ޚަބަރު

މޮރޮކޯގައި އޮންނަ ބައިނަލްއަޤުވާމީ ޤުރުއާން މުބާރާތެއްގައި ބައިވެރިވާން ހުޅުވާލައިފި


  • މި މުބާރާތް އޮންނާނީ މިއަހަރުގެ އޮގަސްޓުމަހު

  • މި މުބާރާތަށް ބައިވެރިން ހޮވާނީ ބައިވެރިވުމަށް އެދި ހުށަހަޅާ ފަރާތްތައް އިމްތިހާނުކުރުމަށްފަހު

މޮރޮކޯގައި ބޭއްވުމަށް ހަމަޖެހިފައިވާ ބައިނަލްއަޤުވާމީ ޤުރުއާން މުބާރާތެއްގައި ބައިވެރިވުމުގެ ފުރުސަތު އިސްލާމީ ކަންތައްތަކާ ބެހޭ ވުޒާރާއިން ހުޅުވާލައިފިއެވެ. މި މުބާރާތުގައި ބައިވެރިވާން އެދޭ ފޯމު ކީރިތި ޤުރުއާނާއި ބެހޭ މަރުކަޒުން މިހާރު ދަނީ ދޫކުރަމުންނެވެ.

އިސްލާމީ ކަންތައްތަކާ ބެހޭ ވުޒާރާއިން ވިދާޅުވީ، މޮރޮކޯގައި ބޭއްވުމަށް ހަމަޖެހިފައިވާ ބައިނަލްއަޤުވާމީ ޤުރްއާން މުބާރާތުގައި ބައިވެރިވުމުގެ ދަޢުވަތު ރާއްޖެއަށް ލިބިފައިވާތީ، އެ މުބާރާތުގައި ބައިވެރިވުމުގެ ފުރުސަތު އާންމުކޮށް ހުޅުވާލާފައިވާކަމަށެވެ. މި މުބާރާތް އޮންނާނީ މިއަހަރުގެ އޮގަސްޓުމަހުގެ ތެރޭގައެވެ.

މުބާރާތުގައި ބައިވެރިވުމުގެ ޝަރުޠުތައް:

* ހިޖުރީ ގޮތުން އުމުރުން 10 އަހަރާއި 40 އަހަރާއި ދެމެދުގެ ފަރާތަކަށްވުން
* ދިވެހި ރައްޔިތަކަށްވުން
* ރާއްޖޭގެ މަޝްހޫރު ޤާރީއަކަށް ނުވުން
* ކުރީގައި މި މުބާރާތުގައި ބައިވެރިވެފައިވާ ފަރާތަކަށް ނުވުން

ބައިވެރިވެވޭ ގޮފިތަކާއި ގޮފިތަކަށް ޚާއްޞަ ޝަރުތުތައް:

މިމުބާރާތުގައި ބައިވެރިވުމަށް ހުޅުވާލާފައިވަނީ މުޅި ޤުރްއާން އެއްކޮށް ތަޖުވީދުގެ ހަމަތަކާއެކު ހިތުން ކިޔެވުމާއެކު ޤުރްއާނުގެ 7 ވަނަ ފޮތާއި 8 ވަނަ ފޮތުން ކަނޑައެޅޭ އާޔަތްތަކެއްގެ ތަފްސީރުކިޔުމުގެ ބަޔާއި، ވިދިވިދިގެން ޤުރްއާނުގެ 5 ޙިޒްބު (2 ފޮތް ބައި) ތަޖުވީދުގެ ހަމަތަކާއެކު ތަރުތީލުކޮށް ނުބަލައި ކިޔެވުމުގެ ބައެވެ. މީގެ ތެރެއިން މުޅި ޤުރްއާން އެއްކޮށް ތަޖުވީދުގެ ހަމަތަކާއެކު ހިތުން ކިޔެވުމާއެކު ޤުރްއާނުގެ 7 ވަނަ ފޮތާއި 8 ވަނަ ފޮތުން ކަނޑައެޅޭ އާޔަތްތަކެއްގެ ތަފްސީރުކިޔުމުގެ ގޮފީގައި ބައިވެރިވެވޭނީ ރަނގަޅަށް ޢަރަބި ބަހުން މުޢާމަލާތުކުރަން އެނގޭ، ޤުރްއާން ޙިފްޡުކޮށް ސަނަދު ޙާޞިލުކޮށްފައިވާ އަދި ރަނގަޅަށް ތަޖުވީދުގެ ޙުކުމްތަކާއެކު ކިޔަވަން އެނގޭ ފަރާތްތަކަށެވެ.

ވިދިވިދިގެން ޤުރްއާނުގެ 5 ޙިޒްބު (2 ފޮތް ބައި) ތަޖުވީދުގެ ހަމަތަކާއެކު ތަރުތީލުކޮށް ނުބަލައި ކިޔެވުމުގެ ގޮފީގައި ބައިވެރިވެވޭނީ ޙިޒްބުތައް ވަކިކުރަން އެނގޭ ފަރާތްތަކަށެވެ. އަދި މިގޮތްޕަށް ބައިވެރިޔަކު ހޮވުމުގައި ޤުރްއާން ހިތުދަސް ޙާފިޡުންނަށް އިސްކަން ދެވޭނެކަމަށް، އިސްލާމީ ކަންތައްތަކާ ބެހޭ ވުޒާރާއިން ވިދާޅުވިއެވެ.

މި މުބާރާތަކީ ދެ ޖިންސަށްވެސް ބައިވެރިވެވޭގޮތަށް ހުޅުވާލެވިފައިވާ މުބާރާތެއްކަމަށާއި، މި މުބާރާތަށް ބައިވެރިން ހޮވާނީ ބައިވެރިވުމަށް އެދި ހުށަހަޅާ ފަރާތްތައް އިމްތިހާނުކުރުމަށްފަހުކަމަށް އެ ވުޒާރާއިން މަޢުލޫމާތުދެއްވައެވެ.

މީގެ އިތުރުން، އުމުރުން 18 އަހަރު ނުވާ ކުއްޖަކު ނުވަތަ ފެނުމުން މަޙްރޫމުވެފައިވާ ފަރާތްތަކާއި ޚާއްސަ އެހީއަށް ބޭނުންވާ ފަރާތެއް މުބާރާތަށް ދިއުމަށް ހޮވިއްޖެނަމަ އެބައިވެރިޔަކާ އެކުގައި އެއް ބެލެނިވެރިޔަކު ގެންދިޔުމަށް ބޭނުންވާ އިންތިޒާމް މުބާރާތް ބާއްވާ ފަރާތުން ހަމަޖައްސަވައިދެއްވާނެކަމަށްވެސް އެ ވުޒާރާއިން ވިދާޅުވިއެވެ.

މި މުބާރާތުގައި ބައިވެރިވުމަށް ޝައުޤުވެރިވާ ފަރާތްތަކުން މިމަހުގެ 21 ވަނަ ދުވަހުގެ މެންދުރު 12:00ގެ ކުރިން ކީރިތި ޤުރުއާނާއި ބެހޭ މަރުކަޒަށް ހުށަހެޅުމަށް އިސްލާމީ ކަންތައްތަކާ ބެޙޭ ވުޒާރާއިން ވަނީ އެދިވަޑައިގެންފައެވެ.