ޔުއެފާ ޗެމްޕިއަންސް ލީގުގެ ސެމީ ފައިނަލްގެ ޖާގައެއް އިޓަލީގެ އިންޓަރ މިލާނުން ހޯދައިފިއެވެ. އިންޓަރ މިލާނުން މި މުބާރާތުގެ ސެމީ ފައިނަލުގެ ޖާގައެއް ހޯދާފައިވަނީ ކުއާޓާ ފައިނަލް ދެވަނަ ލެގުގައި ރޭ ޖަރުމަނުގެ ބަޔާން މިއުނިކާ ދެކޮޅަށް ކުޅުނު މެޗު 2-2 ގެ ނަތީޖާއަކުން އެއްވަރުކޮށްގެންނެވެ. ފުރަތަމަ ލެގުގައި މި ދެ ޓީމު ބައްދަލުކުރި މެޗު 2-1 ގެ ނަތީޖާއަކުން އިންޓަރ މިލާން ކާމިޔާބުކޮށްފައިވާތީ އެ ޓީމަށް ކުރި ލިބިފައިވަނީ 4-3 ގެ އެގްރިގޭޓް ނަތީޖާއަކުންނެވެ.
މިލާނުގެ ސެންސީރޯ ސްޓޭޑިއަމްގައި ހަތްދިހަ ފަސް ހާހަށްވުރެ ގިނަ މީހުންގެ ކުރިމަތީގައި ކުޅުނު މި މެޗުގައި ބަޔާން މިއުނިކް އިން ވަނީ މެޗު ޑޮމިނޭޓް ކޮށްގެން އިދިކޮޅު ޓީމުގެ ގޯލަށް ނުރައްކާތެރި ގިނަ ހަމަލަތަކެއް ފޮނުވާލާފަ އެވެ.
ދެ ޓީމުގެ ފަރާތުންވެސް ވާދަވެރި ކުޅުމެއް ފެނިގެން ގޮސްފައިވާ މި މެޗުގެ ފުރަތަމަ ހާފުގައި އެއްވެސް ޓީމަކަށް ލަނޑެއް ކާމިޔާބު ކުރެވިފައިނުވި ނަމަވެސް ދެވަނަ ހާފުގެ ކުޅުން ފެށުނުތާ ހަތްވަނަ މިނިޓުގައި ހެރީ ކޭން ވަނީ ލަނޑެއް ޖަހާ ބަޔާން މިއުނިކަށް ކުރި ހޯދަދީފަ އެވެ.
ނަމަވެސް އޭގެ ހަ މިނިޓު ފަހުން އިންޓަރ މިލާނުގެ ކެޕްޓަން ލައުޓާރޯ މާޓިނޭޒް ވަނީ ލަނޑެއް ޖަހާ މެޗުގެ ނަތީޖާ އެއްވަރުކޮށްފަ އެވެ.
މި މެޗުގެ 61 ވަނަ މިނިޓުގައި އިންޓަރ މިލާނަށް ލިބުނު ކޯނަރެއް ހަކާން ކަލަނޮގްލޫ ނަގައިދިން ވަގުތު ބެންޖަމިން ޕަވާޑު ވަނީ އިތުރު ލަނޑެއް ޖަހާ މި މެޗުގައި އިންޓަރ މިލާނަށް ފުރަތަމަ ފަހަރަށް ކުރި ހޯދަދީފަ އެވެ.
ބަޔާން މިއުނިކް އިން މި މެޗުގެ ނަތީޖާ އެ ޓީމު ކޮޅަށް އަނބުރާލަން ކުރަމުން ދިޔަ މަސައްކަތަށް އިތުރު ހިތްވަރެއް ލިބިގެންދިޔައީ މެޗުގެ 76 ވަނަ މިނިޓުގައި އެރިކް ޑަޔާ ކާމިޔާބުކޮށްދިން ލަނޑާއެކު މެޗުގެ ނަތީޖާ އެއްވަރުވުމުންނެވެ.
މި މެޗުގެ އިތުރު ވަގުތުގެ ކުޅުމުގައި އެގްރިގޭޓް ނަތީޖާ އެއްވަރު ކުރުމަށް ބަޔާން މިއުނިކަށް ވަނީ ރަގަޅު ފުރުސަތެއް ލިބިފަ އެވެ. ނަމަވެސް ތޯމަސް މުލާ ބޮލުން ފޮނުވާލި ބޯޅަ އިންޓަރ މިލާނުގެ ކީޕަރު ޔާން ސޮމާ ވަނީ ވަރަށް ހުށިޔާރު ކަމާއެކު ދިފާއުކޮށްފަ އެވެ.
އަދި މި މެޗުގައި ވަގުތު ނަގާލުމުގެ ގޮތުން ބޯލް ބޯއިއެއް ބޯޅަ ދުރަށް އެއްލާލުމުން ބަޔާން މިއުނިކްގެ ޖޮސިޕް ސްޓަނިސިޗް ވަނީ ބޯލް ބޯއި ހުރި ގޮނޑިން ކޮށްޕާ ދުރަށް ފޮނުވާލާފަ އެވެ.
މި މުބާރާތުގެ ސެމީ ފައިނަލުގައި އިންޓަރ މިލާން ނިކުންނާނީ ސްޕެއިންގެ ބާސެލޯނާ އާއި ދެކޮޅަށެވެ.