޒީރު ޝަހީމްވަނީ ޝުކުރު އަދާ ކުރައްވާފައެވެ.

"މި މުސްހަފް އަޅުގަނޑުމެންނަށް މި ވަގުތު ލިބިގެންދިއުމަކީ އަޅުގަނޑުމެންނަށް ވަރަށް ބޮޑު އުފާވެރިކަމެއް ލިބިގެންދިޔަ ކަމެއް. އެހެންކަމުން ސަޢުދީ އަރަބިއްޔާގެ ރަސްގެފާނަށާއި އަދި އެމަނިކުފާނުގެ ވަލިއްޔުލް ޢަހުދު އަލްއަމީރަށް އަޅުގަނޑު ވަރަށް ބޮޑަށް ޝުކުރުދަންނަވަން". ވަޒީރު ޑރ.ޝަހީމް ވިދާޅުވިއެވެ.

ރާއްޖޭގެ އެކި އަތޮޅުތަކުގެ ޤުރުއާން ހިތުދަސްކުރުމުގެ ޕްރޮގްރާމްތަކާއި ހިލޭ ސާބަހަށް ކީރިތި ޤުރުއާން އުނގަންނައިދިނުމުގެ މަސައްކަތް ރާއްޖޭގައި ފުޅާކުރުމަކީ ރައީސުލްޖުމްހޫރިއްޔާ ޑރ.މުޙައްމަދު މުޢިއްޒު ޚާއްސަ އިސްކަމެއް ދެއްވާކަމެއްކަން ފާހަގަކުރައްވާ ވަޒީރު ވިދާޅުވީ، މިމަޝްރޫޢު އިތުރަށް ފުޅާކޮށް ކުރިއަށްގެންދިއުމަށް ބޭނުންވާކަމަށެވެ. އެގޮތުން ސަޢުދީ ސަރުކާރުން ހަދިޔާކުރި މުސްހަފްތަކަކީ މި މަޝްރޫޢު ކުރިއަށް ގެންދިއުމަށް ބޭނުން ކުރެވިގެންދާނެ މުސްޙަފްތަކެއްކަން ވަޒީރު ފާހަގަކުރެއްވިއެވެ.

މިއީ މިއީ ރާއްޖެއާއި ސަޢުދީ ސަރުކާރާއި ދެމެދު އޮތް ޒަމާންވީ ގުޅުން ދައްކުވައިދޭ ކަމެއްކަމަށާއި، ކުރިއަށް އޮތްތާގައި ސަޢުދީ ސަރުކާރުގެ ފަރާތުން އެވުޒާރާއަށް ރަނގަޅު ފުރުސަތުތަކެއް ލިބިގެންދާނެކަމަށް އުއްމީދުކުރައްވާކަމަށް ވަޒީރު ވިދާޅުވިއެވެ.