ޚަބަރު

ޕެލަސް ބަލިކޮށް ނިއުކާސަލް ތިންވަނައަށް


އިނގިރޭސި ޕްރިމިއަރ ލީގުގައި ރޭ ކްރިސްޓަލް ޕެލަސްއާ ދެކޮޅަށް ކުޅުނު މެޗު 5-0 ގެ ނަތީޖާއަކުން ކާމިޔާބުކޮށް، ތާވަލުގެ ތިންވަނަ މަގާމު ނިއުކާސަލް ޔުނައިޓެޑުން ހޯދައިފިއެވެ.

ނިއުކާސަލްގެ ސެއިންޓް ޖޭމްސް ޕާކްގައި ކުޅުނު މި މެޗު ކާމިޔާބު ކުރުމާއެކު ނިއުކާސަލް އަށް ވަނީ 32 މެޗުން 59 ޕޮއިންޓާއެކު ތިންވަނަ މަގާމް ލިބިފަ އެވެ. ދެވަނައިގައި އޮތް އާސެނަލް އަށް 63 ޕޮއިންޓް ލިބިފައިވާއިރު ހަތަރު ވަނައިގައި އޮތް ނޮޓިންހަމް ފޮރެސްޓަށް ލިބިފައިވަނީ 57 ޕޮއިންޓެވެ.

ނިއުކާސަލް ޔުނައިޓެޑް އިން މޮޅު ކުޅުމެއް ދައްކާފައިވާ މި މެޗުގެ 14 ވަނަ މިނިޓުގައި ޖެކޮބް މާފީ ވަނީ ލަނޑެއް ޖަހާ އެ ޓީމަށް ކުރި ހޯދަދީފަ އެވެ.

ނިއުކާސަލް އިން ލަނޑެއް ޖަހާ ކުރި ހޯދިތާ ގިނައިރުތަކެއް ނުވަނީސް ޕެލަސް އަށް ވަނީ މެޗުގެ ނަތީޖާ އެއްވަރު ކުރުމަށް ރަގަޅު ފުރުސަތެއް ލިބިފަ އެވެ. ޕެނަލްޓީ އޭރިޔާ ތެރެއިން ކްރިސް ރިޗަޑް އަށް ފައުލް ކުރުމާއި ގުޅިގެން އެ ޓީމަށް ލިބުނު ޕެނަލްޓީ އެބެރެޗީ އެޒޭ ފޮނުވާލުމުން ކީޕަރު ނިކް ޕޯޕް ވަނީ އެ ޕެނަލްޓީ ދިފާއުކޮށްފަ އެވެ.

ނިއުމޯނިޔާ ޖެހިގެން ހޮސްޕިޓަލުގައި ފަރުވާ ހޯދަމުންދާ ނިއުކާސަލްގެ ކޯޗު އެޑީ ހޯވޭ ނެތި އެ ޓީމުން ކުޅުނު މި މެޗުގެ 38 ވަނަ މިނިޓުގައި ޕެލަސްގެ ޑިފެންޑަރ މާކް ގުއޭހީ އަތުން ބައިކޮޅަށް ވަން ލަނޑާއެކު ނިއުކާސަލް އަށް ވަނީ މެޗުގެ ފަރަގު ބޮޑުވެފަ އެވެ. މިދިޔަ ނޮވެމްބަރު މަހު މި ދެ ޓީމު ބައްދަލުކުރި މެޗުގައިވެސް މާކް ގުއޭހީ އަތުން ވަނީ ބައިކޮޅަށް ލަނޑެއް ވަދެފަ އެވެ.

އަދި ފުރަތަމަ ހާފުގެ އިތުރު ވަގުތުގެ ގޮތުގައި ދެއްކި އަށް މިނިޓުގެ ތެރެއިން ދެވަނަ މިނިޓުގައި ހާވޭ ބާރންސް ވަނީ އިތުރު ލަނޑެއް ކާމިޔާބުކޮށްފަ އެވެ.

މި މެޗުގެ ފުރަތަމަ ހާފުގެ ކުޅުން ނިމުމުގެ ކުރިން ފަބިއަން ޝާ ވަނީ އިތުރު ލަނޑެއް ޖަހާ މެޗުގެ ނަތީޖާ 4-0 އަށް ބަދަލުކޮށްފަ އެވެ.

ނިއުކާސަލް ޔުނައިޓެޑް އިން މި މެޗުގައި ޖެހި ފަސްވަނަ ލަނޑު މެޗުގެ 58 ވަނަ މިނިޓުގައި އެ ޓީމަށް ކާމިޔާބުކޮށްދީފައިވަނީ ރަގަޅު ފޯމެއްގައި މިވަގުތު ހުރި އެލެކްޒެންޑަރ އިސާކް އެވެ. މިއީ މި ސީޒަނުގައި އޭނާ ޖެހި 25 ވަނަ ލަނޑެވެ.

މި މެޗުން ބަލިވި ކްރިސްޓަލް ޕެލަސް އަށް 32 މެޗުން ލިބިފައިވާ 43 ޕޮއިންޓާއެކު އެ ޓީމު އޮތީ ތާވަލުގެ 12 ވަނައިގަ އެވެ.